ކުރިއަށްއޮތް ވޯލްޑް ކަޕާއި ދިމާކޮށް، ރަޝިޔާގެ ޢާންމު ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިނިތުންވާން ދަސްކޮށްދިނުމުގެ ކޯސްތަކެއް ފަށައިފިއެވެ.

އެގޮތުން، ރަޝިޔާގެ ރެއިލްވޭ ސްޓޭޝަންތަކާއި ބައެއް ބޮޑެތި ސްޓޯރުތަކުގެ އިތުރުން ރެސްޓޯރެންޓް ކެފޭ އަދި ހޮޓެލްތަކުގެ މުވައްޒަފުންނަށްވެސް ހިނިތުންވުމުގެ އާދަ ދަސްކޮށްދެމުންދާއިރު، މި ކޯސް ހިންގަނީ، ބޭރު ޤައުމުތަކުން އެޤައުމަށް ވޯލްޑް ކަޕާއި ދިމާކޮށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަނގަޅު މެހުމާންދާރީއެއް އަދާކުރުމުގެ މަޤުސަދުގައި ކަމަށް، ކޯސް ކުރިއަށްގެންދާ ފަރާތުން ބުނެފައި ވެއެވެ.

އެފަރާތްތަކުން މި ކޯހުގެ މަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، ރަޝިޔާއަށް ނިސްބަތްވާ މީހުންނަކީ ޢާންމު ގޮތެއްގައިވެސް ހިނިތުންވާން ނުދައްނަ އަދި އެ އާދަ އާއި ދުރު ބައެއް ކަމަށެވެ. މިކަމުގެ ސަބަބުން އެމީހުންނަކީ އެކުވެރި ބައެއް ނޫންކަމާއި އެއީ ހަރުކަށި ބައެއްކަން ހާމަވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި ކޯސްތައް ރަޝިޔާގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށްގެންދާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ކޯސްތަކުގައި ބައިވެރިވަމުންދާ ކަމަށް ކޯސް ކުރިއަށްގެންދާ ފަރާތްތުން ވަނީ ބުނެފައެވެ. އަދި މި ކޯހުގެ މަޤުސަދު ވަރަށް ފުރިހަމައަށް ކާމިޔާބުވަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

ވޯލްޑްކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި އޮފިޝަލުންގެ އިތުރުން ޤައުމުތަކަށް ސަޕޯޓުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ރަޝިޔާއަށް ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސ

    ހެޔޮނުވާނެ ތިކޯސްހިންގާ މީހުންރާއްޖެ ފޮނުވަބަލަ. ހާއްސަކޮން ކްލިނިކް ތަކުގަ ހިދުމަތްދޭންތިބޭ މީހުންނާށް ކޯސްހިންގަދޭން. .ވަރަށް ފެނުފަތިބޭނީ ??