މި ޒަމާނަށް ބަލާއިރު، ކެންސަރު ވެފައިވަނީ އެންމެ ނުރައްކާތެރި ބައްޔަށެވެ. އެކި ގުނަވަންތަކަށް ޖެހޭ ކެންސަރާއެކު، އެންމެ ގިނަ މީހުން ދުނިޔެ ދޫކުރުމަށް މަގުފަހިކުރުވާ އެއް ބަޔަކީވެސް މިއީއެވެ. އެހެންނަމަވެސް، ހުރިހާ ޒާތެއްގެ ކެންސަރަށް، އެކަށޭނެ ފަރުވާއެއް އަދިވެސް ހޯދިފައި ނުވެއެވެ.

އެހެންނަމަވެސް، ފަރުވާ ނެތުމަށް ނިމުމެއް އައުމާ ގާތަށް، ސައިންސާއި ޓެކްނޮލޮޖީ މިވަނީ ފިޔަވަޅެއް އަޅާފައެވެ. މޮޅު ކެމެރާއަކާއެކު، މިކަމަށް ބޭހެއް އުފެއްދިދާނެކަމުގެ އުންމީދުވަނީ އާވެފައެވެ.

ޓެކްނޮލޮޖީގެ މައުލޫމާތު ގެނެސްދޭ ފަރާތްތަކުން ބުނާގޮތުގައި، ސިކުންތަކު 100 މިލިޔަން ފޮޓޯ ނެގުމުގެ ޤާބިލުކަން ލިބިފައިވާ ކެމެރާއަކާއެކު ބައްޔަށް ފަރުވާއެއް ހޯދުމަށް ފަސޭހަވާނެއެވެ. އަދި، މިއީ ސައިންސްވެރިންނާއި ދިރާސާ ކުރާ ފަރާތްތަކުންވެސް ބޭނުންވާ ވަސީލަތްކަމަށްވެއެވެ.

މި ކެމެރާއިން ނަގާ ފޮޓޯތައް ބޭނުންކޮށްގެން، އެކި ބޭސްތަކުން، ކެންސަރ ޓިއުމަރަށް އަސަރުކުރާ ގޮތް ނުވަތަ ރިއެކްޓް ކުރާގޮތް ދެނެގަންނަން ފަސޭހަވާނެއެވެ.

މިއީ މޮޅު ކެމެރާއެއްކަމަށްވާއިރު، މީގެ އަގުވެސް ވަރަށް ބޮޑެވެ. އެގޮތުން، މީގެ އެންމެ ކެމެރާއެއްގެ އަގު ހަ މިލިޔަން ޑޮލަރަށް އަރައެވެ. އެގޮތުން، ކެމެރާގެ އިންޓާނަލް ސެންސަރަށް އެކަނިވެސް ދެ މިލިޔަން އަރާއިރު، އެހެން ބައިތަކަށް ހަތަރު މިލިޔަން ޑޮލަރު އަރައެވެ.

އަގުބޮޑުކަމުގައިވިޔަސް، އެތައް ފަސޭހަތަކެއް މީގެންވާނެއިރު، އަދިވެސް، މި ކެމެރާ ތަރައްޤީ ކުރުމުގެ މަސައްކަތްތައް، ރޮސަލިންޑް އިންސްޓިޓިއުޓުގައި ދަނީ ކުރަމުންނެވެ.