ފްލައިޓް ރަންވޭގައި ޖެއްސުމާއެކު ބޭޤަރާރުކަމާއެކު އެއިން ނުކުމެވޭނެ ވަގުތެއްގެ އިންތިޒާރުގައި އިން ޖީޒާއިނެވެ. ހޯދަން ބޭނުންވާ ބައިވަރު ސުވާލުތަކެއްގެ ޖަވާބު އެހިތުގައި ވެއެވެ. ލޮލުން ކަރުނަ ނުއޮހޮރުނު ކަމުގައިވިޔަސް ހިތް ހީވަނީ ދެންމެ ދެންމެ ފަޅައިގެން ހިގައިދާނެހެންނެވެ. އަޑުއިވިފައިވާ ވާހަކަތަކުގެ ތެދު ދޮގުމިން ދެކިލުމަށް ބޭނުންވަނީ އަމިއްލަ ދެލޮލުންނެވެ. ނަމަވެސް އެހާ ވަގުތު އެބައޮތް ހެއްޔެވެ؟ ބޯޓުން އެންމެ ފުރަތަމަ ފޭބި މީހުންގެ ތެރޭގައި ޖީޒާ ހިމެނެއެވެ. ފޮށި ހިފައިގެން ބާރުބާރަށް އެއާރޕޯޓުން ނުކުމެ ފެރީއާ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

މާލޭގެ ކާރޫ ބާރޫ ބޮޑެތި މަގުތަކުގައި ޓެކްސީ ދުއްވަމުންގޮސް މަޑުކޮށްލީ ހެންވޭރު އަތިރިސާފު ގެއަށެވެ. ޓެކްސީއިން ފައިބައިގެން ފޮށި ދަމަމުންގޮސް ޖިޒާ ގޭތެރެއަށް ވަތްއިރު މިވީ ތިންއަހަރު ތެރޭގައި އެގެއަށް އައިސްފައިވާ ބަދަލު ފެނުނެވެ. އާދައިގެ ގޮތަކަށް އޭރު ހަތަރު ބުރިއަށް ނަގާފައިވާ އެގެ މިހާރު ވަނީ ނުވަ ބުރިއަށް ނަގައި ފެންވަރު ރަނގަޅުކޮށް ހަދާފައެވެ. ޖީޒާ މީގެ ތިންއަހަރު ކުރިން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔައީ ޖިޒާގެ މަންމަގެ އުންމީދުތައް ފުރިހަމަ ކުރުމަށެވެ. އޮސްޓްރޭލިއާއަށްގޮސް ކިޔަވައިގެން ވަޒީފާ އަދާކޮށް އެކޮޅުގައި އަމިއްލަ ގެއެއް ހުންނަ ޖީޒާއަކީ އަމިއްލަ ފައި މައްޗަށް ތެދުވެހުރި މުރާލި ޒުވާނެކެވެ. ކިޔަވައި ނިމިގެން ހަފްތާއެއް ނުވަނީސް މާލެ އަންނަން ޖެހުނީ މީހަކު ޖީޒާއަށް ގުޅުމަށްފަހު ދިން ޚަބަރެއްގެ ދޮގު ތެދު ބެލުމަށްޓަކައެވެ. ފޮށި ހިފައިގެން ގޭގެ ފުރަތަމަ ފަންގިފިލާއަށް އަރައި ދޮރުގައި ޓަކި ޖެހުމުން އެދޮރު ހުޅުވީ ބޭރު އަންހެން މީހެކެވެ. އެ އެޕާޓްމަންޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ. ހަމަ މީގެ ތިން އަހަރުކުރިން ޖީޒާ އުޅުނީ އެތަނުގައެވެ. ޖީޒާގެ މަންމައާ އެކުގައެވެ.

ޖިޒާގެ ޢާއިލާގައި ޖިޒާގެ އެއްބަނޑު އެއްބަފާ ދެ ފިރިހެން ކުދިން ތިބެއެވެ. އެދެމީހުންވެސް މިހާރު ކައިވެނިކޮށްގެން ދަރިންނާއެކު އުޅެނީ ހަމަ އެގޭގައެވެ. ނަމަވެސް ޖީޒާއަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި ޖީޒާގެ ދެބޭބެ އުޅެނީ މަންމައާ ވަކިން އެހެން ދެ އެޕާޓްމަންޓެއްގައެވެ. ޖީޒާ ފެނުމުން އެ ބޭރު އަންހެން މީހާގެ މޫނުގެ ކުލަވަރު ފުސްވިއެވެ.

"ކާކު ހޯދަން؟" ރުޅި މޫނު ދައްކާލަމުން އެމީހާ ބުންޏެވެ.

އެ އަންހެން މީހާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް ޖިޒާ އޭނައާ ދިމާލަށް ބަލާލިއެވެ. ރަނގަޅަކަށް ވިއްޔާ މިއީ މަންމަ ބަލަން ބޭބެމެން ބަހައްޓާފައި ހުންނަ މީހާއެވެ. ޖީޒާ އެމީހާއަށް ބަލާލުމަށްފަހު ދެން ބަލާލީ ކުޑަ ސިޓިންގް ރޫމާ ދިމާލަށެވެ. ލުއި ކާނާއާއި ކޯކްފަދަ އެއްޗެހިން އެތަނުގައި ހުރި މޭޒެއް ފުރާލާފައި ހުއްޓެވެ. ތަންކޮޅެއް އެތެރެއަށް ވަދެ ބަލާލުމުން ކުރިން ޖީޒާއާއި އޭނަގެ މަންމަ އުޅުނު ކޮޓަރި ޖީޒާއަށް ފެނުނެވެ. އެކޮޓަރިއާ ޖެހިގެން ހުރި ކުޑަ ވަރެއްގެ ގުދަނެއްކަހަލަ ކޮޓަރިއެއްވެސް ހުއްޓެވެ. އެއީ އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ގޭގައި ހުރި ބޭކާރު ބައެއް ސާމާނުތައް ބެހެއްޓިފައި ހުންނަ ކޮޓަރިއެވެ. ފޮށި ބަހައްޓާފައި ޖީޒާ ކުރިއަށް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

"އޭތް. ކާކުހޭ ތީ" ހަޅޭއްލަވަމުން އެއްކަލަ އަންހެން މީހާ ޖީޒާއާ ދިމާލަށް އައިސް ޖިޒާގެ އަތުގައި ހިފައި ދަމައިގަތެވެ. ޖިޒާ ވަގުތުން އަތްފޮޅުވާލިއެވެ.

"މަޑުން ހުރޭ" މިހެން ބުނެ އެއަންހެން މީހާއަށް އިންޒާރެއް ދިނުމަށްފަހު ޖީޒާ ގޮސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދުވަން ފެށި ވަހަކުން ޖީޒާއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. މުޅި ކޮޓަރީގައި ދުވަނީ ސިނގިރޭޓް ވަހެވެ. ދެން އިންޑިއާ މީހުންގެ ގައިން އާންމުކޮށް ދުވާ ތެޔޮ ފަދަ ވަސްވަހުން މުޅި ކޮޓަރި ވަނީ ތަޢައްޔަރު ވެފައެވެ. ކޮންމެވެސް މީހަކަށް ގުޅުމަށް ބޭރު އަންހެން މީހާ ފޯނު ނަގައިގެން ޖީޒާއާ ދިމާލަށް އައީ މިގުޅަނީ މިގޭގެ ވެރިފަރާތަށޭ ބުނަމުންނެވެ.

"މިގޭ ވެރިފަރާތް މިހިރީ ކަލޭގެ ކުރިމަތީގައޭ" މިހެން ބުނެ ޖީޒާ އެމީހާގެ ފޯނު ޖަހައިގަތެވެ.

ދެން ހުރި ކޮޓަރީގެ ދޮރު ކައިރީގައި ޖީޒާ ހުއްޓިހުރެ ތަޅުގައި ހިފިއިރު އެއަތުގައި ވަނީ މަޑު ތުރުތުރުލުމެއް އުފެދިފައެވެ. ހިތުގެ އަޑިން ދުޢާ ކުރެވުނީ އޭނައަށް އިވިފައިވާ ވާހަކަތަކަކީ ދޮގަކަށް ވުމަށެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު ޖީޒާގެ ލޮލުން ކަރުނަ ފައިބަންފެށީ އެއްވެސް ހިފެހެއްޓުމަކާ ނުލައެވެ. ގުދަނެއްފަދަ އެކޮޓަރީގައި ބާއްވާފައި އޮތް ކުނާ ގަނޑެއްގެ މަތީގައި އޮތީ ދެވަނަ މީހެއް ނޫނެވެ. އޭނާގެ ދެލޮލުގެ ކޮއިފަދަ މަންމައެވެ. މުޅިކޮޓަރިތެރޭގައި ނުބައި ވަހެއް ދުވާއިރު އެކޮޓަރި ގަނޑަކީ ފަންކާއެއްހާ ހިސާބުވެސް ހުރިތަނެއް ނޫނެވެ. ބޭނުންނުކުރާ އެކި އެކި ސާމާނުތަކާއި ބައުވެފައިވާ ސޯފާފަދަ އެތައް އެއްޗެއް އެތަނުގައި ހުއްޓެވެ.

ކޮޓަރީގެ ދޮރު ހުޅުވުނުކަން އެނގުމުން ގައިގައި ވަރެއްނެތަސް ޖީޒާގެ މަންމައަށް ކުރެވުނުހާވެސް ކަމަކީ އަތުގައި އޮތް މުށިކުލައިގެ ޖޯޑު ދޮރާ ދިމާލަށް ދިއްކޮށްލުމެވެ. ދޮރުމަތީގައި ހުރީ ކާކުކަމެއްވެސް އެމުސްކުޅި މައިމީހާއަށް ނޭނގުނީ އެފަދަ ހަކަތައެއް ގައިގައި ނެތުމުންނެވެ. ކޮންމެ ދުވަހަކު ލިބެނީ އެންމެ ބަނަހަކާއި އެއް ތަށީގެ ފެންކަމުން އެވޭނުގައި އެމައިމީހާ އޮންނަތާ މިހާރު ހައެއްކަ މަސްވާން ކައިރިވެއްޖެއެވެ.

ބޭރު އަންހެން މީހާއާ ދިމާލަށް ޖީޒާ ބަލާލީ ރުޅިވެރިކަމާއެކުގައެވެ. އެއަންހެން މީހާގެ އަތުގައި ހިފުމަށްފަހު އޭނަގެ ކޮޓަރިއަށް އޭނަ ވެއްދުމަށްފަހު ކޮޓަރީގެ ދޮރުގައި ތަޅުލައި އެމީހާއަށް ނުނުކުމެވޭ ގޮތަށް ހެދިއެވެ. އަދި ދުވެފައި ގޮސް ބަދިގެތެރެއަށްވަދެ މަންމައަށް ދޭނެ ފެންފޮދެއް ހިފައިގެން އައެވެ. މަންމަގެ މޫނު ފެނުމުން ޖީޒާއަށް އަޑުން އަޑު ނަގައި ރޮވެން ފެށުނެވެ. ހިކި އަނަރޫފުވެފައިވާ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތްއިރު އެމަންމަ ނޭވާލަނީވެސް އެއީ އެންމެ ފަހު ނޭވާ ފަދައިންނެވެ. ދެލޯ ހުޅުވޭ ވަރަށްވުރެ ހާލުދެރައެވެ.

"ޖީ.. ޖީޒާ" ބަލި އަޑަކުން ފާތުން ގޮވާލީ ކުރިމަތީގައި އެއިނީ އޭނަގެ ޖީޒާކަން އިހްސާސް ވުމުންނެވެ. ބަހެއް ބުނާނެ ހިތްވަރެއް ނެތުމުން ޖީޒާ މަންމަގެ ބޮލުގައ ހިފައި އުނގަށް އެރުވުމަށްފަހު ކުޑަ ފެންފޮދެއް މަންމައަށް ދިނެވެ. އަދި އަވަހަށް އަތުގައި އޮތް ފޯނުނަގައި އެމްބިއުލާންސްއަށް ގުޅިއެވެ.

އޭގެ ގަޑިއިރެއްފަހެވެ. ޖީޒާއިނީ އޭނާގެ ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. ހީހީފައި ބޭބެ އަދުހަމް އަދި އާދިމްއާއި ވާހަކަ ދައްކަން ޖީޒާ އިންއިރު މީގެ އެއްގަޑިއިރުކުރިން ވި އެއްވެސް ކަމެއްގެ ހިލަންވެސް ޖީޒާގެ މޫނުން ނުފެނެއެވެ.

"ބޭބޭ. އެކޮޅަށް ބަދަލުވާން މިއުޅެނީ އެއްކޮށް. ހާދަ ސަޅިއޭ އެކޮޅު" އަދުހަމާ ދިމާލަށް ބަލާލަމުން ޖީޒާ ބުންޏެވެ. އެވަގުތު ޖޫސް ހިފައިގެން އައި އަދުމަހުގެ އަންހެނުން އާސިފާއަށް މިއަޑު އިވި އަނގައިގެ ހުރިއްޔާ ހުރި ދަތެއް ދައްކާލިއެވެ.

"ހިނގާ އަހަރެމެންވެސް އެކޮޅަށް ބަދަލުވާން. ޖީޒާގެ ގެއެއްވެސް ހުރެއެއްނު. ކުދިންވެސް ކިހާ އުފާވާނެ. ޖީޒާ އެބުނަނީ އެގެ ވަރަށް ބޮޑޭ" އާސިފާ މިހެން ބުނުމުން ޖީޒާ ވަރަށް ފުންކޮށް އާސިފާއާ ދިމާލަށް ބަލާލިއެވެ. ހަމައެވަގުތު އާދިމްގެ އަންހެނުން ފަޒާވެސް އެވާހަކައަށް ތާއީދުކުރިއެވެ.

"ތެދެއް؟ ބޭބެއާއި ތިއްތިވެސް ދާންވީހަމަ. މިގެ ކުއްޔަށް ދިނަސް އެކޮޅުގައި އުޅެވޭނެ މާފަސޭހައިން" ޖީޒާ އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިން ބަލާލަމުން ބުންޏެވެ. އެވަގުތު އާދިމްއައި އަދުހަމްގެ މޫނުމަތިން އެކަމަކށް ތާޢީދުކުރާ ކަމުގެ ނިޝާންތަކެއް ފެންނަން ފެށިއެވެ.

"އާ. ތިއީ ވަރަށް ރަނގަޅު ހިޔާލެއް" އާދިމްއާއި އަދުހަމްގެ އާބަސް ލިބުމުން ޖީޒާ ފިޔަވައި ދެން ތިބި ދެއަންހެނުންގެ ފައި ބިމުގައި ޖެހޭވަރަށްވުރެން ބޮޑަށް ތެޅެންފެށިއެވެ.

"ބޭބޭ. ތިއްތީ. އަހަރެން އެކަމަކު ވާހަކައެއް އަހާލަން އެބަ ޖެހެޔޭ"

"އަހާބަލަ" އަދުހަމް ބުންޏެވެ.

"މަންމަގެ މަރުގެ ސެޓްފިކެޓް ދައްކަބަލަ"

ޖީޒާ ހީވީ ވަރަށް ވިސްނައިގެން ހުރެ އެތަނަށް ބޮމެއް ވައްޓާލިހެންނެވެ. އުފަލުން ނަށަނަށާތިބި އާސިފާ އާއި ފަޒާގެ ހަރަކާތްތައް އެއްކޮށް ގަނޑުވިއިރު އާދިމްއާއި އަދުހަމްގެ ހައިރާންކުރުވަނިވި ލޯ ހުރީ ސީދާ ޖީޒާއަށް ހުއްޓިފައެވެ.

"އެއީ؟" އަޅައިގަންނަމުން ކަހަލަ ގޮތަކަށް އާދިމް ސުވާލުކޮށްލިއެވެ.

"އެއީ؟ ހަމަ ބަލާލާކަށްނު؟ ކިހިނެއްވީ. އެނެތީތަ؟" ޖީޒާ ސުވާލުކޮށްލިއެވެ.

"އުނހު. އޮންނާނެ. އެކަމަކު ކުއްލިއަކަށް ތިހެން އެހީމަ ދޯ" މިހެން ބުނެ އަދްހަމް އޭނަގެ ކޮޓަރިއަށް ވަދެފައި އައީ އެބުނާ މަރުގެ ސެޓްފިކެޓް ހިފައިގެންނެވެ.

ޖީޒާ އެއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

"ބޭބޭ. އަހަރެން ކިޔެވީ ކޯއްޗެއް؟" ޖީޒާގެ ސުވާލުތަކުން މިފަހަރު އަދުހަމްއާއި ދެންތިބި މީހުންގެ މޫނުމަތިން އޮށްދާހިއްލަން ފެށިއެވެ.

"ޑޮކްޓަރީ ކަމެއްނު...ކި ކިހިނެއްވީ؟

"ކޮންކަހަލަ ޑޮކްޓަރަކަށް އަހަރެންވީ؟"

"ހިތުގެ" ޖީޒާގެ ލޮލާ ލޯ ސީދާ ކުރަން އުދަނގޫވިނަމަވެސް އަދުހަމް ހިތްވަރުކުރިއެވެ.

"މަންމަ މަރުވީ ހިތްހުއްޓިގެންތަ؟"

"އާނ. އުނހު" އަދުހަމަށް މިހެން ބުނެވުނީ އޮޅިގެންނެވެ. އެންމެ ފުރަތަމަ މިގެ ހަމަހެއްހާ ދުވަސްކުރިން ޖީޒާ އަށް ގުޅާފައި މަންމަގެ ހިތް ހުއްޓިގެން މަރުވި ވާހަކަ ބުނެވިފައި އޮތް ހަނދާން އަދުހަމް ވިއިރު މަރުގެ ސެޓްފިކެޓްގައި އޭނައަށް ލިޔެވުނު އެއްޗަކާމެދު އަދުހަމަށް ޝައްކުކުރެވުނެވެ. އަދުހަމްގެ އަނގައިން ބޭރުވި ބަސްތަކުން ޖީޒާގެ އަތުގައި އޮތް ސެޓްފިކެޓް އަދުހަމާ ދިމާލަށް އަނބުރާލަމުން އެދައްކާލީ ބަލާށޭ ބުނަމުންނެވެ. އޭގައި ލިޔެފައި އޮތީ މަންމަ މަރުވީ ކިޑްނީ ފެއިލް ވެގެން ކަމަށެވެ.

"ކިހިނެއްވީ؟ އަނގައިގެ ބަސްތައް ހުސްވީ؟ އާސިފާ؟ ފަޒާ؟ ވަރަށްވޭތަ މުއްސަނދި ދިރިއުޅުމުގައި އުޅޭ ހިތް އޭނ؟ ކަލޭމެން ދެބޭބެމެން ވަރަށް އުފާވޭތަ މިތިބަ ދެ ގަމާރުންނަށް ނެތް ފެންވަރުން މުއްސަނދިކަން ދައްކަން ވެގެން އަމިއްލަ މައިމީހާ ނިކަމެތި ހާލުގައި އެއްލާފައި ބާއްވަން؟ މަ މިއޮއްހާ ދުވަހު މިހުރީ މަންމަ މަރުވީކަމަށް ނިންމައިގެން. މަރުވީޔޭ ބުނީމަ އައިސްފާނެތީ އަދި ބުނެފިއެއްނު އަހަރެން ދެރަވާނެޔޭ މޫނު ފެނުނީމަ؟ އެހެންވެ މިހާރު ވަޅުލައިފީމޭ؟ ވަޅުލީ ކޮންތާކު؟ ތިރީ ގުދަނުގަ؟" ޖީޒާގެ ލޮލުން ކަނި ބުރާހެން ހީވެއެވެ.

"ޖީޒާ.. ތިއީ ދޮގެއް. ކާކުކި އެއްޗެއް؟" އާދިމް ބިރުން ހުރެ އަހާލިއެވެ.

"ކޮންމެ މީހަކު ކިޔަސް މަށަށް އެނގިއްޖެނު؟ ބަލަ ނަސީބެއްނު މަށަށް އާދެވުނުކަން މަންމަ އަސްލަށްވެސް މަރުނުވަނީސް. ކަލެއާ ކަލެއާ މަ، ބަލާ ބޮޑުކުރީ އެމަންމަ އެކަނި މާއެކަންޏޭ ބައްޕަ ނެތް ދުނިޔޭގަ" މިއީ ޖީޒާގެ ފުށުން ދުވަހަކުވެސް އަދުހަމް އަދި އާދިމްއަށް ފެނުނު ސިފައެއް ނޫނެވެ. ނަމަވެސް އެފަދަ ބޮޑު ކުށަކަށް ތިބި ބޭބެމެން އަރައިގަތީމައި ބޭބެއެއްކަމަކު ޖީޒާއަށް މަޑުން ހުރެވޭކަށް ނެތެވެ. ޖިޒާއަށް ނާދެވުނު ނަމަ މަންމަ ދުނިޔޭގައި އޮތްނާނެ ކަމެއްވެސް ނޭނގެއެވެ. ވަގުތުފާއިތުނުވަނީސް ފަރުވާ ދެވުނުކަން ނަޞީބެކެވެ.

"މަ ބޭނުންވަނީ އެންމެ ސުވާލެއްގެ ޖަވާބު" އަދުހަމްއާއި އާދިމް ޖިޒާކައިރިއަށް އަންނަން އުޅުމުން އަތުން ހުއްޓުވައި ޖީޒާ ވާހަކަ ދެއްކީ ރޮވިފައި ހުރެއެވެ.

"ބޭބެމެން މަންމަ ފަކީރަށް އެހެން ހެދީ ކީއްވެ؟" ރޮމުން ރޮމުން ޖީޒާ ސުވާލުކުރިއެވެ.

"ޖީޒާ... މަންމަ ހިތްހަމަ ނުޖެހޭ އާސިފާއާއި ފަޒާދެކެ. އެހެންވެ މަންމަ ބަދަލުކުރަން ޖެހުނީ" އަދުހަމް ހިންދިރުވާލަމުން ބުންޏެވެ.

"ޔަޤީނޭ މަގޭ މަންމަ ތިތިބަ ދޭތި ދެކެ ރުޅިއަންނާނީ އެމީހުން ފަރާތުން އެފަދަ ކަމެއް ފެނިގެންކަން. އެހެންނޫންނަމަ އެއީ އެކަހަލަ މަންމައެއް ނޫންކަން ތިދެމީހުންނަށްވެސް އެނގޭނެ. އެކަމަކު ފައިސާއާއި މުދަލަށް ދަންޖެހިފަ ތިބި ދެމީހަކާ އިނދެގެން ވިހެއި މައިމީހާ އެއްލާލީ ކޮންފަދަ ނުބައި ކަމެއް ދެއްވީމަ"

އިތުރަށް އެމީހުންނަށް ވާހަކަ ދައްކާނެ ފުރުޞަތެއްވެސް ދޭކަށް ޖީޒާ ބޭނުމެއް ނުވިއެވެ. އެވަގުތު ދޮރުން ވަދެގެން އައި ފުލުހުން އަދުހަމްއާއި އާދިމްއަށް ފެނުނެވެ. އެމީހުން ކައިރީގައި މަންމަ ކައިރީގައި ގެންގުޅެން ގެނައި މަލީކާވެސް ހުއްޓެވެ. މަލީކާގެ ކިބައިން މަންމައަށް ހަދާލި އިހާނެތި ގޮތްތައް ޖީޒާއަދި ފުލުހުންނަށް ވަނީ އެނގިފައެވެ. އޭގެ ފުރިހަމަ ހެއްކެއްގެ ގޮތުގައި ޖީޒާގެ މަންމަގެ ބަލިހާލަތު ހިމެނެއެވެ. އިސްޖަހައިގެން ތިބި އަދުހަމްއާއި އާދިމް އަދި އެމީހުންގެ އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެފަދަ ދުވަހެއް ދެކެން ޖެހޭނެކަމަށް ޖިޒާ ނިންމައިގެން ހުއްޓައެއް ނޫނެވެ. ރޮމުން ރޮމުން ސޯފާއަށް ތިރިވެވުނުއިރު މުޅިމީހާގެ ހިތްވަނީ ހިތާމައިން ފޯވެފައެވެ. މަންމަ ތަހައްމަލުކުރާނެ ވޭން ޖިޒާއަށް އަންދާޒާ ނުކޮށްލެވުނަސް އެހިތުގައި އަޅާނެ ވޭން އެތައް ގުނަ ބަރުވާނެކަން ޖީޒާއަށް އެނގުނެވެ.

ހޮސްޕިޓަލަށް ދިޔައިރު ޖީޒާގެ މަންމަ ހޭއަރައިފިއެވެ. ގައިގައި ކުޑަކޮށް ވަރުޖެހިފައި ހުރުމުން ޖީޒާ ފެނި ކޮޅަށް ތެދުވާން އުޅުނެވެ. ޖީޒާ އައިސް މަންމަގެ ގައިގައި ބައްދާލަމުން އެމޫނުގައި ހުރި ކަރުނަތައް ފޮހެދިނެވެ. އަދި ބޭބެމެންނަށް ހެޔޮވިސްނުން ދެއްވުމަށް އެދި ދުޢާކުރުމަށް އެދުނެވެ. އިތުރަށް ކަންކަމާ ނުވިސްނުމަށާއި މަންމަ ދެން އަބަދުވެސް ހުންނާނީ ޖީޒާ ކައިރީގައި ކަމަށް ބުނުމުން އެ މަންމަ ބަލިގޮތަކަށް ހީލިއެވެ.

އޭގެ ފަހުން ދެހަފްތާ ވެގެން ދިޔައިރު ޖީޒާ ހުރީ މަންމަ ގޮވައިގެން އޮސްޓްރޭލިއާގައެވެ. ޖީޒާގެ ބޭބެމެންނަށް އެއް އަހަރުގެ ޖަލު ހުކުމެއް އައި އިރު އެމީހުންވަނީ އެމީހުންނަށް ކުރެވުނު ކުށާމެދު ލަދުގަންނަ ކަމަށްބުނެ މަޢާފަށް އެދިފައެވެ. ނަމަވެސް އެއީ ޖީޒާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިނިވަންވެގެން އައިސް މަންމަ ކިބައިން އެމީހުން މަޢާފަށް އެދޭނެ ދުވަހަކަށް ޖީޒާ އިންތިޒާރުކުރެއެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާހަކަ ވަރަށް ރަނގަޅު. ހުއްޓާނުލާ ކުރިއަށްދޭ.

  2. ވާހަކަ ވަރަށް ރަނގަޅު. ހުއްޓާނުލާ ކުރިއަށްދޭ.