އަޅާ ކޮންމެ ފިޔަވަޅަކަށް އިވެމުންދިޔައީ ފައިގެ ދަށުގައި ހުރި މުރަނަ ފަތްތައް ފުނޑުފުނޑުވެގެންދާ އަޑެވެ. މިއަޑާ އެކުވެފައިވާ ކަތުރުފަނީގެ އަޑުން މުޅި ސަރަހައްދުގައިވަނީ ނާމާންކަމުގެ ސާލެއް އޮޅިފައެވެ. މައްޗަށް ބަލާލަމުން ފެނިގެންދަނީ ފަލަކުގައި ރަނިކަންކުރާ ސާދަވިލޭރޭގެ ހަނދެވެ. ސަނާއަށް ދެވޭ ނުދެވޭ ދިމާލެއް ނޭނގުނަސް ހިތްވަރުކޮށްފައި ކުރިއަށް ފިޔަވަޅު އަޅަން މަޖުބޫރުވީ ވަދެވިފައިވާ ޖަންގަލިން ސަލާމަތްވުމަށެވެ. ހަނދުގެ އަލި ކައިރިން ފެންނަ ބަނބުކެޔޮ ގަސްތަކާއި ރުށްތައް އަދި އެހެނިހެން ގަސްތަކަށް އެޅިފައިވާއިރު ނާމާންކަމުން ބަލާލަންވެސް ނުކެރެއެވެ. ޖެހޭ ވައިރޯޅިން އެގަސްތަކުގެ ފަތްތައް ވިހުރެވެމުން ދިޔައީ ނާމާންކަމުގެ ފުރިހަމަ އިންޒާރު ދެމުންނެވެ. ގަޑިންވީ އިރެއް ސަނާއަށް ނޭނގުނަސް އެވަގުތަކީ ދަންވަރު ތިނެއްޖެހި ވަގުތެވެ.

ފަހަތުން މީހަކު އަންނަހެން ސަނާއަށް ހީވުމުން ހުރިތަނަށް ހުއްޓި ގަނބުކެއީ އެއަންނަނީ އާދައިގެ އެއްޗެއް ނޫންކަން އިނގޭތީއެވެ. ލޮލަށް ކަރުނަ ޖަމާވީ ބިރުންނާއި ހިތަށް ކުރި އަސަރުންނެވެ. ފަހަތުން އައި ދުންގަނޑެއްފަދަ ކަޅު ކުލައިގެ އެއްޗެކެވެ. އައި ގޮތަށް އައިސް ދެލޯ ބޮޑުވެފައި ހަޅޭއްލަވަންވެސް ނޭނގިފައިހުރި ސަނާ ވަށާލިއެވެ. މުޅިތަނަށް ހަޅޭކެއްގެ އަޑު ވެރިވެގެން ގޮސް ހިނދުނެވެ. ނަމަވެސް އެއަޑުން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ދަންވަރުގެ ނާމާންކަމުގެ ތެރޭގައި ރަށެއްގެ ވަލުތެރޭގައި މީހަކު ހުރެ ހަޅޭއްލެވިޔަސް ވަލާ ދުރު ހިސާބުގެތަކުގައި ނިދާފައި ތިބި މީހުންނަށް އެއަޑު އިވޭނެގޮތަކީ ނެތް ގޮތެކެވެ.

އޭގެ އަނެއް ދުވަހުގެ އިރު ފެނުން ތޮޅެލީ ސަނާ ހޯދުމަށް ރަށު ރައްޔިތުން ނުކުމެ އުޅެނިކޮށެވެ. ފަތިސް ނަމާދަށް ތެދުވި ސަނާގެ މަންމަ އަފީފާ ސަނާ ހޯދާތާ އެތައް އިރެއް ފަހުން އެކަން ރަށު ރައްޔިތުންނަށް އަންގައިގެން މިހާރު އެމީހުންވެސް އެ މަސައްކަތުގައި ބައިވެރިވެއްޖެއެވެ. އެންމެންގެ މިންނެތް މަސައްކަތުން ސަނާ ފެނުނެވެ. ނަމަވެސް އޭރު ސަނާގެ ހާލުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ސަނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކަށް ސަނާ ފެނުނީ ގޮނޑުދޮށުގައި އިސްތަށިގަނޑު މޫނުމައްޗަށް އަޅާލައިގެން ދެފައިކޮށްލައިގެން އިންދައެވެ. މީހުން އައުމުން ހޭން ފެށިގޮތަށް ހުއްޓަލެއް ނުލިއެވެ. ހަމަނުޖެހޭ ވާހަކަތައް ދައްކަން ފެށިއިރުވެސް ހުންނަނީ މޮޔައެއްހެން ހީލަ ހީލައެވެ. އެދުވަހުން ފެށިގެން ސަނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައެވެ. ބުއްދި ހަމަނުޖެހޭ މޮޔަ ގޮވާ މީހަކަށް ސަނާވިއެވެ. އެކަމާ ސަނާގެ މަންމަ ފަރީދާ ކިތަންމެހާވެސް ހިތާމަ ކުރިއެވެ. ފަރީދާގެ ފިރިމީހާ އަދި ސަނާގެ ބައްޕަ ހަމީދު އޭގެ ފަހުން ފަރީދާއާއި އަނގައިން ނުބުނެއެވެ. ދެން ތިބި ކުދިންކަމުގައި ސަނާގެ ދެކޮއްކޮވެސް މަންމަ ފަރީދާ ދެކެ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކުދިން ފަރީދާ އެކަނިކޮށްނުލައެވެ. އެހެނަސް ހިތުގައިވާ ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ. މިކަން ފަރީދާއަށްވެސް އެނގެއެވެ. ފަރީދާގެ ކުށުން މިދިމާވި ހިތާމަވެރި ހާދިޡާގެ ހިތިކަން ކަރުބުޑުގައި ލާފައިވީ ނަމަވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ސަނާ އެކަމުން ރަނގަޅު ކުރުމަށް ފަރީދާ އަޒުމްކަނޑައެޅިއެވެ.

އެއީ މީގެ ހަވަރަކަށް މަސްކުރިއެވެ. ސަނާ ފެންނަނީ ވަރަށް އުފަލުން ހުންނަ ތަނެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަ ޖެހިފައި ހުންނަހެންނެވެ. މިކަން އެކުޑަ ޢާއިލާގެ ހުރިހާ މެންބަރުންނަށްވެސް ފާހަނގަވިއެވެ. މާކަ ގިނަ ދުވަހެއް ވަންދެން މަންމަމެންނަށް އެވާހަކަ ސިއްރުކުރާކަށް ސަނާ ބޭނުމެއްނުވިއެވެ. އެހެންކަމުން މަންމަ ފަރިދާ ކައިރީގައި ސަނާ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިއްޖެ ވާހަކައާއި އެއީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ބުންޏެވެ.. ފަރީދާ އަށް އާދިލް އެނގެއެވެ. އާދިލްއަކީ އެރަށުގެ ކުއްޖެކެވެ. އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ނަމަވެސް އެއީ ފަރީދާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ރަށުގައި ނަން ހިނގާ އެންމެ މުއްސަނދި ދިރިއުޅުމުގައި އުޅޭ ސަނާއަކަށް އެރަށުގެ އެންމެ ނިކަމެތި އަދި ފަޤީރު ޢާއިލާގެ ކުއްޖަކާ އަރާ އަރަފޯދިގެން ނުވާކަމަށް ބުނެ ވަގުތުން އެގުޅުމާ ފަރީދާ ދެކޮޅު ހެދިއެވެ. ނަމަވެސް ސަނާގެ ބައްޕަ އަދި ކޮއްކޮމެން ތިބީ އެޚަބަރު ލިބި ވަރަށް އުފަލުންނެވެ. އެހާ ރަނގަޅު ކުއްޖަކު ދަނބިދަރިއަކަށް ހަދަން ބޭނުންނުވާނީ ކޮންބައެއް ހެއްޔެވެ؟ ހަމީދާއި ޢާއިލާގެ އެހެން މެންބަރުން އެގުޅުމަށް މަރުހަބާ ކިއުމުން ފަރީދާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ނަމަވެސް އެހިތުގައި ޔަޤީނުންވެސް އެހެން ކަމެއް ނިންމިއެވެ. ފަރީދާގެ ދަރިފުޅު ސަނާއާއި އެރަށު ނިކަމެތި ޢާއިލާގެ އާދިލް ދުރުނުކުރުވައިފިއްޔާ ފަރީދާއަށް އެނަން ނުކިޔާނެކަމަށް ހިތުގެ އަޑިން އިއްވާލިއެވެ. މި މަސައްކަތް ކުރުމަށްޓަކައި ފަރީދާއަށް މަޖުބޫރުވީ ފަންޑިތައާއި ސިހުރު އެދެމެދަށް ވެއްދުމަށެވެ.

ފަރީދާގެ ބޭބެ ހަސަނަކީ އެރަށުގެ އެންމެން ދަންނަ މޮޅު ސިހުރުވެރިއެކެވެ. ނަމަވެސް ސިހުރު ހެދުމަކީ ހަރާމް ކަމެއްކަމުން އެކަން ކުރުމަށް މީހުން ހަސަނު ކައިރިއަށް ނުދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ޒަމާންތަކަކަށްފަހު މީހަކު އެފަދަ ކަމަކަށް އެދުމުން ހަސަންގެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން އެމަސައްކަތް ކުރުމަށް އެއްބަސްވިއެވެ. އެއީ އާދިލްއާއި ސަނާ ދުރުކުރުމަށް މަސައްކަތް ފެށުނު ގޮތެވެ.

ސިހުރު ހެދުމަކީ ހަރާމްކަމެއްކަމަށް އަންގަވާފައިވިޔަސް އެއީ ހަސަން ޤަބޫލުކުރާ ކަމެއް ނޫނެވެ. ބޭނުންވާ ކަންތައް ހާސިލް ކުރުމަށް އެވެސް ރަނގަޅު މަގެއްކަމަށް ފަރީދާވެސް ނިންމިއެވެ. ސިހުރު ހަދަނީ ޖިންނި ޝައިތާނުން މެދުވެރިކޮށް އެމީހުންގެ ބާރު ބޭނުންކޮށްގެންނެވެ. ބައެއް ފަހަރު މީހުންނަށް ދެރަގޮތް ގޮތަށް ކަންތައް ކުރުމަށްޓަކައި ޖިންނީންގެ ބޭނުން ކޮށްގެން ކުރާ އެފަދަ ޝިރުކުތަކުން އޭގެ ނަތީޖާ ހިތިގޮތަކަށް އެކަން ކުރާ މީހުންނަށް ފެންނަލެއް ގިނައެވެ. އެފަންޑިތަ ހެދީ އާދިލްއަށް ކަމަށްވިޔަސް ނަސީބުކަންދިމާކުރި އެކަން ޖެހުނީ ފަރީދާގެ ދަރިފުޅު ސަނާއާއެވެ.

އާދިލްއަށް ބިރުދައްކައި އުދަނގޫކުރުމަށް ޖިންނި ކުރެން ހަސަން އެނދުނުކަމަށްވިޔަސް އެކަމުގައި ޝާމިލްކުރި ޖިންނިއަށް ކަމުދިޔައީ ޖިންސުއްލަތީފް ސަނާއެވެ. ޖިންނީންނަކީ މަކަރުވެރި ބައެއްކަމުން އެފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ކުރުމަށް ޖިންނި ނިންމިއެވެ. ސަނާއަށް ބިރުވެރި ހުވަފެން ފެނުމާއި، މީހެއްގެ ބީހުން ނިދީގައި އިހްސާސްވުމާއި، ނިދީގައި ވާހަކަ ދެކެވުމާއި، އެކަނި އިންނަން ބޭނުންވުން ފަދަ އެތަށް ކަމެއް ވާން ފެށިއެވެ. ފަރީދާ ހީކުރީ އެހުރިހާ ކަމެއް ވަނީ އާދިލްގެ ފަރާތުން ފެންނަ ދުރުކަމުން އެކަމާ ދެރަވެގެން ކަމަށެވެ. ނަމަވެސް ހަޤީގަތަކީ އެއީއެއް ނޫނެވެ.

ސަނާއަށް ގޮތްނޭނގޭ އުދަނގޫތަކެއް ވާތާ މިހާރު ވަރަށް ދުވަސްތަކެއް ވެއްޖެއެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި، މީހަކު އަބަދު ކައިރީގައި އުޅޭހެން ހީވުން ފަދަ ކަންތައްތައް ވާން ފެށިއެވެ. މިވާހަކަތައް މަންމައާއި ހިއްސާ ކުރުމުންވެސް މަންމަ އެކަމަކަށް މާކަ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެހެންކަމުން ސަނާ އެވާހަކަތައް ބައްޕަ ހަމީދު ކައިރީގައި ބުންޏެވެ. ހަމީދަށް އެކަން ވެގެންދިޔައީ ވަރަށް ހައިރާންކުރުވަނި ކަމަކަށެވެ. އުދަނގޫވާތީ އެކަމާ ސަނާ ޝަކުވާ ކުރާތީ އެކަމުގެ ހަޤީޤަތް ބެލުމަށް ހަމީދު ނިންމީ ހިތުގެ ކޮންމެވެސް ހިސާބަކުން އަންހެނުން ފަރީދާއަށް ޝައްކުކުރެވޭތީއެވެ.

އެއްރެއެއްގެ ދަންވަރެވެ. ސަނާއަށް ހޭލެވުނީ ވަރަށް ބޮޑަށް ހީސްލަވައިގެންނެވެ. ފާޚާނައަށް ވަންނަން ދިޔައީ ދުވެފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ފާޚާނައިގެ ދޮރު ކުއްލިއަކަށް ހުޅުވިގެން ދިއުމާއެކު ކޮޓަރި ތެރެއަށް ސީމާ ނުކުތީ ވަރަށް ފާޑަކަށް ހުރެއެވެ. އެއްވެސް ގޮތަކަށް އަމިއްލަ މީހާގެ ބާރު އެހަށިގަނޑުގައި ހުރިހެން ހިޔެއް ނުވެއެވެ. ސީދާ އެއްދިމާލަކަށް ބަލަހައްޓައިގެން ހުރި އިރު ހީވަނީ އެހަށިގަނޑު ކޮންޓްރޯލްކުރާ އެހެން މީހަކު ހުރިހެންނެވެ. ކޮޓަރިން ނުކުންނަން ދިޔަ ވަގުތު ދޮރުވެސް އަމިއްލައަށް ހުޅުވުނެވެ. އެހެން ދިމާލަކަށް ބެލުމެއް ނެތި އެއްދިމާލަކަށް ކަޅި ހުއްޓައިގެން ހުރެ މައި ދޮރުން ނުކުމެގެން ދިޔަ ސަނާގެ މިސްރާބުހުރީ ވަލާ ދިމާލަށެވެ. ވަލުގެ އެންމެ އެތެރެއަށް ވަދެވުނުއިރުވެސް ސަނާއަކަށް ނޭނގެއެވެ.

ކާޅެއް ކަހަލަ އެއްޗެއް ކަންފަތް ބުޑުން ހޭރިގަތް އަޑު އިވުމާއެކު ސިއްސައިގެން ދިޔަ ސަނާއަށް މިހުރެވުނު ތަނާމެދު ވިސްނާލެވުނެވެ. މުޅިތަނަށް ބަލާލުމުން ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައިރު ރޮވެން ފެށުނީ އެހީއަށް އެދިއެވެ. ނަމަވެސް އެގޮތަށް ހުރެގެން އެހީއެއް ނުލިބޭނެކަމުން މަޑުމަޑުން ފިޔަވަޅު އަޅަމުން ހިނގައިގަތީ ދެވޭ ނުދެވޭ ދިމާލެއްވެސް ނޭނގޭ ހާލުގައެވެ. ކުރިއަށް ދިޔަވަރަކަށް އިތުރަށް ވަލުގެ ތެރެއަށް ވަދެވޭހެން ހީވުމުން ލޮލުން ފައިބައިގެން ދިޔަ ކަރުނަތައް ގިނަވެ މިހާ ތުރު ތުރު އަޅަން ފެށިއެވެ. މިހެން ހިނގަނިކޯށް ފަހަތުން އެއްޗެއްގެ ހިލަން ވެގެން ސަނާއަށް އެދިމާލަށް ބެލުނެވެ. އެވަގުތު ފެނުނީ ކަޅު ދުންގަނޑެއް ކަހަލަ އެއްޗެކެވެ. ދެން އެއެތި ގަޔާ ދިމާލަށް އައި ހިސާބުން ވީނުވީއެއް ސަނާއަކަށް ނޭނގުނެވެ.

ދަރިފުޅަށް ދިމާވި ހިތާމަވެރި ހާދިޡާއިން ފަރީދާއަކަށް އެވާހަކަ ހަމީދާއި ހިއްސާ ނުކޮށް ނުހުރެވުނެވެ. އެހުރިހާ ކަމެއްވީ ފަރީދާއަށް ކުރެވުނު މޮޔަ ކަމަކުން ކަމަށް ބުނަން ޖެހުނީ ދަރިފުޅުގެ ޙާލާމެދު އަމިއްލަ ނަފްސް ކުށްވެރިކުރެވުނު ވަރުންނެވެ. އަދި ސަނާ ރަނގަޅު ކުރެވޭނީވެސް އެކަން ވި ގޮތުގެ ހަޤީޤަތް އެނގިގެން ކަމުން އެވާހަކަތައް ހަމީދު އަދި ދެންތިބި ކުދިން ކައިރީގައި ފަރީދާ ބުންޏެވެ. ފަރީދާއާއި އަނގައިން ނުބުންޏެއް ކަމަކު ހަމީދު އޭނާގެ ދަރިފުޅު ސަނާ ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް އަދި ނުވެއެވެ.

ފަންޑިތަ ހެދުމަކީ ސީދާ މާތްﷲ ޝިރުކު ކުރުމެވެ. މިފަދަ ކަންތައްތަކަކީ ޤަބޫލުކުރަން ހެޔޮވާ ވަރު ކަންތަކެއް ނޫނެވެ. އޭގެ ހެއްކަކަށް ފަރިދާގެ ޢާއިލާ އަދި ލޯބިވާ ދަރިފުޅު ސަނާގެ ހާލު ފުދެއެވެ. ފަރީދާ އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުނުއިރުވެސް ފަރީދާއަށް ހިލަމެއްވެސް ނުވިއެވެ. އަމިއްލައަށް ދަޢުވަތުދިން ބިރުވެރިކަން ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލީ އެކަމުގެ ހިތި ފަރީދާގެ އަރުގައި ލާފާނެކަމަށް ވިސްނައިގެނެއް ނޫނެވެ. ނަމަވެސް މިކަމުން އިބްރަތެއް ހާސިލްވިއިރު ދިރިއުޅުން މިވަނީ ބޮއްސުންލާފައެވެ.

 

ނިމުނީ