ބޮލީވުޑްގެ ފިލްމީ ދެ ތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި ރަންބީރު ކަޕޫރު ފިލުމަކުން ވަރަށް އަވަހަށް ފެންނާނެއެވެ. ޑައިރެކްޓަރު ލަވް ރާންޖަންގެ ލޯބީގެ މަޖާ ފިލުމެއްގައި މި ދެ ފަންނާނުން މަސައްކަތް ކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި ފިލުމަކީ ރަންބީރާއި ޝްރަދާ ފިލުމަކުން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމެވެ.

ޝޫޓިންތައް އެއްކޮށް ނުނިމޭ އަދި ނަން ހާމަ ނުކުރާ މި ފިލްމުގެ ދެ ފަންނާނުންގެ ކުޑައިރުގެ ފޮޓޯއެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ޝްރަދާ ކަޕޫރާއި ރަންބީރު ކަޕޫރު އަދި ޝްރަދާގެ ބޭބެ ޝިދާންތު ކުޑައިރު ނަގާފައިވާ މި ފޮޓޯއަކީ 2017 ވަނަ އަހަރު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު އޭނާގެ މީސް މީޑިއާ އެކައުންޓުގައި ހިއްސާ ކޮށްފައިވާ ފޮޓޯއެކެވެ.

މި ފޮޓޯ ހިއްސާކޮށް ރިޝީ ބުނެފައިވަނީ މި ކުދިންގެ ފޮޓޯ ފޮނުވީތީ ޝަކްތީ ކަޕޫރަށް ޝުކުރުވެރިވާ ކަމަށާއި އެ ތިން ކުދިންގެ ބޮޑު އިރުގެ ފޮޓޯއެއް އޭނާ ހަދާފައިވާ ކަމަށެވެ. ޝިދާންތު، ރަންބީރު އަދި ލޯބި ލޯބި ޝްރަދާ މިހެން ޖަހައި އެ ފަންނާނުންނަށް ރަނގަޅު ގޮތްވުމަށް އެދިފައިވެއެވެ.

ޝްރަދާ އާއި ރަންބީރަކީ ވެސް ފިލްމީ އާއިލާއިން އައިސްފައިވާ ދެ ފަންނާނުންނެވެ. މި ފިލްމީ އާއިލާތަކަކީ އެއް އާއިލާ އަނެއް އާއިލާ އާއި ނުހަނު ގާތް ގުޅުމެއް އަބަދުވެސް ބާއްވާ އާއިލާތަކެއްކަން ފާހަގަ ކުރެވެއެވެ.

މި ފޮޓޯގެ އިތުރުން ވެސް ރަންބީރާއި ޝްރަދާ އާއި އަރުޖުން ކަޕޫރާއި ސޯނަމް ކަޕޫރުގެ ވެސް ކުޑައިރުގެ ފޮޓޯތަކެއް މީސް މީޑީއާގައި ދައުރުވަމުންދެއެވެ.