ބޮލީވުޑުގެ ބަތަލާ ކަރީނާ ކަޕޫރު ޚާނާއި އެކްޓަރ ސައިފް އަލީ ޚާންގެ ދެވަނަ ދަރިފުޅު ވިހައިގެން މަހެއް ފަހުން ކަރީނާ އޭނާގެ ފިލުމީ މަސައްކަތްތައް ފަށައިފިއެވެ.

މި އަހަރުގެ ފެބުރުވަރީ 21 ވަނަ ދުވަހު ކަރީނާ ވިހެއި އޭނާގެ ދެވަނަ ދަރިފުޅަށް މި މަހުގެ 21 ވަނަ ދުވަހު މަހެއް ފުރުމުން ސައިފުގެ ބޮޑުދައިތަ ސަބާ ޢަލީ ޚާން ވަނީ ކަރީނާއާއި ސައިފު އަދި ދެވަނަ ދަރިފުޅުގެ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށް އެއް މަސް ފުރުމުން ތަހުނިޔާ ކިޔައިފައެވެ. މި ފޮޓޯގައި ކަރީނާގެ ދެވަނަ ދަރިފުޅުގެ މޫނު ދައްކާފައެއް ނުވެއެވެ.

ދެވަނަ ދަރިފުޅަށް އެއް މަސް ފުރުމަށް ފަހު މިއަދު ކަރީނާ ފެނުނީ މުމްބާއީގެ ބެންޑްރާގެ ސަރަހައްދަކުން އޭނާގެ ސެކިއުރިޓީންނާއި އޭނާގެ ޓީމުގެ އެހެން މުވައްޒަފުންނާއި އެކު ޝޫޓިން އަކަށް ދިޔަ މަންޒަރެވެ.

ކަރީނާ ވަނީ ދެވަނަ ދަރިފުޅު ލިބުމުން އޭނާގެ ހަށިގަނޑަށް އައި ބަރުހެލިކަން ނައްތާލުމަށް ކަސްރަތު ކުރަން ވެސް ފަށައިފައެވެ. ކަރީނާ ޖިމްއަށް ދާ ފޮޓޯތައް ވެސް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ.

ކަރީނާ ޝޫޓިންގެ މަސައްކަތްތައް ފެށުމުން ކަރީނާއާއި ސައިފުގެ ދޮށީ ދަރިފުޅު ތައިމޫރު ޢަލީ ޚާނާއި ސައިފް ޢަލީ ޚާން ވަނީ ކާރު ބުރެއް ޖަހާލަން ވެސް ނިކުމެފައެވެ.

ކަރީނާއާއި ސައިފު ވަނީ އެމީހުންގެ ދެވަނަ ދަރިފުޅު މީސް މީޑިއާއި ދުރުކޮށްފައެވެ. އަދި އެ ދަރިފުޅަށް ކިޔާފައިވާ ނަން އަދި ވެސް ވަނީ މީޑިއާ ތަކަށް ސިއްރު ކުރެވިފައެވެ. މިގޮތަށް ކަންތައް ކޮށްފައިވަނީ ފުރަތަމަ ދަރިފުޅަށް ނަން ކިއުމުން ކުރެވުނު ތަޖުރިބާގެ ސަބަބުން ކަމަށް ކަރީނާ ބުނެފައިވެއެވެ.