އަހަރެމެންގެ އަމިއްލަ ކާރުގެ ތެރެއިން ހަރުފައެއް ފެނިއްޖެނަމަ އަހަރެމެންނަށް ކަންތައް ކުރެވޭނީ ކިހިނެއް ބާވައެވެ؟ ދުއްވަމުންދާ ކާރުން ފުންމާލެވޭނީ ބާވައެވެ؟ ނުވަތަ ކަމާ ބެހޭ ފަރާތަށް ގުޅޭނީ ބާވައެވެ؟

ކޮންމެއަކަސް މި އަންހެން މީހާ، އެޙާލަތުގައި މަސައްކަތް ކުރީ ވަރަށް ހަމަޖެހިލައިގެން، ވަރަށް ހިކުމަތްތެރިކަމާ އެކުގައެވެ.

ލޮރާ ގޮފް ނަމަކަށް ކިޔާ މި އަންހެން މީހާއަށް، ހަރުފައެއް ފެނުނީ ކާރުގެ އޭސީ ތެރެއިންނެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި އެންމެ ފުރަތަމަ، މެންދުރުގެ ކެއުމަށްފަހު އެނބުރި އޮފީހަށް ދަނިކޮށް ކާރުގެ ތެރެއިން އަޑެއް އިވެން ފެށީއެވެ. އެއަށްފަހު، ބަލާލިއިރު، ކާރުގެ ސަރަކައާ ދިމާއަށް، އޭސީ ތެރެއިން ނިކުމެގެން އަންނަނީ ހަރުފައެކެވެ.

ކާރުގެ އޭސީތެރެއިން ފެނުނު ހަރުފަ- ފޮޓޯ: ވޮޝިންޓަން ޕޯސްޓް

އިތުރަށް ބަލާކަށް ނުހުރެ، އޭނާ ގުޅީ އެމަޖެންސީ ޚިދުމަތްތައް ދޭ ފަރާތްތަކަށެވެ. އެފަރާތްތައް ކުޑަ ވަގުތުކޮޅެއްގައި ކާރު އޮތްތަނަށް އައުމަށްފަހު ހަރުފަ ނަގަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ނުވިކަމަށްވެއެވެ.

ހަރުފައަކާއެކު ލޮރާއަށް އެދުވަހު އޮފީހަށް ދާން ޖެހުނުއިރު، އިންޓަނެޓުން، ހަރުފަ ނަގާނެ އެކި ގޮތްތައް ހޯދިއެވެ. އަދި އެކަންކަން ކުރިއެވެ. އެހެންނަމަވެސް، އެދުވަހު އެކަންކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުގައިވިޔަސް، ތަތްލަވާ އެއްޗެއް، ކާރު ތެރޭގައި ބޭއްވިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ގޮސް ބެލިއިރު، ތަތްލަވާ އެތީގައި ހަރުފަ އޮތީ ތަތްލަވާފައެވެ. އަދި، ނަސީބު ކަން ދިމާކުރިގޮތުން، ހަރުފަ އޮތީވެސް މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު