އިންޑިޔާގެ ސައިންސްވެރިންތަކެއް، އައު ޕްލެނެޓެއް (ގުރަހައެއް) ހޯދައިފިއެވެ. ސައިންސްވެރިން މި ޕްލެނެޓު ހޯދާފައިވަނީ އެޤައުމުގެ އުސް ފަރުބަދައެއްކަމުގައިވާ މައުންޓް އަބޫގައި ހުންނަ އޮބްޒަވޭޓަރީއަކުން ކުރި ދިރާސާތަކަކުންނެވެ.

އެޤައުމުގެ ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ފެނުނު ގުރަހައަކީ ދުނިޔެއާ އަޅާބަލާއިރު 27 ގުނަ ބޮޑު ގުރަހައެކެވެ. އަދި، އޭގެ ރޭޑިއަސް، ދުނިޔޭގެ ރޭޑިއަސްއަށްވުރެ ހަ ގުނަ ބޮޑުކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، މިއީ ސެޓަރން އާއި ނެޕްޓިއުން ކެޓަގަރީގެ ގުރަހައެއްކަމަށްވެސް އިންޑިޔާއިން ބުނެފައިވެއެވެ.

އިންޑިޔާއިން އިތުރަށް ބުނެފައިވާ ގޮތުގައި މި ގުރަހަ ހޯދުނީ "ޕީއާރްއެލް ރޭޑިއަލް ވެލޯސިޓީ އަބޫ ސްކައި ސަރޗް" ސްޕެކްޓޮގްރާފް ބޭނުންކޮށްގެން ކުރި މަސައްކަތުންނެވެ.

އެޤައުމުގެ ޖައްވީ އިދާރާގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން މި ޕްލެނެޓަށް ދީފައިވާ ނަމަކީ އެޕިކް 211945201 ނުވަތަ ކޭ2- 236 އެވެ. އަދި، މި ނަން، ރަސްމީކޮށް ބޭނުންކުރަން ލިސްޓުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާއަށް ގުރަހައެއް ހޯދުމުން، ގުރަހަ ހޯދި ޤައުމުތަކުގެ ލިސްޓުން އިންޑިޔާއަށް ޖާގައެއް ލިބިފައިވާއިރު، މި ވަރަށް ފަޚުރުވެރިކަމެއްކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު