އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ 47 އަހަރުގެ އަންހެނެއް ކަމަށްވާ ޝިޒުކާ މަޓުސޫކީ ފިނިކޮށްލުމުގެ ބޭނުމުގައި ގެއިން ނިކުމެގެން ގޮސް ކޯރެއްގެ އައްސޭރިފަށުގައި ހުއްޓާ ކިނބުލެއް އޭނާ އަށް ހަމަލާދީ އޭނާ މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު އެވެ. ޝިޒުކާ އޭނާ ގެންގުޅޭ ދެކުއްތާ އާއި އެކު ގެއިން ނިކުމެގެން ކޯރު ކައިރިއަށް ދަނިކޮށް އަވައްޓެރިއަކަށް ފެނިގެން އޭނާ ދަނީ ކޮންތަނަކަށްތޯ ސުވާލު ކުރުމުން ޝިޒުކާ ބުނީ އޭނާ ދަނީ ފިނިކޮށްލަން ކޯރު ކައިރިއަށް ކަމަށެވެ.

އޭގެ ފަހުން އެއްވެސް މީހަކަށް އޭނާގެ ޚަބަރެއް ނުވެގެން އޭނާ ހޯދަން ފެށީ ހުކުރު ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.

ޝިޒުކާގެ އަވައްޓެރިޔާ ދިން މައުލޫމާތައް ބިނާކޮށް ފުރަތަމަ ވެސް ހޯދަން ފެށީ އޭނާ ދިޔަ ކޯރާއި ކޯރުގެ ކައިރީގައިވާ ސަރަހައްދުތަކެވެ. ކޯރު ތެރެއިން ފުރަތަމަ ވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނިފައެވެ. އެއާއި އެކު ޝިޒުކާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރިއެވެ.

އެމަސައްކަތުގައި އުޅުނު މީހުންނަށް ފެނުނު ކިނބުލެއް ހިފާ، އެކިނބޫގެ ބަނޑު ފަޅާލިއިރު ޝިޒުކާގެ ހަށިގަނޑުގެ ބޮޑުބައި އޮތީ ކިނބުލުގެ ބަނޑުތެރޭގައެވެ.

ޝިޒުކާ އަށް ކިނބޫ ހަމަލާދިން ސަރަހައްދަކީ މީގެ ކުރިން މިހައި ބޮޑެތި ކިނބޫ އުޅޭކަން އެނގިފައިވާ ސަރަހައްދެއް ނޫނެވެ. އެހެންކަމުން އެސަރަހައްދަށް ކައިރިވުން އޮތީ މަނާކޮށްފައެއް ވެސް ނޫނެވެ.

ފްލޮރިޑާގެ ކޯރުތަކުގައި އެކަނިވެސް އެއްމިލިއަން ކިނބޫ އުޅޭނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މީހުންނަށް ކިނބޫ ހަމަލާދީގެން ހިނގާ ހާދިސާތައް ވަރަށް މަދެވެ. އެއީ އާންމުކޮށް ކިނބޫ އުޅޭ ސަރަހައްދުތަކަށް މީހުން ކައިރިވުން މަނާކޮށް ބޯޑުތައް ބަހައްޓާ މީހުން ހޭލުންތެރިކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޫދާ

    މޭޔަރުގެ އިހުމާލެއް

    • ސޫދާ އަމާ

      ކޮޔާ ގެ މައްސަލައެއް