ހިތްގައިމު ފިލްމުތަކަކީ އެއްފަހަރަކު ދެފަހަރަކު ބަލައިގެން އެ ފިލްމަކާއި މެދު ފޫހި ނުވާ ފިލްމުތަކެވެ. އެހެން ނަމަވެސް ރީތި ފިިލްމެއް 43 ފަހަރު ބެލުމުން އެ ފިލްމަކާއި މެދު ފޫހިވެދާނެހެއްޔެވެ؟

ޓޯނީ މިޗެލް އަކީ މާވެލްގެ ކޮމިކްތަކާއި ފިލްމުތަކަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ މީހެކެވެ. އޭނާ މާވަލްއަށް ހުންނަ ޝައުގުވެރިކަން ހާމަވެގެން ދިޔައީ ދާދި ފަހުން ނެރުނު އެވެންޖާސް އިންފިނިޓީ ވީ ފިލްމު އޭނާ 43 ފަހަރު ސިނަމާއަށް ގޮސްގެން ބެލުމުންނެވެ. އެކަމުގެ ސަބަބުން މިޗެލް އަށް މިހާރު ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.

އެމެރިކާގެ ނޯތް ކެރޮލައިނާއަށް ނިސްބަތްވާ ޔޫޓިއުބާއެއް ކަމަށްވާ މިޗެލް އިންފިނިޓީ ވޯ 43 ފަހަރު ބެލިކަން ސާބިތު ކުރަން އޭނާ ގަތް ޓިކެޓުތައްވެސް ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އޭނާ އަންދާޒާކޮށްފައި ވަނީ 43 ފަހަރު އެ ފިލްމު ބަލަން އޭނާގެ އަތުން 1000 އަށް ވުރެ ގިނަ ޑޮލަރު ހަރަދުވެފައިވާނެ ކަމަށެވެ.

މިޗެލްގެ ވާހަކަ މީސްމީޑިއާގައި ދައުރުވާން ފެށިތާ މާގިނަ އިރުުތަކެއް ނުވަނީސް އޭނާ ވައިރަލްވިއެވެ. އެއާއެކު މާވެލް ފިލްމުތައް ޑައިރެކްޓު ކުރާ "ރޫސޯ ބްރަދާސް"ގެ ސަމާލުކަން ވެސް މިޗެލް އަށް ލިބުނެވެ. މިހާރު އަންނަ އަހަރު ނެރޭ އެވެންޖާސް 4 ފިލްމުގެ ޕްރިމިއާއަށް ވެސް މިޗެލްއަށް ވަނީ ދައުވަތު ލިބިފައެވެ.

އެވެންޖާސް އިންފިނިޓީ ވޯ އަކީ މި އަހަރު މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. މާވެލް ސިނަމެޓިކް ޔުނިވާސްގެ އެތައް ކެރެކްޓާއެއް ފެނިގެންދާ މި ފިލްމު ވަނީ ފުރަތަމަ ހަފްތާގެ ތެރޭގައިވެސް 630 މިލިއަން ޑޮލަރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު