އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ނާދެއެވެ. އެ ހިނިތުންވުމުގެ ޖާދޫގައި އަދިވެސް އެތައް ބަޔަކު ޖެހެއެވެ. ކިތަންމެ ބައެއްގެ ހިތްތަކުން އެ ފަރި ހަރަކާތްތަކަށް ޖާގަ ދެވުނީ ލޯތްބާއެކުއެވެ. މިއީ އުމުރުން އެންމެ 14 އަހަރުގައި ފެނިލި ފުރަތަމަ ފެނިލުމަށްފަހު، 90 ގެ އަހަރުތަކުގައި ދިވެހި ފިލްމް އިންޑަސްޓްރީގެ ރަނިކަން ކުރި ދެވަނައެއް ނުވާ ތަރި، މަރިޔަމް ނިޝާގެ ވާހަކައެވެ.

ނިޝާގެ ސްކޫލް ދައުރުގެ ހަނދާންތައް!

މަރިޔަމް ނިޝާއަކީ ސްކޫލް ދައުރުގައިވެސް ސްޓޭޖް މަތީ ހަރަކާތްތަކުން ފެނިގެން ދިޔަ މޫނެކެވެ. އެއިރުވެސް ނަށަން އެހާ ކުޅަދާނަ އެވެ. އެއީ އޭނާއަށް ކުޑައިރުން ފެށިގެން ލިބުނު ތަފާތު ހުނަރެކެވެ. ނަމަވެސް އެއިރު ރަސްމީކޮށް ނެށުމުގެ ދާއިރާގައި ނިޝާ ހަރަކާތްތެރިވެ ނޫޅެއެވެ.

އިއްޔެ ހިނގި ކަމެއް ފަދައިން ސްކޫލް ދައުރުގެ ހަނދާންތައް އާކުރަމުން ނިޝާ ކިޔާދިން ގޮތުގައި ސްކޫލްގައި އުޅުނުއިރު، ހިސާބު ގަޑީގައި ނިދާތީ އަދަބުލިބޭ ހަނދާން އަދިވެސް ހުންނަ ކަމަށެވެ. ނިޝާ ބުނާގޮތުން އޭނާއަކީ ސްކޫލްގައި އުޅުނުއިރު ނިކަން ހަލަނި ކުއްޖެއް ކަމަށެވެ.

"އެހާ ބަސް ނާހާ ގަޑިވެސް އަންނާނެ ދޯ، ބަސް އަހަން ޖެހޭ ގަޑިވެސް އަންނާނެ ދޯ،"

ސްކޫލް ދައުރުގައި ރައްޓެހިންނަކީ ސްކޫލް ނިމޭ ފަހުން ގެއްލޭ ބައެއް ނަމަވެސް، ނިޝާ އޭނާގެ ސްކޫލް ދައުރުގެ ރައްޓެހިންނާއި އަދިވެސް ގުޅުން ބާއްވައެވެ. އޭގެތެރެއިން އޭރުގެ އެންމެ ގާތް އެއް އެކުވެރިޔާ ފާތުންގެ ނަން އޭނާ ފާހަގަކުރެއެވެ. ނިޝާ ބުނާގޮތުގައި، ފާތުންއާއި އަދިވެސް ގުޅުން އޮވެއެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖެހި ނިއުމާ މުޙައްމަދަކީވެސް ނިޝާގެ ސްކޫލް ދައުރުގެ އެކުވެރިއެކެވެ. އެ ގުޅުން އެގޮތުގައި މިއަދާއި ހަމައަށް އޮތްކަން ނިޝާ ފާހަގަކުރަނީ އުފަލުންނެވެ.

"އަޅުގަނޑަކީ އާއްމުކޮށް ކްލާސްގެ މޮނީޓަރވީމަ ވާގޮތަކީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެއިރު ޖެހޭނެ ޑަސްޓަރ ހޯދަން ތަންތަނަށް، ކޮންމެ ކްލާހަކަށް ގޮސްފައި ޑަސްޓަރު ލިބިދާނެތޯ އަހާލަން، އެގޮތަށް އަޅުގަނޑު ދިޔަ ދުވަހެއްގައި ކުއްޖަކު ހިފާށޭ ކިޔާފައި އެއްލި ޑަސްޓަރު، އެ ޑަސްޓަރު ގޮސް ޖެހުނީ މޫނުގައި، ނޭނގެ އަޅުގަނޑު ހުންނާނެ ގޮތެއް އަޅުގަނޑަކަށްވެސް ނުފެންނާތާ އެއިރުގައެއް، ދެން ކްލާހުން އައިސް ކޮންމެވެސް ކުއްޖަކު ފޮހެދިނީވެސް އެއްކޮށް، އޭގެ ފަހުން ވަރަށް ގިނަ ކުދިން ކިޔާނެ ޑަސްޓަރ މޮނީޓަރ،" ނިޝާ ހެމުން ހެމުން ކިޔާދިނެވެ.

ނިޝާއަކީ ސްކޫލްގައި އުޅުނުއިރުވެސް ކުޑަކުދިންގެ ބައެއް ޕްރޮގްރާމްތަކަށް އަޑުއަޅައި ކަންކަން ކޮށްފައިވާ ކުއްޖެކެވެ. އެހެންވެ އޭނާއަށް މާބޮޑު ޖެހިލުމެއް ނެތި ފިލްމްތަކުގެ ޑަބިންގ އާއި މަސައްކަތްތައް ފަސޭހައިން ކުރެވުނެވެ. އަދި ސްޓޭޖް ހަރަކާތްތަކުގައި ބައިވެރިވެފައި ހުރުމުން، ކުރިއަށްދާންވީ ގޮތް އޭނާއަށް ހުރީ އެނގިފައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނާ އެކްޓްރެސް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ފިލްމީ ދާއިރާއަށް ވަނުން!

ނިޝާ ފެންނަ ފިލްމްތައް އަދިވެސް ގިނަ ބަޔަކު ބަލަނީ ބަލާހިތުންނެވެ. އާއްމުކޮށް ދޯޕައްޓާ ހެދުމުގައި ފިލްމްތަކުން ފެންނަ ނިޝާގެ އެ ރުއިމާއި، ހުނުމުގެ މޮޅު އެކްޓިންގއަކީ ވަރަށް ފާހަގަކޮށްލެވޭ ސީންތަކެވެ. ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ އެތައް ފިލްމަކުންނާއި ލަވަތަކުން އޭނާ ފެނިގެންދާއިރު، އޭނާ ފިލްމީ ދާއިރާއަށް ފެންނަން ބޭނުންވާ އެތައް ފޭނުންނެއް އަދިވެސް އެބަ ތިއްބެވެ.

ނިޝާ ފިލްމީ ދާއިރާއަށް ފުރުސަތު ލިބުނު ގޮތް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ. އޭނާއަށް ފުރަތަމަ އެ ދާއިރައިން ފުރުސަތު ދިނީ އޭނާ ދިރިއުޅެމުންދާ ގެ ކައިރީގައި ހުރި ގަރާޖެއްގައި މަސައްކަތް ކުރަމުންދާ މަލިކް މުހައްމަދެވެ.

"މުހައްމަދު ވަރަށް ގިނަ ދުވަސްވެއްޖެ އޭނާގެ ބަހުރުވައިން ވާހަކަދައްކަމުންދާތާ، މަލިކް ބަހާއި ރާއްޖެ ބަހާއި އެއްގޮތްވިޔަސް ހުންނާނެ ތަފާތު ކަމެއް، އަޅުގަނޑަކަށް ނޭނގޭ މާ ރަނގަޅަކަށް އޭނާ ދެއްކި ވާހަކަތަކެއް، އެގޮތަށް އަސްލު ފުރަތަމަ އެކްޓް ކުރެވުނީ، އެއިރަކު ހިތަކަށް ނާރާ އަސްލުގައި ފިލްމް އިންޑަސްޓްރީއަށް އައިސްގެން ބައިވަރު ވޯކްތަކެއް ކުރާނަމެކޭ". އުމުރުން 14 އަހަރުގައި ވީޑިއޯ ލަވައެއް ކަމަށްވާ ގެންދާށޭ ގެންދަންޏާ އިން ފިލްމީ ދާއިރާއަށް ވަދެވުނު ނިޝާ ބުންޏެވެ.

ނިޝާ ފުރަތަމަ ވީޑިއޯ ލަވަ ކުޅެންވެސް ހުއްދަ ދިނީ މައިންބަފައިންނެވެ. އެއީ މަލިކު މުހައްމަދު އޭނާގެ މަންމަ އާއި ބައްޕައާއި ވާހަކަ ދައްކާފައެވެ. އެންމެންވެސް އެއިރު ބުނީ، "މިފަހަރު އެކަނި" ކުޅެދިނުމަށެވެ. އެހެން ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ދާއިރާގައި ފިޔަޖަހަން އޭގެ ފަހުން ގިނަ ދުވަހެއް ނުނަގައެވެ. ލަވައަކަށް ފަހު ލަވައެއް، ފިލްމަކަށް ފަހު ފިލްމަކުން ފެންނަން ފެށީއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނާ އެކްޓްރެސް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ނިޝާ އޭގެ ފަހުންވެސް ފެނިގެން ދިޔައީ ލަވައަކުންނެވެ. އެ ލަވައާއެކު ފުރުސަތުތައް އޭނާއަށް އޮއްސާލީއެވެ.

"އެ ލަވައާއެކު ދެން ގިނަ ބަޔަކު އަންނަން ފެށީ ގޭދޮށަށް، އެއިރު ނުވެސް ހުންނާނެ ދޯ މިހާރު ގޮތަށް މޯބައިލުން ގުޅާލެވޭކަން، އެޑްރެސް ނޫނީއްޔާ އުޅޭ ސަރަހައްދެއް ވަކިކޮށްލަން އެއިރު މި ޖެހެނީ ދެން އެގޮތަށް އަންނަން ފެށި، ދެން އެ ހިސާބުން ބައިވަރު ފުރުސަތު ލިބުނު".

ނިޝާ ބުނާގޮތުން ނަމަ، އޭނާ ފިލްމް ކުޅޭ ހިތެއް އެއިރުގައި ނުވެއެވެ. އަދި އެކަން ފެށުނީވެސް އެހާ ބޭނުން ވެގެން ނޫނެވެ. އެހެން ނަމަވެސް އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދާއިރާއާ ދުރަށް ދެވޭކަށް ނެތެވެ. އަދި ދިރިއުޅުމުގައި އިތުރުކަންކަން ޖަގާ ދެވެންވެސް ނޯންނަނީ އެވެ. އެގޮތުން އޭނާގެ އެ ފިލްމްގެ މަސައްކަތް ނުނިމިގެން އުޅެނިކޮށް ލިބެނީ އަނެއް ފިލްމް ކުޅެން ފުރުސަތެވެ. މިހެން ގޮސް ގަޑުބަޑުވާ ހިސާބަށްވެސް ދާ ކަމަށް ނިޝާ ބުނެފައި ވެއެވެ. އެއިރު ފައިސާގެ ދަތިކަން ހުރުމާއެކު އޭނާއަށް އެ މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުނީ އެވެ.

އޭނާ ފިލްމީ ދާއިރާގައި ގިނަ ދުވަސްވީ ފަހުން ދާއިރާއަށް ދުރަށް ބޭނުން ނުވާ ހިޔާލުތައް އަންނަން ފެށިއެވެ. އެއާއެކު އޭނާ ދިޔައީ ފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ.

"ކަރުނަ ތިއްކެއް ބޭލުން އެއީ އުނދަގޫ ކަމެއް"

ނިޝާއަކީ ފިލްމްތަކުން ވަރަށް ދެރަވާ ބައިތައް ކުޅެފައިވާ ފަންނާނެކެވެ. އޭނާ ވަނީ ފިލްމްތަކުގައި ބަލާ މީހުންވެސް ރޮއްވާލާ ވަރުވެސްކޮށްފައެވެ. އެހާވެސް އޭނާގެ "އެކްސްޕްރެޝަން" ފުރިހަމައެވެ. އެހާވެސް އަސަރުގަދައެވެ.

އެކަމަކު ނިޝާ ބުނަނީ އޭނާގެ ލޮލުން ކަރުނަ ތިއްކެއް ބޭލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އެކްސްޕްރެޝަން އިނދޭ، އެކަމަކު ލޮލުން ކަރުނަތިއްކެއް ގެނައުމަކީ ވަރަށް އުނދަގޫ ކަމެއް، އަޅުގަނޑަކީ އަސްލުގައި އެހާ ރޯހިތުން ރޯމީހެއް ނޫން އެއް އިރަކުވެސް، ބޮޑަށް ބެލެނީ ސަކަރާތް ޖަހާ އެކަހަލަ ގޮތަކަށްތޯ އުޅެވެނީ، ތަންކޮޅެއް އަސްލު އުނދަގޫ". ނިޝާ ބުންޏެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނާ އެކްޓްރެސް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ދާއިރާއަށް ވަދެގެން ދިއިރުޅުމަށް ބަދަލުތަކެއް ގެންނަން ޖެހުނު!

ނިޝާ ބުނީ، ދާއިރާގެ ފުރަތަމަކޮޅު މަގުމަތީގައިވެސް އުޅެން ވަރަށް އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް ފަހުން ފަހުން އައިސް އެކަން ރަނގަޅުވެ، މީހުންގެ އުޅުންވެސް ރަނގަޅުވި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެހެން އުޅެފައި މަގުމަތީގައި އުނދަގޫތަކެއް ދޭތެރެއަކުން ވާކަމަށް އޭނާ ބުންޏެވެ.

"މަގުން ދާއިރު ކޮންމެވެސް ބަޔަކު ފޮށިލަފާނެ، އެކަމަކު އެކަންތައްތައް އަޅުގަނޑު އައި ހިސާބުން ވަރަށް ކުޑަވަމުން ކުޑަވަމުން އައިސް، މިހާރު އެކަން ނެތޭ ބުންޏަސް ރަނގަޅުވާނެ ކަންނޭނގެ،"

@vaguthu_online#mariyamnisha ދެން ހިކޭނެ؟ 😒 #Vaguthu♬ original sound - Vaguthu Online

ފިލްމީ ދާއިރާގައި ބިޒީވުން، ދަރިންނަށް ޓައިމްދޭން އުނދަގޫވި!

ނިޝާ ޒަވާޖީ ހަޔާތެއް ފެށީވެސް ފިލްމީ ދާއިރާގައި އުޅުމުގެ ތެރޭގައެވެ މިހާރު އޭނާގެ ހަ ދަރިން ތިބިއިރު، އެންމެ ދޮށީ ދަރިފުޅަށްވެސް 30 އަހަރު ވެދާނެ އެވެ. އޭނާ ފިލްމީ ދާއިރާގައި އުޅުނުލެއް ބިޒީކަމުން ދަރިންނާއެކުވެސް މާގިނަ ވަގުތުތަކެއް ހޭދަކުރަން ފުރުސަތެއް ނުލިބެއެވެ. ނިޝާ ބުނީ، އެއިރުގައި އޭނާއަށް ދަރިންނާއެކު އެއްވެސް ވަގުތެއް ހޭދަކުރަން ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އޭނާ ދިރިއުޅެމުން ދަނީ ދަރިންނާއި އެކުގައި ކަމަށް ނިޝާ ފާހަގަކުރިއެވެ.

"އެހެން ނޫނިއްޔާ ހަގީގަތުގައި މަންމަމެން އެންމެ ފުރަތަމަ ދެ ކުދިން ލިބުނީ، އެ ދެ ކުދިންގެ ކަންތައްތައް މަންމަމެން ބަލަހައްޓަމުންދިޔައީ، އެހެންވީމަ އަޅުގަނޑަކަށް އެއިރަކު އެހާ ބޭރުގައި އުޅޭކަށް އުނދަގުލެއް ނުވޭ، ގޭގައި އަސްލު ހުރެލާ ހިތްވޭ، މަޖާކޮށްލަންވެސް ބޭނުންވޭ، އެކަމަކު އެކަހަލަ ފުރުސަތެއް ނުއެއް ލިބޭ. ފަހުން އެ ކުދިން ބޮޑުވެގެން އައިސް، އެ ކުދިންގެ އުމުރުން 12 އަހަރުގައި އެއިރު ދެ ކުދިންގެ ތެރެއިން އެންމެ ހަގުކޮށް ހުރި ކުއްޖާއަށް 12 އަހަރުންވީ އަޅުގަނޑަށް އެއްވެސް ޓައިމްއެއް ކުދިންނާއެކު ސްޕެންޑް ކުރަން ފެށުނީ،" ފިލްމީ ދާއިރާގައި ބިޒީވެ ދިރިއުޅުމުގެ މުހިންމުކަންކަމަށް ވަގުތު ނުދެވުނުކަން ފާހަގަކުރަމުން އަސަރާއެކު ނިޝާ ކިޔާދިނެވެ.

ލޯބީގެ ކާމިޔާބު މީހެއް ނޫން!

ނިޝާ ކައިރިން އޭނައަކީ ލޯބީގެ މާ ކާމިޔާބު މީހެއްތޯ އެހުމުން ބުނީ، "ނޯ" އެވެ. އާއްމުކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ލޯބީގެ ގޮތުން ވަރަށް ކާމިޔާބު ކަމަށް އަޑުފެތުރިފައި އޮވެއެވެ. އެކަމަކު ނިޝާއަށް އެހެން ނުވީއެވެ.

"އަޅުގަނޑަކަށް އެފަދަ ހުށަހެޅުމެއް ނުލިބޭ ކަންނޭނގެ، ދެން ނޭގެ ދޯ". ނިޝާ ބުންޏެވެ.

ނިޝާގެ ފިލްމީ ވާހަކަތައް!

ނިޝާ އޭނާއަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ކުޅެވުނު ބައެއް ފިލްމްތަކުގެ ވާހަކަ ހިއްސާ ކުރިއެވެ. އޭގެ ތެރޭގައި "ފަހުނޭވާ"، "ލޯބި ނުވެވުނު ނަމަ" އާއި "ނާ އުއްމީދު" ފާހަގަކުރިއެވެ.

"އެ ދެ ފިލްމް އަޅުގަނޑަށް ބާލެވުނީ އިހަށް ދުވަހު، އެ ދޭތީގައި ވަރަށް ރަނގަޅު ކަންނޭނގެ އެހެން އެއްޗެއްސާއި ބަލާފައި،" ދިވެހި ފިލްމްތަކާއި ޑްރާމާތަކުން ފެނިގެން ދިޔަ ނިޝާ ބުންޏެވެ.

މިހާރު ނިޝާ ފިލްމީ ދާއިރާއިން ފެންނަން ބޭނުން ނުވެއެވެ. އޭނާ ބޭނުންވަނީ މިހާރު ދިރިއުޅުމާއިގެން ކުރިއަށްދާށެވެ. ގިނަ ހުށަހެޅުންތަކެއް އަދިވެސް ލިބެމުން ދާއިރު އެއިން ހުށަހެޅުމަކަށް އޭނާގެ ސީދާ ޖަވާބެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުޑަ ބޭ

    ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް! ޙިތްވަރު ކުރިވަރުން ތިހާ ހިސާބަތް ކަޑައްތު ކުރެވުނީ

    32
    8
  2. ޖަވާން

    މިހާރު ވެސް ބުރުގާ ނަގާފަ ކުޑަކޮށް ހިކިއްޖިއްޔާ ހަމަ ކުރިން ޖަހާ ވައްތަރު ޖަހާނެ! 45 އަހަރުގަ ވެސް 25 އަހަރު ވައްތަރު ހިންދީ ތަރިން ޖަހަނީ ކޮންމެހެން ސާޖަރީ ކޮށްގެނެއް ނުން! އެއީ ކަސްރަތާ ހަށިހެޔޮ ކަމާ ޑައިޓް ފަދަ ކަންކަމުން ! އަސްލު 60 އހަރު ވިޔަސް މީޙާ މާ ބޮޑަކަށް މުސްކުޅި ނުވާނެ! ފިޓްނަސް މުހިއްމީ!

    20
    5
    • އަލިހޮއްކޮ

      ބުރުގާ ނުނެގިއްޔާ ހަމަ ޅައެއް ނުވާނެ އުތަ

  3. ފޭން

    މައި އޯލް ޓައިމް ފޭވަރިޓް... ތީ ހަމަ ބެސްޓް...
    ނިޝާ އާއި ނިޝާގެ އާއިލާއަށް އުފާފާގަތި ކަމާ ތަނަވަސް ކަމާ ފުރިހަމަ ސިއްހަތަކަށް އެދި ދުޢާކުރަން...

    20
  4. ހުސެން

    ޔޫ ހޭވް ލިވެޑް އިން ޔުއަރ ގޯލްޑެން އީރާ. އެދުވަހެއް އަނބުރާ ނުގެނެވޭނެ. އެއީ ކޮންމެމީހެއްގެ ހަޔާތުގަވެސް އަންނާނެ ދުވަހެއް. ދެޓް ވޯސް ދެން. އެއީ އެދުވަސް.

    13
    3
  5. ރަދީފުލް ކުމާރު

    މަލިކު މުޙައްމަދުވެސް ރާއްޖެއައީ ނިޝާދެކިލާ ނިޝާޔާއެކު ލަވައެއް ކުޅެލާން.

  6. Anonymous

    Hi Dr

  7. ސަފްރާޒް

    ވަރައްފުރިހަމަ ނިންމުމެއް މިރާއްޖޭގަ އާމްދަނީ ހޯދުމައް ކުރަން ހެޔޮވާވަރު ކަމެއްނޫން ފިލުމު ކުޅުމަ ކީ
    ޢެއައްވުރެމާރަނގަޅުވާނެލޯބިލޯބިި ކުދިން ކޮޅައްޓަ ކާ ގޭގަ ޒިންމާދާރު މަންމައެއްގެގޮތުގަ ދަރިންނައް ރަނގަޅު ތައުލީމާ ތަރުބިއްޔަތެއްދީ ހެޔޮލަފާ ހަރުދަނާ ރަނގަޅު އާއިލާއެއް ބިނާ ކުރެވުނީމަ އެ ކަމާ އެންމެ އުފާވާނީވެސް مريول للشراء ما شاء الله نساء