އިނގިރޭސިވިލާތުގެ ރާނީ ދިރިއުޅުއްވާ ބަކިންހަމް ޕެލަސްގެ ބެލްކަންޏަށް ޝާހީ އާއިލާ ނިކުމެ ކުޅިވަރު ހަރަކާތްތައް ބަލާލުމަކީ ވަރަށް ރަސްމީ ހަރަކާތެކެވެ. މިއަދު ބޭއްވި މިފަދަ ހަރަކާތެއްގައި ފުރަތަމަ ފަހަރަށް މޭގަން މާކެލް ވަނީ ބައިވެރިވެފައެވެ.

ރާނީ އެލިޒަބަތުގެ 92 ވަނަ އުފަންދުވަސް ފާހަގަ ކުރަން ބޭއްވި އަސް ޕެރޭޑާއި ފްލައިޓް ޕެރޭޑް ބަލާލަން ރާނީ އެލިޒަބަތު އާއި ޕްރިންސް ޗާލްސް އާއި ޕްރިންސް ވިލިއަމް އަދި މޭގަންގެ ފިރިކަލުން ޕްރިންސް ހެރީ ވެސް ބެލްކަންޏަށްނިކުމެ ވަޑައިގެންނެވިއެވެ.

ރާނީ އެލިޒަބަތު ލޮލުގެ އޮޕަރޭޝަނަކަށް ފަހު ފަހަކަށް އައިސް އަބަދުވެސް އަވިއައިނު އަޅުއްވައިގެން ހުންނެވި ނަމަވެސް މިއަދު އެކަމަނާ ފެނުނީ އަވިއައިނާއި ނުލައެވެ. ވަރަށް ސިއްހަތު ރަނގަޅުކޮށް ރާނީ އެލިޒަބަތު ފެނުނު އިރު ޝާހީ އާއިލާގެ ހުރިހާ ބޭފުޅުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ހެރީ އާއި މޭގަން ވަނީ މިއަދު އަސްގާޑިއާ ވެސް ދުއްވަވާފައެވެ. ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި ހަފްލާގައި ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޗާލޮޓް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާނީގެ އުފަންދުވަސް ފާހަގަ ކުރަން ކޮންމެ އަހަރަކު ވެސް ބާއްވާ މިހަފްލާގައި ބައިވެރިވަނީ ޝާހީ އާއިލާގެ މެންބަރުން އެކަންޏެވެ. ޝާހީ އާއިލާ މެންބަރުންގެ ލޯބިވެރިންނަކަށް ވެސް މިރަސްމިއްޔާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއަށް އެއްޗެއް އެއްލުމުން 54 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    ދެވަނަ ރޯއިން ފުރުސަތެއް ލިބުނީ ތީ އުފާކުރަން

  2. މުޙައްމަދު

    ހެރީ އާއި މޭގަން ވަނީ މިއަދު އަސްގާޑިއާ ވެސް ދުއްވަވާފައެވެ.