ކޮންމެ ގައުމެއްގައި ވެސް ފުލުހުންނަކީ ރައްޔިތުންނާއި އެންމެ ގާތުން ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މީހުންނެވެ. އެހެންކަމުން ފުލުހުންނަށް ހެދޭ ގޯހާއި ފުލުހުން ގަސްދުގައި ހަދާ ގޯސްތައް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެއެވެ. އެންމެ ފުރިހަމަ ކަމަށް ދައުވާ ކުރާ އެމެރިކާގައި ވެސް ބައެއް ފުލުހުން ގަސްދުގައި ވެސް މީހުންނަށް އަނިޔާކުރެއެވެ. އަދި އެހެން ގައުމުތަކުގެ ހާލަތު އެއަށް ވުރެ ގޯހެވެ.

މިހާރު މީސް މީޑިއާގައި ދަރުވަމުންދާ ބްރެޒިލްގެ ފުލުހަކު މާބަނޑު އަންހެނަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބިފައި ވަނީ ވެސް އެއީ ފުލުހެއްގެ ފަރާތުން ކުރިމަތިވި ކަމަކަށް ވުމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކުރަން އުޅުމުން ދުރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންނާއި ދިމާއަށް ހަޅޭލަވައެވެ. ފުލުހުންނާއި ދިމާއަށް މީހުންތައް ހަޅޭލަވަން ފެށުމުން އެތަނުން އެފުލުހަކު ވަނީ އެއްވެފައިވާ މީހުންގެ ކައިރިއަށް އައިސް އެތަނުގައި ހުރި މާބަނޑު އަންހެނެއްގެ ކަންކަށިމަތީގައި ޖަހާފައެވެ. އަދި އަންހެން މީހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން އޭނާ ދަމާފައި ދުރަށް ގެންދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާފައި އޭނާ ދަމާފައި ގެންދަން ފެށުމުން އެއްވެފައި ތިބި މީހުން ވަނީ އެއީ މާބަނޑު އަންހެނެއް ކަމަށާއި އޭނާ ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ. އިރުކޮޅެއް ފަހުން ފުލުސް މީހާ ވަނީ މާބަނޑު އަންހެން މީހާ ދޫކޮށްލުމަށް ފަހު އެސަރަހައްދުން ގޮސްފައެވެ.

ވީޑިއޯ އާންމުވުމާއި އެކު ބްރެޒިލް ފުލުހުންނަށް ފާޑުކިޔުން އަމާޒުވި ނަމަވެސް މިމައްސަލައިގައި ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހުދީ

    މިއީ ރާއްޖެ ނަމަ މިހާރު ޔޫ އެން އިން ބަޔާން ނެރުނީސް.