އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 31 އަހަރުގެ ޑެނީ ޕާސްގެ ގަޔަށް އެތައް ފަހަރަކު ވަޅި ހަރާ ވަނީ މަރާލާފައެވެ. އޭނާގެ ގާތިލް ޖޯޑަން ބެއިލޭގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާ އޭނާ އުމުރަށް ޖަލަށް ލުމަށް މިއަދު ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ޑެނީގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޑެނީ އަށް ޖޯޑަން ހަމަލާ ދިނީ ޑެނީގެ އަތުގައި އޮތް 7000 ޕައުންޑްގެ އަގުހުރި ރޮލެކްސް ގަޑި ފޭރިގަތުމުގެ ބޭނުމުގައެވެ. ޑެނީއަށް އެތައް ދުވަހެއް ވަންދެން ފާރަލުމަށް ފަހު ޖޯޑަން ޑެނީ އަށް ހަމަލާ ދިނީ މަގުމަތިން ހިނގާފައި ދަނިކޮށެވެ.

"މަގުމަތީގައި މީހެއްގެ ގަޔަށް އެތައް ފަހަރަކު ވަޅި ހަރާ މަރާލާ ހިސާބަށް ލަންޑަންގެ ކަންތައްތައް ގޯސްވެގެން ދިއުމަކީ އަހަރެމެން ވަރަށް ހިތާމަ ކުރާކަމެއް. މިފަދަ ކުށްތައް ކުރުން ހުއްޓުވަން ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ." ޑެނީގެ މަންމަ ޖެން މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ޖެން ބުނީ އޭނާ މިހާރު އުފުލަމުންދާ ހިތާމަ އެހެން މަންމަ އަކަށް ކުރިމަތިވާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ޑެނީގެ ގާތިލާއި އެފަދަ އެހެން މީހުން ވެސް އުމުރު ދުވަހު ޖަލުގައި ބަންދު ކުރަން ބޭނުންވާ ކަމަށެވެ.

ފަހަކަށް އައިސް ލަންޑަންގައި ފޭރުމާއި، ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލަންޑަންގެ އަމާންކަން ގެއްލެން މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބަކީ ލަންޑަންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ސަރުކާރުން އެކަށީގެންވާ ހޭދައެއް ކުރަމުން ނުދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އިނގިރޭސިވިލާތަށް ގެއްލ؛ުމާއި ހަލާކު ހުރި ، އާމީން !