އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯންތަކުގައި ފޯނު ގަންނައިރު ޗާޖަރު ހިމަނާފައި ނުވާތީ ބްރެޒިލްގެ ކަމާބެހޭ އިދާރާއިން އެޕަލް ކުންފުނި ދެމިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ބްރެޒިލްގެ ކޮންސިއުމާ ޕްރޮޓެކްޝަން އެޖެންސީން ބުނީ އެޕަލް ކުންފުނި ޖޫރިމަނާ ކުރީ އައިފޯނަކީ ގެންގުޅެން ފަސޭހަ ޑިވައިސްއެއް ކަމަށް ބުނެ އިސްތިހާރު ކުރިނަމަވެސް ޗާޖަރު ނެތުމުން ފޯނު ގެންގުޅެން ދަތިތައް ހުރުމުން ކަމަށެވެ. އެޕަލް އިން އައިފޯން-12 އިސްތިހާރު ކޮށްފައިވާ ގޮތައް އަމަލު ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެކަމަށް އަދަބެއް ދޭން ޖެހޭ ކަމަށް ބްރެޒިލްގެ ކޮންސިއުމާ ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

އެޕަލް އިން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ނެރުނު އައިފޯން-12 އާއި އެކު ޗާޖަރުގެ އިތުރުން ހެޑްފޯނު ވެސް ނުލިބެއެވެ. އެޕަލް އިން ބުނި ގޮތުގައި އެތަކެތި ފޯނާއިއެކު ނުދޭން ނިންމީ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައެވެ. އެންމެ ބޮޑު މަޤުޞަދަކީ ފޯނެއް ގަންނައިރު ކުރިން ބޭނުންކުރާ ފޯނާއިއެކު ބޭނުން ކުރެވެން ހުރި އެއްޗެހި ބޭނުން ކުރުން ކަމަށް އެޕަލް އިން ބުނެއެވެ.

އައިފޯނާއި އެކު ޗާޖަރާއި ހެޑްފޯނު ނުލިބުނު ނަމަވެސް ފޯނުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ޗާޖަރު ނެތުމުން ފޯނުގެ އަގު ހެޔޮ ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އެޕަލް އިން ޖަވާބެއް ދީފައެއް ނުވެއެވެ.

އެޕަލް ދެމިލިއަން ޑޮލަރުން ޖޫރިމަނާ ކުރިނަމަވެސް އެއީ އެކުންފުންޏަށް މާބޮޑު މައްސަލައަކަށް ވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެޕަލް އަށް މިއަހަރުގެ ފުރަތަމަ ކްއާޓާގައި ވެސް ވަނީ 111.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

ބްރެޒިލް އިން އެޕަލް ކުންފުނި ޖޫރިމަނާ ކުރި މައްސަލައިގައި އަދި މިހާތަނަށް އެޕަލް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    އަދިމަދު ތިއަދަދު ފޯނާއި އެކީ ޗާރޖަރ ނުދެންޏާ އެއެއްޗެހި ގަންނަން ލިބޭވަރު ފޯނުގެ އަގުން އުނިކުރަން ޖެހޭނެ، އެނޫނީ ތިފޯނު ވިއްކުން ހުއްޓުވަންވީ

    3
    2