2004 ވަނަ އަހަރު އޭޝިއާ ސަރަހައްދަށް އެރި ސުނާމީގައި މަރުވި ކަމަށް ކަނޑައެޅި އިންޑޮނޭޝިއާގެ ފުލުހަކު ދިރިހުއްޓާ ފެނިއްޖެ އެވެ. އޭނާ ދިރިހުއްޓާ ފެނިފައި ވަނީ ސައިކެޓްރިކް ހޮސްޕިޓަލެއްގައެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އަބްރިޕް އަސެން ނަމަކަށް ކިޔާ އެ ފިރިހެން މީހާ އާއިލާއަށް ފެނިފައި ވަނީ އެ ހާދިސާ ހިނގިތާ 16 އަހަރު ފަހުންނެވެ. އޭނާ ހުރީ ދިމާވި އެ ހާދިސާއާ ގުޅިގެން "މެންޓަލް ބްރޭކްޑައުން" އަކަށް ގޮސްފައެވެ.

"އަހަރެންނަށް ގަބޫލެއްވެސް ނުކުރެވުނު، 17 އަހަރު ތެރޭގައި އޭނާގެ ހަބަރެއް ނުވޭ، އަހަރުމެންނަށް ހީކުރެވުނީ އޭނާ މަރުވީ ކަމަށް، އަހަރެމެންނަށް ނޭނގެ އޭނާ ދިރިހުރި ކަމެއްވެސް". އޭނާގެ އަވައްޓެރިއަކު ބުނެފައި ވެއެވެ

ފުލުހުން ވަނީ އަސެން ސައިކެެޓްރިކް ހޮސްޕިޓަލްގައި އޮތްކަން ކަށަވަރު ކޮށްދީފައެވެ.

އަޗޭ ރީޖަނަލް ފުލުހުން ބުނީ، ސުނާމީ އާ ގުޅިގެން އޭނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައި ނުވިނަމަވެސް، އޭނާގެ އާއިލާ ހުރީ އޭނާ ދިރިހުއްޓާ ފެނުމުން ވަރަށް ބޮޑަށް އުފާވެފައެވެ.

އޭނާ އެ ހޮސްޕިޓަލްގައި އޮތްކަން ކުރިން ހާމަކޮށްފައި ނުވަނީ ކީއްވެގެންކަން ސާފެއް ނުވެއެވެ.

އަސެން މަރުވެއްޖެ ކަމަށް ނިންމީ، ޑިއުޓީގައި ހުއްޓާ ގެއްލުނު ފަހުންނެވެ. އެ ސުނާމީގައި އިންޑޮނޭޝިއާއަށްވެސް ބޮޑެތި ގެއްލުންަތަކެއް ލިބި އެތައް ހާސް ބަޔަކު މަރުވިއެވެ.