އެމެރިކާގެ ޓީވީ ޕްރެޒެންޓަރު އޮޕެރާ ވިންފޭ އޭނާގެ ޝޯ ''ސުޕަ ސޯލް'' ގައި މަޝްހޫރު ބަތަލާ ޕްރިޔަންކާއާ ކުރި އިންޓަވިއުގައި ޕްރިޔަންކާއާ ބެހޭގޮތުން ކުރިން ނޭނގޭ އެތައް ކަމެއް އެނގިގެން ދިޔައެވެ.

އިންޓަވިއުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކަކީ:

ސުކޫލުގައި އުޅުނު އިރު ހަނގާގެ ޝިކާރައަކަށްވި

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި އުމުރުން 16 އަހަރުގައި ތައުލީމު ހާސިލު ކުރުމަށް އެމެރިކާގެ ބޮސްޓަން އަށް ބަދަލުވި އިރު ސުކޫލުގައި އޭނާއަށް ހަނގާ ކުރުމާއި ހަމުގެ ކުލައިގެ ސަބަބުން އެތައް މަލާމާތަކާއި ފުރައްސާރައެއް ކުރިމަތިވިއެވެ. އަދި އެ އުމުރުގައި މިފަދަ ކަންތައްތަކާ މެދު ލަދުގަންނަން ޖެހޭ ކަމެއް ވެސް އޭރު ޕްރިޔަންކާ އަށް ނޭނގެއެވެ.

އެންމެ ފުރަތަމަ ނިކްއާ މެދު ދެކުނު ގޮތް

އެންމެ ފުރަތަމަ ނިކްއާ މެދު ދެކެވުނީ ފޮތުގެ ބޭރުގަނޑު ބަލާފައި ގޮތް ނިންމާ އުސޫލު ކަމަށް ޕްރިޔަންކާ ބުންޏެވެ. ފުރަތަމަ ނިކް ޕްރިޔަންކާއަށް މެސެޖު ކުރުމުން ޕްރިޔަންކާ އަށް އިހްސާސްވީ އޭނާ އަށް 35 އަހަރުވެފައިވާ ކަމާއި އަދި އެ އުމުރުގައި އޭނާ ބޭނުންވީ މީހަކާ އިނދެގެން ދަރިން ހޯދަން ކަމަށެވެ. ނަމަވެސް އޭރު ނިކްއަކީ 20 އަހަރުގެ މީހެކެވެ. ނިކްއާ ލޯބީގެ ގޮތުން ގުޅެން ދެން ޕްރިޔަންކާ އެކަމާ އެހާ ސީރިއަސްކޮށް ނުވިސްނާ ކަމަށް ވެސް ބުނެފައިވެއެވެ.

އަމިއްލަ މީހާގެ ދިފާއުގައި ނުނިކުމެވުނީމަ އެކަމާ ދެރަވޭ

''އަންފިނިޝްޑް'' ގައި ހިއްސާ ކޮށްފައިވާ ވާހަކަތަކުގެ ތެރެއިން ބައެއް ޑައިރެކްޓަރުން ފަރާތުން އައިސްފައިވާ ކަންތައްތަކާ މެދު އޭރު އެއްޗެއް ނުބުނެވުނީތީ ދެރަވާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެއެވެ. އޭރު އެކަމާ މެދު އެއްޗެއް ބުނުމަށް ބިރުގަތް ކަމަށް ވެސް ބުނެފައިވެއެވެ.