މެންދުރުން އަނބުރާ ދެ އެއް ޖަހަނީއެވެ.

ބަދިގެތެރެ ހަލަބޮލިވެފައި އަޑު ގަދައެވެ. ގޭގެ ދޮރު ހުޅުވާލިއަސް ފަޒާގެ ތެރެއަށް ފެތުރިގެންދަނީ ކާއެއްޗެހީގެ މީރު ވަހެވެ. އާއިޒާ ކޮޓަރީގައި އޮވެ ނިކުތީ އޭނާގެ މަންމަ ފަރީލާ ގޮވާލި އަޑަށެވެ. ކިޔަން އޮތް ފޮތް ފޫހި ގޮތަކަށް ސޯފާ މައްޗަށް އެއްލާލުމަށްފަހު ބަދިގެއާ ވީ ފަރާތަށް ހިނގައިގަތެވެ. މާލޭގެ ގެތައް އާންމު ގޮތެއްގައި ކުޑަވެފައި ކުލި ބޮޑަސް މިގެއަކީ ޖާގައިގެ ގޮތުން ތަނަވަސް ގެއެކެވެ. އާއިލާގެ ހައިބަތާއި ފައިސާވެރިކަން ގޭގައިވާ ފަރުނީޗަރަށް ބަލާލިއަސް ފާހަގަވާނެއެވެ. ކޮޓަރިތައް ބޮޑުވެފައި ރީއްޗެވެ. ފަރުނީޗަރަކީ ޒަމާނީ ފޭޑީގެ މިސާލެކެވެ. ގޭތެރެ އެހާމެ ސާފުތާހިރެވެ.

ބަދިގެއާވީ ފަރާތަށް އާއިޒާ ހިނގާލައިފައި ދިޔައިރު ހީވަނީ ގައިގައި އެއްވެސް ވަރެއް ނެތް ހެނެވެ. ކަންނެތްކަން އޭނާގެ ކޮންމެ ހަރަކާތަކުން ފާހަގަކުރެވެއެވެ. ފޫހިކަން އިންތިހާއެވެ. ޝައުގުވެރިކަން ނެތް ގޮތަކަށް ބަދިގޭގައި އެންމެން ކުރަމުން ދިޔަ މަސައްކަތަށް ނަޒަރުހިންގާލިއެވެ. ޑައިނިންގ މޭޒުމައްޗަށް އެއްބަޔަކު ތައްޔާރުވި ތަކެތި އަރުވަމުންދިޔައެވެ. ސުފުރާމަތި އެހާމެ ފުރިހަމައެވެ. އެކި ކުލަކުލައިގެ ޖޫހާއި ފަނި ސާފު ތަށި ތައްޓަށްވަނީ އަޅާ، ރީތި ގޮތަކަށް މޭޒުމަތީ އަތުރާލާފައެވެ. ރޯސްޓު ކޮށްފައިވާ ބޮޑު ކުކުޅެއް މޭޒުގެ މެދުގައި ބެހެއްޓިފައިވާ އިރު އެކި ޒާތް ޒާތުގެ ރިހަ އޭގައި ވަށާލެވިގެން ވެއެވެ. ބަތް ތަބަށް ތަބަކާއި، ރޮށި ތަށި ތަށި މަދުނުވާ ވަރަށް ހުއްޓެވެ. ސަޓަނި ތައްޓެއް ހިފައިގެން އައި ފަރީލާއަށް އާއިޒާ ފެނި އޭނާ ގާތަށް ހިނގައިގަތެވެ.

ކުރަމުން ދިޔަ މަސައްކަތުގައި އަތްގާތް ކޮށްދޭން އަންނާށޭ ބުނެ އަނެއްކާވެސް ފަރީލާ ސަޓަންޏާއިގެން މަސްޢޫލުވިއެވެ. އާއިޒާގެ ފޫހިކަން އިތުރުވިއެވެ. ހެނދުނުއްސުރެ މުޅި ގެއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ގޭތެރެ ސާފުކުރުމާއި، އެކި ވައްތަރުގެ ތަކެތި ތައްޔާރުކުރުމުގައި މަންމަމެން އަވަދިނެތި އުޅެނީއެވެ. ބައްޕަގެ އެންމެ ގާތް އެކުވެރިޔާއާއި، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އަޝްވާގް މިއަދު އެގެއަށް އަންނަނީއެވެ. އެ އާއިލާއަކީ މެލޭޝިއާގައި ދިރިއުޅޭ އާއިލާއެކެވެ. ނަމަވެސް ބޮޑު ޢީދު ޗުއްޓީއަށް އަހަރުތަކަކަށްފަހު ރާއްޖެއައުމަށް އެމީހުން ނިންމި ނިންމުމަށް ތަރުހީބު ދީ އެ ގޭގައި ތިބުމަށް އާއިޒާގެ ބައްޕަވަނީ ދަޢުވަތު ދީފައެވެ. ބޮޑު ގެއެއް ކަމުން ބޭނުން ނުކުރާ އެތަކެއް ކޮޓަރިއެއް އެ ގޭގައި ހުރެއެވެ. އެހެންކަމުން އިތުރު ތަނެއްގައި ތިބުމަކީ ބޭކާރު ޚަރަދެއްކަމުގައި އާއިޒާގެ ބައްޕަ ދެކެއެވެ. ގޭތެރެ މިހާ ހަލަބޮލިވެފައި ބުރައީ އެހެންވެއެވެ.

އާއިޒާއާއި އަޝްވާގް އަކީ ކުޑަ އިރުގެ ރަހުމަތްތެރިންނެވެ. ގްރޭޑް ފަހަކާއި ހަމައަށް ދެކުދިން ކިޔެވީ އެއް ސުކޫލަކުންނެވެ. އެއީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. ކުޑައިރު އާއިޒާއަކީ ފަލަކޮށް ހުންނަ ކުއްޖެކެވެ. ގިނަ ކުދިންގެ މަލާމާތާއި ފުރައްސާރައާ އޭނާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް އެހެންކުދިންގެ ގަނާތަކުން އަޝްވާގް އޭނާ ސަލާމަތްކޮށްދެއެވެ. އެހެންކަމުން ދެމީހުންގެ މެދުގައި އުފެދިފައިވަނީ ވަރަށް މައުސޫމު، އެހެނަސް ވަރުގަދަ ގުޅުމެކެވެ. މި ގުޅުމަށް ބުރޫއަރަން ފެށީ އަޝްވާގުގެ އާއިލާ މެލޭޝިއާއަށް ބަދަލުވާން ނިންމި ނިންމުމާ ގުޅިގެންނެވެ. އޭނާގެ ބައްޕަގެ ވިޔަފާރީގެ ސެޓަޕް އެގައުމުގައި ހެދުމާއި ގުޅިގެން ބަދަލުވާން ނިންމި ނިންމުމަށް އަޝްވާގުވެސް ދެކޮޅުހެދިއެވެ. ނަމަވެސް އިތުރު އެއްވެސް ގޮތެއް ނެތުމުން، ބަދަލުވާން މަޖުބޫރުވީއެވެ.

މެލޭޝިއާ އަށް ދިއުމުގެ ކުރިން ކުޑަ ކުޑަ ދެކުދިން އެކަކު އަނެކަކަށް އެތަކެއް ވަޢުދުތަކެއް ވިއެވެ. ސިޓީ ލިޔުމަށާއި އެކަކު އަނެކަކަށް ކޮންމެ ދުވާލަކު ގުޅުމަށް އަޒުމުކަނޑައެޅިއެވެ. ނަމަވެސް އަޝްވާގް މެލޭޝިއާއަށް ބަދަލުވިތާ މަހެއް ހާ ދުވަސްތެރޭ އެ ހުރިހާ ވަޢުދަކާއި އަހުދެއް އުވާލި ފަދައެވެ. ސިޓީތައް އައުން ހުއްޓިއްޖެއެވެ. ފޯނު ކޯލުތައް މަދުވެއްޖެއެވެ. އާއިޒާ އަށް ކުރިމަތިވަމުން ދިޔަ ގަނާކުރުމުގެ ވާހަކައާ ސުކޫލުގައި ހިނގާ ކަންތަކުގެ ވާހަކަ ހިއްސާކުރާ މިތުރު ގެއްލިއްޖެއެވެ. އޭނާގެ މައިންބަފައިންނަކީ ވިޔަފާރިވެރިންނެވެ. ރޭގަނޑު ނިދަން އަރާ އިރުވެސް އެއިން މީހަކު ލޮލަށް ނުފެންނާނެއެވެ. އާއިޒާގެ ދިރިއުޅުން ވެއްޓިގެން ދިޔައީ އެކަނިވެރިކަމުގެ އަނދިރި ގަނޑަކަށެވެ. އަޝްވާގް އާމެދު އޮތް ގާތްކަން ފަނޑުވެއްޖެއެވެ. އޭނާގެ ނަން އިވުނަސް ރުޅި އާދެވެއެވެ. ކޮންކަހަލަ ބެސްޓްފްރެންޑެއް ހެއްޔެވެ؟ އެކަހަލަ ރަހުމަތްތެރިން އެންމެ ރަނގަޅީ ނުލިބުނިއްޔާއޭ އާއިޒާ ހިތަށް އަރަމުންދިޔައެވެ. ދެތިން އަހަރު ފާއިތުވެ ދިޔައިރު ދެމީހުންވެސް އެކަކު އަނެކަކު ދަންނަ ބައެއް ކަމުގައި ނުހެދިއެވެ.

އަހަރުތަކެއް ފަހުން އަޝްވާގު ފެންނާނެ ކަމުގެ ޚަބަރު ލިބުމުން އާއިޒާ ހުންނަނީ ޒާތަކަށް ނެގިމަޑުވެފައެވެ. އުފާވާންވީ ހެއްޔެވެ؟ ހިތާމަ ކުރަން ވީ ހެއްޔެވެ؟ ނޫނީ ހިތުގައިވާ ނަފްރަތަށް ބަރޯސާވާންވީ ހެއްޔެވެ؟ ފޭސްބުކް އިން ދެމީހުންނަކީ ރަހުމަތްތެރިކަމުން ފޮޓޯތައް ފެނެއެވެ. ވަރަށް ބަދަލުވެއްޖެއެވެ. ނިދި އާއިޒާއާއި ރުޅި މޫނު ހަދާލާ ރޭތަކުގައި އަޝްވާގްގެ ޕްރޮފައިލް ހާވާލައެވެ. ބައެއް ފަހަރު ފެންނަ ތަސްވީރުތަކުން ހިތް ފިއްތާލައެވެ. ހިތަށް ނުތަނަވަސްކަން ވެރިކުރުވައެވެ. އެހެން އަންހެން ކުދިންނާ އެކު ނަގާފައިވާ ތަސްވީރުތަކަކަށް ވީމައި ހެއްޔެވެ؟ އެހެން ކުއްޖަކާ ގައިގޯޅިވެފައިވާ މަންޒަރުތައް ފެނުމުން ހެއްޔެވެ؟ އާއިޒާ އަކަށް ނޭނގެއެވެ. އެނގެން ބޭނުމެއްވެސް ނޫނެވެ. ފާއިތުވި އަހަރު ތަކު ތެރޭ އާއިޒާއަށް އެނގިގެން ހަތް ވަރަކަށް އަންހެން ކުދިންނާއި އަޝްވާގް ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ފޭސްބުކް ގައި އާންމުކޮށްފައި ވާތީ އޭނާއަށް އެކަން އެނގުނީއެވެ. އާންމު ނުކުރާ ކިތައް ކުދިންތަކެއް ތިބެދާނެހެއްޔެވެ؟ އެއީވެސް ވެދާނެ ކަމެކެވެ. އޭނާ އެހާމެ ރީއްޗެވެ. އެ ފުރިހަމަ ހިނިތުންވުމުގެ ދަލުގައި ނުޖެހޭނީ ކޮން އަންހެން ކުއްޖެއްހެއްޔެވެ؟

އެއްވެސް ކަމެއް ނުކޮށް އާއިޒާ މަޑުޖެހިފައި ހުރިކަން ފަރީލާއަށް ފާހަގަކުރެވުނީ ސުފުރާމަތި ތައްޔާރުކޮށް ނިމުމުންނެވެ. އޭނާ ކައިރީ އަތްގާތް ކޮށްދޭން ތިބި ބިދޭސީން އެމީހުންގެ ކޮޓަރިތަކަށް މިސްރާބު ޖަހައިފިއެވެ. އާއިޒާ އޭރުވެސް ހުރީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. މި ހުރިހާކަމެއް އާއިޒާއަށް ކިހާ އުނދަގޫ ވާނެކަމާމެދު ފަރީލާއަށް ވިސްނެއެވެެ. އަޝްވާގްއާއި އާއިޒާއާއި ދެމީހުންނަކީ ގާތް ދެ އެކުވެރިންނެވެ. އެ ދެމީހުން ދުރުކުރުވީ ދެފަރާތުގެ އާއިލާއިންނެވެ. ދެމީހުންގެ ކުރިމަގަށް ވިސްނާފައެވެ. ދެކުދިން ފޮނުވަން ފެށި ސިޓީތަކަށް ހުއްޓުމެއް ގެނައީވެސް ފަރީލާއާއި އަޝްވާގްގެ މަންމަ ސަކީނާގެ ނިންމުމަށެވެ. ސިޓީތައް އެކަކު އަނެކަކާއި ހަވާލު ނުކުރީއެވެ. ކުރާނީ ކިހިނެއްހެއްޔެވެ؟ އޭރުން އެކަކަށްވެސް ކުރިއަކަށް ނުދެވޭނެއެވެ. އާއިޒާގެ ޚިޔާލުގައި އަޝްވާގަކަށް އައު ރަހުމަތްތެރިންނެތް ނުހޯދޭނެއެވެ. އާއިޒާގެ ހާލަކަށްވާނީވެސް ހަމަ އެގޮތެވެ. ދެކުދިންނަށް ވިސްނާފައި ނެގި މި ފިޔަވަޅުން ދެކުދިންގެ ގުޅުން މުޅިން ހީނަރުވިކަން އެންމެންވެސް ދަނެއެވެ. އެހެންކަމުން ދެކުދިންގެ ކައިވެނިކުރުމަށް ނިންމި މި ނިންމުން ވެގެންދާނީ އެ ގުޅުމަށް އާރޯކަން ގެނުވާ ކަމަކަށެވެ. ފަރީލާގެ އުއްމީދަކީ އާއިޒާ މި ނިންމުމަށް ދެކޮޅު ނުހެދުމެވެ.

ފްލައިޓް ވެލާނާ އިންޓަނޭޝާނަލަް އެއާޕޯޓަށް ޖެއްސުމާއެކު ޚިޔާލުތަކުގެ ކަނޑުން އަޝްވާގަށް ހޭވެރިކަން ވިއެވެ. އޭނާ ވިސްނަމުންދިޔައީ ކުޑައިރުގެ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއިޒާއާއި ކުރިމަތިލާނެ ގޮތަކާއި މެދުއެވެ. ދެމީހުންގެ ދެމެދަށް ވެރިވި ދުރުކަމަކީ ކާކުގެ ކުށުން ވެރިވި ދުރުކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އާއިޒާގެ މޫނު ބަލާލަން ކެތްމަދުވެއެވެ. ރާއްޖެ އަންނަ ވާހަކަ އެނގުނީއްސުރެ ލޮލު ފިޔައެއް ނުޖެހެއެވެ. ކިތަންމެ ދުރުގައި ހުއްޓަސް އާއިޒާއާއި މެދު ވިސްނެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެންމެ ކުޑައިރުގެ ރަހުމަތްތެރިޔާ ކަމުގައި ވީމާ ބާވައެވެ؟ ނޫނީ އެ ނޫން އެހެން އިހުސާސެއް އާއިޒާއާއި މެދު އޭނާގެ ހިތުގައި އުފެދިފައި ވަނީ ބާވައެވެ؟

މި ޚިޔާލުތަކުގައި ހުއްޓާ ގެއާއި ހަމައަށް ފޯރައިފިއެވެ. ހިތް މޭގައި ނަގާ ޖެހެމުންދިޔައެވެ. އަތްފައި ވަނީ ފިނިވެފައެވެ. އާއިޒާ އޭނާ މަތިން ހަނދާން ކުރޭ ބާވައެވެ. އާއިޒާގެ ލޯބިވެރިއެއް ހުރޭ ބާވައެވެ. ސުވާލުތަކުން އަޝްވާގުގެ ބޮލަށް ތަދުކުރަމުން ދިޔައެވެ.

 

ދޮރު ހުޅުވީ އާއިޒާގެ ބައްޕަ ހާމިދުއެވެ. ވަރަށް ހޫނު މަރުހަބާއަކުން އެތެރެއަށް ވަންނަން ދެބަފައިންނަށް ދައުވަތު ދެވުނެވެ. އަޝްވާގް ކުޑަކޮށް ފްރެޝްވެލުމަށް ބޭނުންވެފައި ހުރުމުން ހޯލުގައި ތިންވަނައަށް ވީ ކޮޓަރިއަށް ދިއުމަށް ފަރީލާ ބުނެލިއެވެ. ވަރުބަލިކަން އަޝްވާގުގެ މޫނުމަތިން ފާޅުވިޔަސް އެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލައިގެން ނުދެއެވެ. ކޮޓަރިތައް ގުނަމުން ގޮަސް ހޯލުގައި ތިންވަނައަށް އިން ކޮޓަރިއާ އަރާ ހަމަވެއްޖެއެވެ. ދެ ފަރާތުގައި ދެ ކޮޓަރި ހުރުމާއެކު ވަރަށް ވިސްނުމަށްފަހު އަޝްވާގުގެ ކަނާތް ފަރާތަށް ހުރި ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ހަމަޖެހިލާފައި އެތެރެއަށް ވަދެލިއެވެ. ދަބަސް ބިންމަތީ ބެހެއްޓުމަށް ފަހު އެނދާ ދިމާލަށް ބަލާލުމުން އެނދުމަތީ ތިބި އަންހެނެއްގެ ލާ އެއްޗެހި ތަކެއް ލޮލުގައި އަޅައިގަތެވެ. ލަދުވެރިކަން ކޮލަށް ވެރިވުމުން ނިކުންނަށް ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް މާ ލަސްވީއެވެ. ދޮރާ ހަމައަށް އެރުމުގެ ކުރިން ފާޚާނާއިގެ ދޮރު ހުޅުވާ ނިކުތީ އަންހެން ކުއްޖެކެވެ. ތުވާލި ހަށިގަނޑުގައި އޮޅާލާފައި އޮތަކަސް ހާމަކަން ބޮޑެވެ. އޮމާން، ތުނި ހަށިގަނޑެކެވެ. ފެނުގެ އަސަރު ކިތަންމެ ސާފުކޮށްވެސް އެ ހަށިގަނޑު ފާހަގަވެއެވެ. އެއީ ކާކުކަން ފަހުމްވުމުން އަޝްވާގްގެ ހިތްއަވަސްކޮށްލި ކަހަލައެވެ. ދޮރު ހުޅުވަން އެއްލި އަތް ހުއްޓުނީ އާއިޒާގެ ހަޅޭކުގެ އަޑުންނެވެ.

އަޝްވާގް އަވަސް އަވަހަށް ގޮސް އާއިޒާގެ އަނގަމަތީ އަތްއަޅާ މައިތިރިކުރުވަން މަސައްކަތް ކުރިއެވެ. އެއީ ކާކުކަން ބުނެދިނެވެ. ނަމަވެސް އޭރުވެސް އާއިޒާ ހުރީ ފުސް މޫނު ހެދިފައެވެ. އޭނާގެ ދެލޮލުން ރުޅީގެ ކަނި ބުރަބުރާ ހުރި ކަހަލައެވެ. އާއިޒާ ހަމައަކަށް އެޅުމުން އަޝްވާގް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އޭނާގެ އެންމެ ސުވާލަކުން އަނެއްކާވެސް ފިޔަވަޅުތައް މަޑު ޖެހުނެވެ.

އާއިޒާގެ ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް ބަންޑުން ކޮށްލިއެވެ. އެއާއެކު އަޝްވާގްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ހައިރާންކަމެކެވެ. ސިޓީ އޭނާވެސް ފޮނުވިއެވެ. ނަމަވެސް ޖަވާބު ނައީ އާއިޒާގެ ފަރާތުންނެވެ. ދެން އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަޝްވާގް ކޮޓަރިން ނިކުތް އިރުވެސް ވިސްނަމުން ދިޔައީ އެކަމާމެދުއެވެ.

ސުފުރާމަތި ކިތަންމެ ތަނަވަސް ނަމަވެސް މުޅި މާހައުލަށް ވެރިވެފައިވަނީ އުނދަގޫ ހަމަހިމޭން ކަމެކެވެ. އަޝްވާގް ބަހެއް ނުކިޔާތާނގައި ކުރާ ސުވާލަކަށް ޖަވާބުވެސް ނުދެއެވެ. އާއިޒާގެ ހާލަކީވެސް މިއީއެވެ. ދެފަރާތުގެ ބައްޕައިން ކަންބޮޑުވުމުގެ ނަޒަރަކުން އެކަކު އަނެކަކާ ދިމާލަށް ބަލާލިއެވެ. ދައްކަން ޖެހޭ ވާހަކައިގެ ޒާތުން ދެކުރިންގެ މެދުގައި ރަނގަޅު ގުޅުމެއް މިވަގުތު ނެތިއްޔާ މިކަން ނުވާނެކަން އެމީހުންނަށް އެނގެއެވެ. ނަމަވެސް ކައި ނިމުމަށްފަހު ދެކުދިން އަސްލު ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދޭނީ ކަމުގައި ނިންމިއެވެ.

ކެއުމަށް އިންސާފްކުރުމަށްފަހު ހުރިހާ އެންމެން ތިބީ ބޮޑު ފެންޑާގެ ސޯފާގައެވެ. ވާހަކަ ފެށީ އާއިޒާގެ މަންމައެވެ. މެލޭޝިއާއަށް އަޝްވާގެ ބަދަލުވުމަށްފަހު އާއިޒާއަށް އަންނަން ފެށި ބަދަލުތަކުންނާއި އަޝްވާގްގެ އުޅުމަށް އައި ބަދަލުތަކުން ދެމީހުންގެ ކުރިމަގަށް ވިސްނާ އެކަކު އަނެކެކާ ގުޅުން ނުބޭއްވޭނެހެން ހުރަސް އަޅަން ނިންމީ ދެފަރާތުގެ އާއިލާއިން ކަމުގައި ބުންޏެވެ. ލިބުނު މި މައުލޫމާތުން އާއިޒާގެ މޫނު މަތިން ހިތާމައިގެ އަސަރު ފާޅުވި އިރު އަޝްވާގް އައީ ރުޅިއެވެ. ބޭކާރު ގޮތުގައި އާއިޒާދެކެ މިވީހާ ދުވަހު ކުރެވުނު ނަފްރަތަކީ ހައްގު ނަފްރަތެއް ނޫންކަން އެނގުމުންނެވެ. ކުއްވެރިންނަކީ ދެފަރާތު އާއިލާކަން އެނގުމުން އާއިޒާ އޭނާގެ މަންމައާ ފޯރުކޮށްލީ ނަފްރަތުގެ ބެލުމެކެވެ. އެ ބެލުމުގައި ވަނީ ފުން އަސަރުތަކެކެވެ. ފަރީލާ ދެކުދިން ކިބައިން މަޢާފަށް އެދުނަސް ދެމީހުންގެ ވިސްނުމުގައިވެސް މައާފްކުރާކަށް އަދި ޖާގައެއް ނެތްކަން ދޭހަވެއެވެ.

ވާހަކަ މާ ހޫނު ނުވަނީސް ކައިވެނީގެ މައުޟޫ ފަށައިފިއެވެ. އާއިޒާއާއި އަޝްވާގަށް ލިބުނީ އިތުރު ސިހުމެކެވެ. ކައިވެންޏަ މެދު ދެކޭ ގޮތް އަޝްވާގް ގާތުގައި އަހާލުމުން އޭނާ އިންކާރެއް ނުކުރިއެވެ. އެކަމާ އާއިޒާ އިތުރަށް ހައިރާންވިއެވެ. އާއިޒާ ހިތުން އޭނާގެ ލޯބިވެރިއެއް ވާނެއެވެ. ދަންނަ އަންހެން ކުދިން ތިބޭނެއެވެ. އޭނާ އާއި ކައިވެނި ކުރަން ބޭނުންވީ ކީއްވެ ކަމެއް އާއިޒާ އަކަށް ނޭނގެއެވެ. އެހެންކަމުން އާއިޒާ ބޭނުންވީ މައިންބަފައިންގެ މި ނިންމުމަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ. މަހެއް ހާ ދުވަހު އަޝްވާގް އާ އެކު ރަހުމަތްތެރިން ގޮތުގައި އުޅި، ކައިވެނި ކޮށްގެން އުޅެވޭނެހާ ޔަގީންކަން ލިބުމުން ކައިވެނި ކުރާށޭވެ. އަޝްވާގްވެސް، ދެފަރާތުގެ އާއިލާއިން ވެސް ނިންމުމާ އެއްބަސްވިއެވެ. އާއިޒާގެ ހިތް ހޯދުމަށް އަޝްވާގް ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ.

ދެރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އެކަކު އަނެކަކު ހިތް ހަމަ ޖެހޭ ކަންތައްތަކާއި ނުޖެހޭ ކަންތައް ކިޔައިދިނެވެ. ޚިޔާލުގެ ގޮތުން ދާދި އެއް ވިސްނުމެއް ގެންގުޅޭ ދެކުދިންނެވެ. އެކުގައި ގިނަ ވަގުތުތައް ހޭދަކުރަން ފެށުމުން ފަސޭހަ ކަމާއެކު ކުރިން އޮތް ރަހުމަތްތެރިކަމަށް ރުޖޫޢަ ވެވިއްޖެއެވެ. ކުޑައިރުގެ ހަނދާންތައް އާކޮށް އެކަކު އަނެކަކާއެކު ސަކަރާތް ޖެހުމުގައި އެތަކެއް ގަޑިއެއް ހޭދަކުރެވެން ފެށިއްޖެއެވެ. ދެމީހުންގެ ޢައިބުގައި އެކަކު އަނެކަކުގެ ދިރިއުޅުމަށް އައިސްފައިވާ ބަނަ ދުވަސްތަކުގެ ވާހަކަތައް ހިއްސާކުރެވިއްޖެއެވެ. މަސްދުވަސް ވި އިރު ދެމީހުން ތިބީ ކައިވެންޏަށް އާބަސް ބުނެ ތައްޔާރަށެވެ.

ކުލަ ގަދަ ގޮތެއްގައި ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ފުރަތަމަ ރޭ އެކަކު އަނެކަކަށް އުމުރުން ދިހަ އަހަރުގައި ކުރި ވަޢުދުތައް އަލުން އާ ކުރެވިއްޖެއެވެ. އެކަކު އަނެކަކާ ދުރު ނުވާށެވެ. އެކަކު އަނެކެއްގެ ހިތާމައިގެ ބައިވެވާށެވެ. އުފަލުގައި ޝާމިލުވާށެވެ. އެކަކު އަނެކެއް ދެކެ އުމުރަށް ލޯބިވާށެވެ. ތަޤުދީރު ނިޔާ ކުރިއްޔާ މުޅި އުމުރު ދުވަހު އެކުގައި އުޅޭށެވެ. މި ވަޢުދުތަކުގެ މަތީ ތިބެ ދެމީހުން އަލަތު ކައިވެނި ފަށައިފިއެވެ. ލޯބިވެރިންގެ ގޮތުގައެއް ނޫނެވެ. ރަހުމަތްތެރިން ގޮތުގައެވެ. ލޯބި ފަހުންވެސް ވެވިދާނެއެވެ. މި ވަގުތަށް ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމް ކޮށް ގަދަރު ކުރުމެވެ.

- ނިމުނީ-

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖްނޫން

    މި ބޮޑު ޢިޝްޤުގެ ފަރުވާޔަ ކީ ގުޅުމެވެ.