މުހައްމަަދު އަޚްތަރުއަކީ ހުވަދު އަތޮޅަށް އާ ނަމެއް ނޫނެވެ. މުޅި ގދ. ތިނަދޫ ފަހުރުވެރިވާ ފަދަ ދަރިއެކެވެ. އެތައް ބައެއްގެ ގަދަރާއި އިހުތިރާމާއި ލޯބި ލިބިގެންވާ މީހެކެވެ. ލަވަ ކިޔުމާއި މިޔުޒިކީ ދާއިރާގައި ވިދާލި ތަރިއެކެވެ. ފޮޓޯގްރަފީއަކީ އޭނާގެ ޕެޝަންއެވެ. ވަޒީފާއެވެ. މުޅި ހުވަދު އަތޮޅުގައިވެސް މުޅިން އަލަށް ފޮޓޯ ސްޓޫޑިއޯއެއް ގެ ގޮތުގައި ސްޓޫޑިއޯ އެއް ހުޅުވައި މެދުކެނޑުމެއް ނެތި އެ ހިދުމަތް ދެމުން އަންނަ ހަމައެކަނި ފަރާތަކީ މުހައްމަދު އަޚްތަރުއެވެ. 2001 ވަނަ އަހަރު ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި އަދާ ހަމަޔަށް އެ ސްޓޫޑިއޯ ގެ ޚިދުމަތް މުޅި ހުވަދު އަތޮޅަށް ލިބެއެވެ.

ފޮޓޯގްރަފީ ދާއިރާއަށް ވަދެވުނީ ނޫސްވެރިކަމުގެ ދާއިރާގައި އުޅެމުން

ފޮޓޯގްރަފީ ދާއިރާއަށް އަސްލު އަހްތަރުއަށް ވަދެވުނީ ނޫސްވެރިކަމުގެ ދާއިރާގައި އުޅުމުގެ ތެރޭގައެވެ. އޭނާއަކީ އެއިރު މިއަދު ނޫހުގެ ނޫސްވެރިއެކެވެ. އެއިރު ނޫސް ލިޔަމުންދިޔައިރު، އެއަށް ބޭނުންވާ ފޮޓޯ ނެގުމާއި ކަންތައް ކުރަނީ އެ ނޫސްވެރިއެކެވެ. މިގޮތަށް އޭނާ އެކަން ފެށިއިރު، އޭގެ ފަހުން އޭނާ ހަވީރު ނޫހަށް ބަދަލުވިއެވެ. އަދި އެތަނުގައި އުޅެމުން ފޮޓޯތައް ނަގަމުން އައިސް މިހާރު އޭނާ އެ ހުރީ އެ ދާއިރާއިން މަޤްބޫލުކަން ހޯދައިފައިއެވެ.

އަޚްތަރު ނޫސްވެރިކަމުގައި

"ފޮޓޯގްރަފީ ދާއިރާއަށް އަސްލު ވަދެވުނީ ނޫސްވެރިކަމުގެ ދާއިރާގައި އުޅެމުން. އެއީ މިއަދު ނޫސް ފެށިގެން އައި ދުވަސްވަރު. ސްކޫލް ނިންމި ގޮތަށް އުޅުނީ ނޫސްވެރިކަމުގައި. އެހެން އުޅުމުގެ ތެރެއިން ދެން މި އަންނަނީ ނޫހަށް ބޭނުންވާ ފޮޓޯނަގަން. އެ ހިސާބުން ވެއްޖެ ފޮޓޯވެސް ނަަގަން. އެއީ މީގެ 25 ވަރަކަށް އަހަރު ކުރި. އެ ހިސާބުން ފެށިގެން އާޓިކަލްއެއް ލިޔެފައި އެ އާޓިކަލްއަށް ބޭނުންވާ ފޮޓޯ ނަގަނީ ނޫސްވެރިކަމުގެ ސްޓައިލްގައި. އެއިރު އުޅެމުން ދިޔައީ ތިނަދޫ އާއި ތިނަދޫ އާއި ކައިރި ރަށްތައް ކައިރީ". މިއަދު މީސްމީޑީއާގައި ހިންގަމުން އަންނަ ހުވަދޫ ނިއުސް ގެ ސަބް އެޑިޓަރު އަޚްތަރު ބުންޏެވެ.

މިއަދު އޭނާއަކީ މުޅި ހުވަދު އަތޮޅު ގެ ރައްޔިތުން ދަންނަ ވަރޝަން ފޮޓޯ ސްޓޫޑިއޯގެ ވެރިޔާއެއެވެ. އަދި އޭނާއަކީ ރާއްޖޭގެ އެކި ރަށްތަކުގައި އާއި ރިސޯޓްތަކުގައި ފޮޓޯ ނަގަމުން އަންނަ އެންމެން ދަންނަ އަޚްތަރު އެވެ.

މިކަން ވިޔަފާރީއެއް ގޮތަށް ފެށުމުގެ ހިޔާލު އައީ ކިހިނެއް؟

އެއިރު އެގޮތަށް ފޮޓޯ ނަގައި އުޅުނު ނަމަވެސް އެއްވެސް ވަރަަކަށް މިކަމުން ވިޔަފާރިއެއް ފަށައިގަންނަން ހިޔާލެއްވެސް ނެތެެވެ. ތިނަދޫގައި އެއިރު ފޮޓޯ ނަގާތަނެއްވެސް ނީންނާނެއެވެ.

"އެއިރު ތިނަދޫގައި ނުހުންނާނެ ފޮޓޯ ނަގާ އެއްވެސް މީހަކު. އައިޑީކާޑެއް އެއްޗެއް ހަދާލަން ނޫނިއްޔާ ސްކޫލަށް ބޭނުންވާ ޕާސްޕޯޓް ފޮޓޯއެއް ނަގާލަން ތަނެއްވެސް ނުހުރޭ މީހެއްވެސް ނުހުރޭ. ދެން އެގޮތަށް މީހަކު އައިސް ބުނެލާނެ ޕާސްޕޯޓް ފޮޓޯއެއް ނަގަން. އެއިރު އިންނާނެ ނޫހުގެ ފަރާތުން ކުޑަކުޑަ އިދާރާއެއް.. އެތާ ތެރޭގައި ބެގްރައުންޑެއް ބަހައްޓައިގެން އެ މީހާއަށް އޭތި މިދެނީ. އަމިއްލައަށް ކޮންމެވެސް ތަނަކުން ޕްރިންޓެއް ނަގާލާފައިވެސް ދެނީ". އަހްތަރު ބުންޏެވެ.

އަޚްތަރު ވަގުތު ނޫހަށް އިންޓަވިއު ދެނީ

އަހްތަރް ބުނީ އޭނާ އެއިރު ގެންގުޅުނީ ސޮނީ އެސް8 ކެމެރާއެއް ކަަމަށެވެ. އެއީ ފްލޮޕީ ލައްވާ ކެމެރާއެކެވެ. އެ ކެމެރާ ހަލާކުވެގެން ދިޔައީ 2004 ވަނަ އަހަރު މާރޗް 17 ވަނަ ދުވަހު ހިނގި އެނަމާ ކާރިސާގައިއެވެ.

އޭނާގެ ފުރަތަމަ ބިޒްނަސްއަކީ ވީޑިޔޯ ފިލްމް ކުއްޔަށް ދޫކުރުމާއި ވިއްކުން ފަދަ ކަންކަމެވެ.

އަހްތަރް އެއިރު އެގޮތަށް ފޮޓޯ ނަގަމުން ދިޔައީ ފަސް ރުފިޔާ ދިހަ ރުފިޔާ ވިހި ރުފިޔާއަށެެވެ. އެއިރު ފޮޓޯތައް ނެގުމަށްފަހު ޕްރިންޓް ކުުރުމަށާއި، ފޮޓޯ ސާފް ކުރުމަށް މާލެ ފޮނުވައެވެ.

"އެއިރު ނޭގެ މިއީ ދާއިރާއެއް ކަމެއްވެސް. އެއިރު ފޮޓޯ ނަގާ ގޮތަށް ފްލޮޕީއަކަށް އަޅާފައި ސީދާ ފޮނުވަނީ މާލެއަށް. ދެން މާލެ ފޮނުވީމާ އެ އެއްޗެހި ތްރީ އާރް ސައިޒް އަށް ޕްރިންޓް ކޮށްގެން އެ ފޮޓޯ ގެނެސް ނަން ޖަހާލާފައި މީހުންނަށް ދެނީ. އެއިރު 10 ރުފިޔާ އަށް ފޮޓޯގަނޑެއް ދެމުން އައިރު ވިސްނުނީ ވިޔަފާރިއެއް ގޮތަށް މިކަން ކޮށްލަން". އަހްތަރް ބުންޏެވެ.

ވާރޝަން ފޮޓޯ ސްޓޫޑިއޯ ނަމުގައި ހުޅުވި ސްޓޫޑިއޯ

އޭގެ ފަހުން ފޮޓޯ ނަގަމުން ދިޔައީ އަހުތަރް ހިންގަމުން އައި ވީޑިޔޯ ސެންޓަރު ތެރޭ އެއް ފަޅިއެއްގައި ފޮޓޯ ނަގާ ތަންކޮޅެއް ހަދައިގެންނެވެ. ދެން އެގޮތަށް ފަށައި މާލޭގައި ހުންނަ ފޮޓޯ ސްޓޫޑިޔޯތައް ހުންނަނީ ކިހިނެއްތޯ ބަލައި، ރާއްޖެއިން ބޭރުގައި އެކަން ކުރަމުން އަންނަ ގޮތް ބަލާ ދިރާސާކުރިއެވެ.

އެގޮތަށް ދިރާސާ ކުރުމަށްފަހު ކުރިން ހިންގަމުން އައި ވީޑިޔޯ ވާރޝަން، ވާރޝަން ފޮޓޯ ސްޓޫޑިޔޯއަށް ރީބްރޭންޑް ކުރީއެވެ. އެއީ 2001 ވަނަ އަހަރުގެ ކުރީކޮޅެވެ.

އެ ސްޓޫޑިއޯގައި އޭނާ މަސައްކަތް ކުރަމުން އައިސް ރަށުގެ ގިނަ އިވެންޓްތަކުގައި އޭނާ ފޮޓޯނަގައި ހަދަމުން ދިޔައެވެ. ރަށުގެ ބޮޑު އިވެންޓެއް ނުވަތަ ކައިވެނީގެ ހަފްލާއެއް ނޫނީ ކުޑަކުދިންގެ ޕާޓީއަކަށް ފޮޓޯ ނަގާނީ އަހްތަރެވެ. ނޫނީ އެ ސްޓޫޑިއޯއިންނެވެ. އަދި އައުޓް ޑޯ ފޮޓޯތަކާއި، ތަފާތު ޕެކޭޖްތައް ހަދައިގެން ފޮޓޯ ނަގަމުން އައިސް ރަނގަޅު އާމްދަނީއެއް އެކަމުން އޭނާއަށް ލިބިގެން ދިޔައެވެ. އެގޮތުން ގޭގެއަށް އަށް ގޮސް ފޮޓޯ ނެގުމުގެ ތެރޭގައި ތިނަދޫ ގައި އޭނާ ފޮޓޯނަގަން ނުދާ ގެއެއް ނުހުނާނެ ކަމަށް އެނާބުނެއެވެ.

އެންމެ ނަގާހިތްވަނީ ކޮންކަހަލަ ފޮޓޯ؟

އެންމެ ނަގާހިތްވަނީ ކޮންކަހަލަ ފޮޓޯ ތޯ ސުވާލު ކޮށްލުމުން އަޚްތަރު ބުނީ ހުރިހާ ވައްތަރެއްގެ ފޮޓޯ ތަށް ވެސް ނަގާ ކަމަށާއި، އެހުރިހާ ފޮޓޯ ތަކެއްވެސް ނަގަނީ ވަރަށް ނަގާހިތުން ކަމުގައިއެވެ. ނަމަވެސް ފެށަން ޕޯރޓްރެއިޓް ފޮޓޯ ތަކަކީ އަބަދުވެސް ވަރަށް "އިންޓްރެސްޓް" ހުންނަ ފޮޓޯތަކެއް ކަމަށް އަޚްތަރު ބުންޏެވެ.

އެންމެ ބޮޑު ކަވަރޭޖަކަށް "އެނަމާ" ކާރިސާ

ތިނަދޫގެ 22 މިހުން ނިޔާވި ހިތާމަވެރި އެނަމާ ކާރިސާ ގެ ފޮޓޯތައް މިހާރުވެސް މީސް މީޑިޔާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުގެ ތެރެއިން ގިނަ ފޮޓޯތަކަކީ އަހްތަރްގެ އަމިއްލަ ފޮޓޯތަކެވެ. އެއީ އަހްތަރްއަށް ހެނދުނު އެންމެ ބޮޑު ފޮޓޯ ކަވަރޭޖްވެސްމެއެވެ. އެ ހާދިސާގައި އަހްތަރް ގެންގުޅުނު ފުރަތަމަ ކެމެރާވެސް ކަނޑަށް ގެއްލުނެވެ.

އެއިރު އޭނާއަކީ ހަވީރު ނޫހުގެ ރިޕޯޓަރެކެވެ. އެ މީހުންނަށް ހަބަރުދެމުން ދިޔައިރު އެ މީހުންެވެސް ބުނަމުން ދިޔައީ ފޮޓޯ ބޭނުންވާ ވާހަކައެވެ.

"އަހަރެންގެ ކެމެރާ ވީ އެނަމާ ބޯޓުގައި، އެހެންވެ އޭރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރ މުހައްމަދު އަޖީބު ގެ ކެމެރާ ނަގައިގެން ފުރަތަމަ މީހާ ހަމަ ޖެޓީއަށް އައި ވަގުތުން ފެށިގެން ފޮޓޯ ނަގަމުން ނަގަމުން ގޮސް، މިހާރު އެނަމާ ހާދިސާގެ ފޮޓޯތަކުގެ ތެރެއިން އެއްގަމުގައި ނަގާފައި ހުރި ހުރިހާ ފޮޓޯތަކަކީ އަހަރެންނަގާފައި ހުރި ފޮޓޯތައް. އެންމެ ފޮޓޯ އެއް އެހެން މީހަކު ލައްވައި ނެގުވީ، އެއީ އަޅުގަނޑުގެ މަންމަ ގެ ސަންދޯކުގައި ހިފަންވެގެން އެހެން މީހަކައި ކެމެރާ ހަވާލު ކުރީ". މަންމަ އާއި އެއްބަޑު ކޮއްކޮ އާއި ބޮޑުދައިތަގެ އިތުރުން ފަހަރި ނިޔާވި އެނަމާ ކާރިސާގެ ވާހަކަ ކިޔައިދެމުން އަހްތަރް ބުންެޏެވެ.

އެނާމާ ކާރިސާގެ ތެރެއިން، އަޚްތަރު އޭނާގެ މަންމަ ގެ ސަންދޯކުގައި ހިފަހައްޓައިގެން

އެ ފޮޓޯތައް މިހާރު ވެސް މީސްމީީޑިޔާގައި ދައުރުވަމުންދާއިރު އެއީ ކާކު ނެގި ފޮޓޯތަކެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ. ނަަމަވެސް އޭގެ ތެރޭގައި ހިމެނޭ ގިނަ ފޮޓޯތަކަކީ އަހްތަރުގެ ފޮޓޯތަކެވެ.

އަހްތަރްގެ ބެލުމުގެ ދަށުގައި ތަމްރީނުވެގެން ފޮޓޯ ނެގުމުގެ ދާއިރާއަށް ނުކުތް ކުދިން އެ ދާއިރާގެ އުހުގައި

މިއީ ކޮންމެ މީހަކުވެސް ދެެކެން ބޭނުންވާ ދުވަހެކެވެ. ތިމާގެ ފަރާތުން ދަރިވަރުވެގެން އަންނަ ކުއްޖަކު ރުކު ބޮންތީގައި ހިފަމުންދާ މަންޒަރު ފެނުމެވެ. އެފަދަ ކުދިންތަކެއް އަހްތަރް ބިނާކުރިއެވެ. އޭގެ ތެރޭގައި 50 ވަރަަކަށް ކުދިން ހިމެނެއެވެ. އަދި ކުދިންނަށް ހުންނާނީ ސެޓްފިކެޓްވެސް ދީފައެވެ.

އެންމެ ބޭނުންވީ ވިޔަފާރިވެރިއަކަށް ވާން.

އަހްތަރް ބުނީ، ކުޑައިރުވެސް އެންމެ ބޭނުންވަނީ ބޮޑުވެގެން ވިޔަފާރީގެ ދާއިރާގައި އުޅުމަށެވެ. ސްކޫލްގައި އުޅުނުއިރުވެސް ބަލަމުން ދިޔައީ މޮޅު މެގަޒިންއެއް ނެރެވޭތޯއެވެ. ކުރެހުންތަކާއި، ގެ ޑިޒައިން ކުރެވޭތޯއެވެ. ސްޓޭޖް ބެކްރައުންޑް ފަދަ މަސައްކަތް ކުރެވޭތޯއެވެ.

"އެއިރުވެސް މި ފޮޓޯގަރްފައަކީ މައިންޑްގައި ހުރި އެއްޗެއް ނޫން. އެކަމަކު އެބަ އިނގޭ އުމުރުން 10 އަހަރުގައިި ކޮޑެކް ހުދުކުލައިގެ އެނަލޮގު ކެމެރާއެއް ގެންގުޅުނުކަން. އޭގެ ފޮޓޯތައް ނަގައިގެން ސާފް ކުރަން ފޮނުވީ ޖެނުއަރީގައި ކަމުގައިވަންޏާ ފޮޓޯތައް ލިބުނީ ޑިސެންބަރުގައި. 10، 12 ރޯލު ފޮނުވާލީ. އައީ ކިތައް ރޯލުކަމެއް އަދި އޭގެން ނެގުނީ ކޯއްޗެއް ކަމެއް، ވީނުވީއެއް ނޭގެ". އަހްތަރް ބުންޏެވެ.

އެއިރުވެސް އަހްތަރުއަށް ވަނީ ނޭގުމެއްގެ ތެރޭގައި ފޮޓޯގްރަފީ ދާއިރާއަށް ވަދެވިފައެވެ.

އަހްތަރްއަކީ ހުވަދު އަތޮލަށް ބަލާއިރު މޮޅު ލަވަކިޔުންތެރިއެއް. އަދި ކޯއްޗެއް.

އަހްތަރްއަކީ މުޅި ހުވަދު އަތޮޅުގެ އެންމެން ދަންނަ ވަރުގެ ލަވަކިޔުންތެރިއެކެވެ. އަދި ކުދިންނަށް ލަވަ ދަސްކޮށްދިނުމާއި މަދަހަ ދަސްކޮށްދިނުމަކީ އޭނާ ކުރާ ކަމެކެވެ. އަހްތަރް ބުނިގޮތުގައި، މިހާރުވެސް އޭނާ ލަވަ ކިޔައެވެ. އެގޮތުން މިހާރުވެސް ކަރޯކޭ ޖެއްސުމަށް އޭނާ ދެއެވެ.

"މިހާރުވެސް ޝޯވއަކަށް އަރާ ލަވައެއް ލައިވްކޮށް ކިޔާލެވޭނެ. ކީބޯޑް ކުޅެން ވެއްޖެއްޔާ ކީބޯޑްވެސް ކުޅެވޭނެ". ރާއްޖޭގެ އެންމެ މަގުބޫލުކަން ހޯދި ދިވެހި ފިލްމު، ފަތިސް ހަނދުވަރު ފިލްމުގެ ސައިޑު ރޯލު، ނާހިދުގެ ރޯލުން ފެނިގެން ދިޔަ އެކްޓަރު ބުންޏެވެ.

ދިވެހި ފިލްމް ފަތިސް ހަނދުވަރުގައި އަޚްތަރުގެ މަންޒަރެއް

ގައުމީ ލަވަތަކާއި، އެ ނޫންވެސް ލަވަތައް ކިޔުމުގައި އަހްތަރްއަކީ އަރަމުން އަންނަ މީހެކެވެ. އެގޮތުން ސްކޫލް ތަކުގައި ހިންގާ ހަރަކާތްތަކުގައި އޭނާ ލަވަ ކިޔާ އުޅެއެވެ.

މިޔުޒިކީ ދާއިރައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ

" މިޔުޒިކީ ދާއިރާގައި ލިބުނު ކާމިޔާބީ ތަކަށް ބަލާއިރު ކޮމްބޯ ބޭންޑުގެ ފަތަވަރެ އަލްބަމް އަކީ ގުނާލެވޭނެ މަސައްކަތެއް. އޭގެ އިތުރުން ޖުމްހޫރީ 30 ފާހަގަ ކުރަން އަޅުގަނޑު ވާނެ ތިނަދޫ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ތިރީހަށް ވުރެ ގިނަ ޝޯ ތަކުގައީ ލީޑް ނަގައި ލަވަކިޔާފައި" ތިނަދޫ ޒުވާނުންގެ ޖަމިއްޔާގެ އޭރުގެ ރައީސް އަޚްތަރު ބުންޏެވެ.

އަޚްތަރު ސްޓޭޖެއްގައި ލަވަކިޔުމުގައި

ދެހާހުގެ ކުރީކޮޅުގައި ރާއްޖޭގައި އެންމެ ވިދާލި އެއް ލަވަ އަލްބަމް އަށް ފަތެވަރެ އަލްބަމް ވެފައިވެއެވެ. އެ އަލްބަމް އަކީ އަޚްތަރު މަސައްކަތް ކުރަމުން އައި ކޮމްބޯ ބޭންޑުގެ އަލްބަމް އެކެވެ. 10 އަމިއްލަ ރާގާއި އެކު ޖުމްލަ 12 ލަވަ ހިމެނޭ މި އަލްބަމް ގެ ލަވަތަށް މިހާރުވެސް މީހުން ބަލަމުންނާއި އަޑުއަހަމުން ދެއެވެ.

މީގެ އިތުރުން ތިނަދޫ ބަހުރުވައިން ނެރެމުން އައި "ރާސްޓަސް" އަލްބަމު ތަކުގައި ވެސް އަޚްތަރުގެ ހިއްސާ ވަރަށް ވެސް ބޮޑެވެ.

ޒަލީފްއަކީ އަޚްތަރުގެ ޕްރޮޑަކްޓެއް

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑޮލްގައި ގިނަ ބަޔަކު އެ އަޑު ދެކެ ލޯބިވާ އަޑެއްކަމުގައިވާ ޒަލީފްއަކީ އަހްތަރްގެ ބެލުމުގެ ދަށުން ލަވަ މުބާރާްތްތަކަށް އަރާ އެ ހިސާބަށް ގޮސްފައިވާ މީހެކެވެ.

އަޚްތަރު، އެނާ ތަމްރީނު ކުރި ލަވަކިޔުންތެރިޔާ ޒަލީފް އާއި އެކު

"އެންމެ ޕްރައުޑްލީ ކިޔާލަން އޮތީ ޒަލީފް އިޒް މައި ޕްރޮޑަކްޓް. އެއީ ހަމަ 100 ޕަސެންޓް. މޯލްޑިވިއަން އައިޑޮލް ވިން ނުވިޔަސް ޒަލީފަކީ އަސްލު އެ މަސައްކަތަށް ވަރަށް ރަނގަޅު ކުއްޖެއް. އޭނާގެ އުމުރުން ހަތް އަހަރު ފެށިގެން ލަވަކިޔުމުގެ ދާއިރާ އިން ތަމްރީނު ކުރަމުން ގެންދިޔައިން. އައިޑޮލްއަކާއި ހަަމައަށް ދިޔައީ އަދި މާ ފަހުންތާ". އަހްތަރް ބުންޏެވެ.

ހާއްސަ ޝުކުރު

ހަޔާތުގައި ކުރެވުނު ތަފާތު ކަންތައްތަކާއި ކުރިއެރުމާއި ކާމިޔާބީ ތަކުގެ ފަހަތުގައި ވަނީ އެނާގެ ލޯބިވާ މަންމަ ކަމަށް އަޚްތަރު ބުނެއެވެ.
" ހެއްދެވި ފަރާތަށް އެންމެ ފުރަތަމަ ޝުކުރު އަދާކޮށްލަން ބޭނުން ވަނީ. ދެން އަޅުގަނޑުގެ ލޯބިވާ މަންމަ އަށް. އެ މަންމަ އަޅުގަނޑު ގެ ކާމިޔާބީ ތަކުގެ ފަހަތުގައި ވަނީ." ޚާއްސާ ޝުކުރު ގެ ލިސްޓު ގައި އާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިން ހިމަނަމުން އަޚްތަރު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ތިއީ ހަމަ ހުސްވާހަކަ. ވަރަށް "ފޭކް" ގޮލައެއް. އެއްވެސް ކަމެއް އެނގޭމީހެއް ނޫން.

    • ޝިފާއު

      ފޭކްވީ ގޮތެއްބުނެބަށް

  2. ހުވަދޫ

    ގައުމީ އިނާމް ހައްގު ވެއްޖެ ☺

  3. ގަދަ

    ވ މޮޅު