ކެނެޑާގައި ފުރަބަންދުގެ ކުރިންނާއި ފުރަބަންދު ތެރޭގައި މައިންގެެ ނަފްސާނީ މައްސަލަތަަކަށް އައި ބަދަލު ބަލައި ކެނެޑާގެ ޓީމަކުން ދިރާސާއެއް ކުރިއެވެ.

ލޭންސެޓް ސައިކައިޓްރީ އިން އާންމު ކޮށްފައިވާާ ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ޑިޕްރެޝަންގެ އަލާމާތްތައް 35 އިންސައްތަ މައިންގެ ފަރާތުން ފެނިފައިވާ އިރު، ފުރަބަންދުގެ ކުރިން ޑިޕްރެޝަންގެ އަލާމާތްތައް ފެނިފައިވަނީ 19 އިންސައްތަ މައިންގެ ފަރާތުން ކަމަށެވެ.

މި ދިރާސާގެ ލިޔުންތެރިންގެ ތެރެއިން މެމްބަރަކު ބުނެފައިވަނީ ފުރަބަންދުގެ ތެރޭގައި މާ ބޮޑަށް ބެލެނިވެރިން ވިސްނާފައިވާ ކަން މި ދިރާސާއިން ސާބިތު ކޮށްދޭ ކަމަށެވެ. އޭނާ ބުނެފައިވަނީ ގިނަ ބެލެނިވެރިން ބޮޑަށް ވިސްނާ ނަފްސާނީ ބަލިތަކަށް ހުށަހަޅާފައި ވަނީ އަތްމަތި ދަތިވުމުގެ ސަބަބުންނާއި، ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

މި ދިރާސާ ފެށިފައި ވަނީ 2008 ވަނަ އަހަރު މާބަނޑު މީހުންގެ ރިކޯޑުތަކެއް ނެގުމުންނެވެ. މި ދިރާސައިގައި މާބަނޑު އިރުން ފެށިގެން ހުންނަ ނަފްސާނީ މައްސަލަަތައް ކުއްޖާގެ އުމުރުން އަށް އަހަރު ވަންދެން ބަލާފައިވެއެވެ. ދިރާސާ ކުރުމަށް ޖުމްލަ 1،300 މައިން ބައިވެރިކޮށްފައިވެއެވެ.

މާބަނޑު އަންހެނުންގެ ނަފްސާނީ މައްސަލަތަަކަށް ބަލާއިރު މިދިޔަ އަހަރު 'ޑިޕްރެޝަން' އާއި 'އެންޒައިޓީ' ހުންނަ މީހުން އިތުރު ވެފައިވެއެވެ. ފުރަބަންދުގެ ތެރޭގައި ސުކޫލަށް ދާ އުމުރުގެ ކުދިން ތިބި މައިން އެކުދިންނަށް ގޭގައި ކިޔަވައިދެމުން، ގޭގެ އެހެނިހެން މަސައްކަތް އަދި ވަޒީފާގައި އުޅޭ ނަމަ އެ މަސައްކަތެއްވެސް ކުރަމުން ދިޔައީ ގޭގައެވެ.

މިއީ މައިންނަށް އެންމެ ބޮޑަށް އުނގަދޫވި ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ފުރަބަންދުގެ ތެރޭގައި މީހުން އެންމެ ހާސްވެ ކަންބޮޑުވާނެ ކަމެއްގެ ގޮތުގައި ދިރާސާ ޓީމުން ފާހަގަ ކޮށްފައިވަނީ ބައެއް މީހުންގެ ވަޒީފާ ގެއްލުމާއި އަތްމަތި ދަތިވުމެވެ.

ދިރާސައިގައި ބައިވެރިވި މަންމައިންގެ ތެރެއިން ގޭގައި ކިޔަވަދިނުމާއި ގޭތެރޭގެ މަސައްކަތް ކުރުމުގައި އުނދަގޫ ނުވާ ކަމަށް ބުނެފައިވަނީ ފަސް އިންސައްތަ މީހުންނެވެ. އަދި 19 އިންސައްތަ މީހުން ޑިޕްރެޝަންގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓު ކޮށްފައިވާ އިރު 15 އިންސައްތަ މައިން ރިޕޯޓު ކޮށްފައިވަނީ އެންޒައިޓީ ހުރި ކަމަށެވެ.