ޑައިރެކްޓަރ ރޫމީ ޖެފުރީގެ ފިލުމު ''ޗެހެރޭ'' އަކީ ރިއާ ޗަކްރަބޯތީ އެނބުރި ބޮލީވުޑަށް ނިކުންނާނެ ފިލުމުކަމަށް ރޫމީ ބުނެފައިވީ ނަމަވެސް މި ފިލުމުގެ ޕޯސްޓަރ ތަކާއި ޓްރެއިލާތައް ނިކުތްއިރު އެއިން އެއްވެސް އެއްޗަކުން ރިއާ ނުފެންނާތީ އަދި ރިއާގެ ނަން ވެސް ހިމެނިފައި ނުވާތީ މި ފިލުމުން ރިއާ ބޭރުކޮށްލީ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ނަމަވެސް މި ފިލުމުން ރިއާ ބޭރުކޮށް ނުލާކަން އެނގުނީ ރިއާގެ މި ފިލުމުގެ ޕޯސްޓަރެއް އާއްމުވުމުންނެވެ. އަމިތާބު ބައްޗަންއާއި އިމްރާން ޚަޝްމީ ފެނިގެންދާ މި ތަފާތު ފިލުމުގެ ތެރެއިން ނަގާފައިވާ މި ފޮޓޯއިން ރިއާ ވެސް މި ފިލުމުގައި ހިމެނޭނެކަމަށް ފާހަގަ ކުރެވެއެވެ.

މި ފިލުމުގައި އިޝްތިހާރު އެޖެންސީގެ އެގްޒެކެޓިވްގެ ރޯލުން ފެނިގެންދާ އިމްރާން ދިމާވާ ކަމެއްގެ ސަބަބުން އަމީތާބުގެ ގޭގައި މަޑު ކުރަން ޖެހެއެވެ. އަދި އަމިތާބާއި އޭނާގެ ބައިވެރިންވެގެން އިމްރާން ކުށެއްގައި ތުހުމަތު ކުރުވައި އެގޭގައި ބަންދުވެއެވެ. އެ ގެއިން ނިކުތުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ މި ފިލުމުގެ ޓްރެއިލާ މިހާރު ވަނީ ނެރެފައެވެ.

ރިއާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންގް މަރުވުމާއި ގުޅިގެން އޭނާއަށް ކުރެވުނު ޑުރަގު ތުހުމަތުގައި ޖަލަށް ލާފައިވާ ރިއާ މިހާރު ވެސް މަހަކު އެއްފަހަރު އެންސީބީއަށް ހާޟިރުވެ އޭނާގެ ހާޟިރީ ދޭންޖެހެއެވެ.

މި ކަންތަކުގެ ތެރެއިން ރިއާގެ ފިލުމީ މަސައްކަތްތައް ވެސް މެދު ކެނޑުނެވެ. ނަމަވެސް ޑައިރެކްޓަރ ރޫމީ ވަނީ ރިއާ އެނބުރި ބޮލީވުޑަށް ނެރޭނެކަމަށް ބުނެފައެވެ. އަދި ރިއާގެ ފުރަތަމަ ފިލުމެއް ކަމުގައި 'ޗެހެރޭ'' ވެގެންދާނެއެވެ.