ރިލީސް ނުކުރަނީސް ސަލްމާން ހާން އަދި ރަމޭޝް ތައުރަނި ޕްރޮޑިޔުސްކޮށް ރެމޯ ޑީ ސައުޒާ ޑައިރެކްޓް ކުރާ ފިލްމު "ރޭސް 3" އަށް ރެކޯޑެއް ލިބިއްޖެއެވެ.

އެ ފިލްމު މިމަހުގެ 15 ވަނަ ދުވަހު ރިލީސް ކުރުމަށް ތައްޔާރުވަމުންދާއިރު ރޭސް 3 އަށް ރެކޯޑެއް ލިބިފައިވަނީ ފިލްމު ސެންސަރު ކުރުމުގެ މަރުހަލާގެތެރެއިންނެވެ.

އެގޮތުން އިންޑިއާގެ ސެންސަރު ބޯޑުން ވަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ސަލްމާން ހާންގެ ރޭސް 3 ފާސްކޮށް އެޅުވުމުގެ ހުއްދަ ދީފައެވެ. މިއީ ބޮލީވުޑްގެ ތާރީހުގައިވެސް ފިލްމެއް ސެންސަރު ބޯޑަށް ހުށައެޅުމަށްފަހު އެ ބޯޑުން އެ ފިލްމު އެޅުވުމުގެ ހުއްދަ މިހާ އަވަހަށް ދިން ފުރަތަމަ ފަހަރެވެ.

އަދި އެ ފިލްމުގެ އެއްވެސް މަންޒަރަކަށް އެއްވެސް ބަދަލެއް ގެންނަން ސެންސަރު ބޯޑުން އަންގާފައި ނުވާ ކަމަށްވެސް ރޭސް 3 ގެ ޕްރޮޑިއުސިން ޓީމުން ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެންސަރު ބޯޑުގެ މަސައްކަތް އަވަސްވެގެން ދިޔައީ ދާދި ފަހުން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓިންގް މިނިސްޓަރަކަށް އައްޔަންކުރި ރާޖްރަވަރްދަން ރާތޯރުގެ ސަބަބުންނެވެ.

ރޭސް 3 ގައި ސަލްމާން ހާންގެ އިތުރުން ޖެކްލީން އާއި ބޮބީ ޑިއޯލްފަދަ މަޝްހޫރު ފަންނާނުން ފެނިގެންދާނެއެވެ.