އިންޑިޔާގެ ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި ބަތަލާ އަނުޝްކާ ޝަރުމާއަށް ދަރިއަކު ލިބި، ދެ މަސް ފަހުން އަނުޝްކާ އެނބުރި ފިލުމީ މަސައްކަތަށް ނިކުމެއްޖެއެވެ.

ސްޓޫޑިއޯއެއްގެ ބޭރުން ހުދުކުލައިގެ ޓޮޕަކާއި ޖިންސެއް ލައިގެން ހުރި އަނުޝްކާ ފިލުމީ މަސައްކަތަށް އެނބުރި ނިކުތީ ތާވަލު ކުރެވިފައިވާ ވަގުތަށްވުރެ ދެމަސް ކުރިންނެވެ. މި އަހަރުގެ މެއި މަހު އެނބުރި މަސައްކަތަށް ނިކުތުމަށް ތާވަލު ކުރެވިފައިވީ ނަމަވެސް އަނުޝްކާ މިހާރު ވަނީ އޭނާގެ މަސައްކަތްތައް ފަށައިފައެވެ.

މި ސެޓްގެ ތެރެއިން އަނުޝްކާއާ ބައްދަލުވި ފަރާތަކަން ބުނެފައިވަނީ އަނުޝްކާ މިހާރު ހުރީ ފިޓްކޮށް ކަމަށާއި އޭނާގެ ހަށިގަނޑު ހުރީ ޝޭޕަށް ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގެ މަސައްކަތްތަކާއި ޕްރޮފެޝަނަލް މަސައްކަތްތައް ތަކަށް ވެސް ހަމަހަމައަށް ވަގުތު ދިނުމަށް އަނުޝްކާ ވަނީ ތައްޔާރަށް ކަމަށެވެ.

އަނުޝްކާއަކީ ވަގުތަށް ފަރުވާތެރިވުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނެއް ކަމަށާއި އޭނާގެ ޝޫޓިންގެ ވަގުތު ޖެހުމުގެ ކުރިން ސެޓަށް އަންނަ ކަމަށް ވެސް ސެޓްގެ ފަރާތުން މީހަކު ބުނެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު އިޝްތިހާރުތައް ކުޅުމުގައި އަވަދިނެތި އުޅޭނެ އަނުޝްކާ ހުރީ އޭނާގެ މަސައްކަތްތައް ކުރުމަށް ވަރަށް ޖޯޝާއި އެކުގައެވެ.

އިންގްލެންޑާއި ދެކޮޅަށް ކުޅެ އިންޑިޔާ ކާމިޔާބު ކުރި ކުރިކެޓް މެޗަށް ޕޫނޭއަށް ދިޔުމަށް ފަހު އަނުޝްކާއާއި ވިރާޓާއި ދަރިފުޅު ވަމިކާ ވަނީ ވަރަށް ފަހުން މުމްބާއީއަށް އެނބުރި އައިސްފައެވެ.

ފޮޓޯގުރާފަރުންނަށް ދަރިފުޅު ނުދައްކާ ގެންގުޅޭ އަނުޝްކާ ވަނީ އެއާޕޯޓުން އައި އިރު ވެސް ދަރިފުޅުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ.