ބައެއް ކުށްވެރިންނަކީ އެމީހުން ކުރަން ބޭނުންވާ ކުށެއް ކުރުމުގެ ކުރިން އެހެން މީހަކަށް ފެނިދާނެތީ އެކަމާއި ވިސްނާލާ ބައެއް ނޫނެވެ. އިނގިރޭސިވިލާތުގެ ލަންޑަގެ ދެޒުވާނުން ކަމަށްވާ 18 އަހަރުގެ ޚާލިދު ލަތީފް އާއި 23 އަހަރުގެ ކުއަލް އެލްޖެކް އަކީ ވެސް މިފަދަ ދެމީހުންނެވެ.

ވައްކަމުގެ ތަފާތު ދެމައްސަލައެއްގައި ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކުރުމުން ދެޒުވާނުން ވަނީ ޝަރީޢަތުގެ މަޖިލީހުގެ ފަނޑިޔާރުގެ ވެސް ކުރިމަތީގައި މަސްތުވާތަކެތީގެ ވިޔަަފާރި ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޚާލިދު ވަނީ ފަނޑިޔާރު ކުރިމަތީގައި ކުއަލް އަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ވިއްކާފައެވެ. މިދެމީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރީ ޝަރީޢަތް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

ދެމީހުން ޝަރީޢަތުގެ މަޖިލީހުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މަންޒަރު ފެނުމުން މިހާރު ވަނީ ތަޙްްޤީޤު ފަށާފައެވެ. ފުލުހުން ބުނީ ޚާލިދު އަށް މަސްތުވާތަކެތި ލިބުނު ގޮތެއް ފުލުހުން ހޯދާނެ ކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެފުލުހަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މައްސަލައިގެ އިތުރުން މިދެމީހުންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ވެސް ޙުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous