ވިހޭ ގޮތައް ފޫޅު ދަނޑިޔާ އެކު ވަޅުލާފައިއޮތް ތުއްތު ކުއްޖަކު މަރުނުވަނީސް ފުލުހުން ހަތް ގަޑިއިރު ފަހުން އެކުއްޖާ ސަލާމަތުން އޮއްވާ ނަގައިފިއެވެ.

ބްރެޒިލްގެ ޓައުނެއް ކަނަރާނާގައި ހިންގި މިހާދިސާގައި އެ ކުއްޖާ ބްރެޒިލް ފުލުހުން ނެގީ ޒިންގޫ ނޭޝަނަލް ޕާކުގެ ސަރަހައްދުގައި ވަޅުލާފައި އޮއްވައެވެ.

ބްރެޒިލްގެ ފުލުހުން ބުނިގޮތުގައި ކުއްޖާ ނެގި އިރު އެނގުނު ގޮތުގައި އެ ކުއްޖާ ވަޅުލާފައިވަނީ ވިހޭ ގޮތައް ފޫޅު ދަނޑިޔާވެސް އެކުގައެވެ.

އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު މި ކުއްޖާ އުފަންވި ވަގުތު ބިންމައްޗަށް ވެއްޓި ތަޅުންގަނޑުގައި ކުއްޖާގެ ބޯ ޖެހުނު ކަމަށެވެ. ކުއްޖާ މިހާރު ވަނީ އަގުއާ ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެސިވް ކެއަރ ގައެވެ. އަދި ކުއްޖާ ވަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ބްރެޒިލްގެ ފުލުހުން ބުނެފައިވަނީ މައްސަލައިގައި ކުއްޖާގެ މަންމަ އާއި މާމަ ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެ ދެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ކުއްޖާގެ މުނިމާމަ އަދިވެސް ހުރީހައްޔަރު ކޮށްފައިއެވެ.

ފުލުހުން ބުނީ ތަހުގީގުގައި ބަލަމުން ދަނީ ގަސްތުގައި ކުއްޖާ މަރާލަން އުޅުނީތޯ ނޫނީ ކުއްޖާ މަރުވެފައި އޮތް ކަމަށް ބެލެވިގެން ކުއްޖާ ވަޅުލީތޯ ކަމަށެވެ.

"އެ ތުއްތު ކުއްޖާގެ ބޯ ތަޅުންގަނޑުގައި ޖެހުމަށްފަހު ފުރާނަ ހުރި ކަމުގެ އެއްވެސް އިޝާރާތެއް ނުފެނުމުން އެމީހުންގެ ތެރޭގައި އޮންނަ އާދަކާދަތަކުގެ މަތިން ކުއްޖާ ވަޅުލީ ކަމަށް އާއިލާ އިން ބުނަނީ" ފުލުހުން ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު