ތާހިރާ އަތުގެ ނުފުށުން މޫނުމަތީގައި ހުރި ދާތިކިތައް ފޮހެލަމުން ތަށިދޮންނަ ސިންކާއި ކައިރިވެލިއެވެ. ހަޑިކޮށްފައިހުރި ތަށިތަށް ދޮންނަމުން ދޭތެރެއަކުން އުނދުނުގައި ކެކި ކެކި ހުރި ގަރުދިޔަ ތެލީގެ މައްޗަށް އަރާ ފޮނުތައް ކައިރީގައި އޮތް ސަމްސަލުން ނަގަމުން ދެއެވެ. މިހެން ހުއްޓާ ބަތްތެލި ކެކިގެން ކުކަރ ނިވުނު އަޑުވެސް ކަންފަތުގައި ޖެހުނެވެ. ޗުސްތަޅާލަމުން ތާހިރާ ބަދިގެތެރެއަށް ބަލާލީ ކުރަންޖެހިފައި ހުރި މަސައްކަތްތައް ގިނަކަމުންނެވެ. ތަށިތައް ދޮވެ ނިމުމުން ބާރު ބާރަށް ހިނގާލާފައި ގޮސް މޭޒުމަތީގައި ހުރި ކުކަރުން ކަރަންޓު ކަނޑާލާފައި، ކުޑަ ތަށްޓަކަށް ބަތްކޮޅެއް އަޅާލިއެވެ. ދެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އުނދުން ނިއްވާލުމަށްފަހު އެއްކަލަ ބަތްތަށްޓައް ގަރުދިޔަ ކޮޅަކާއި މަސްކޮޅެއް ލުމަށްފަހު އެއަށް ކުޑަ މަސްމިރުސް ކޮޅެއް އަޅާލިއެވެ.

"ދަރިފުޅާ އާމީ.. އާމީ.. ދެން އާދެބަލަ ކާން" އަޑުގެ ކޮޅަށް ތާހިރާ ގޮވާލުމުން އޭނަގެ ހައަހަރުގެ ދަރިފުޅު އާމީ ދުވެލާފައި އަންނަތަން ފެނުނެވެ. ލައިގެން ހުރި ޕެޓީއާއި ޓައިޓްއިން ސުކޫލަށް ދާން ތައްޔާރުވަމުންދާކަން އެނގުނެވެ.

"އަދިވެސް ބޮލުގަ ޖަހާ ރިބަން ލި ތަނެއް ނޭނގޭ ދޯ" އާމީއާއި ދިމާލަށް ލޯއަޅާލަމުން ތާހިރާ ބުންޏެވެ.

"މަންމާ.. އެ ނުފެނުނު އާމީ އަކަށް"

"ހޫނ އެހެންނުވާނީ. މަންމަ ބުނާބަސް ނޭހޭންޏާ" ސިޓިންގރޫމްގައި ހުރި ސޯފާއާ ދިމާލަށް އާމީ ގެންދަމުން އެއްއަތުން ބަތްތަށީގައި ހިފަހައްޓައިގެން ހުރި ތާހިރާ ބުންޏެވެ. އަދި އާމީ ސޯފާގައި ބޭންދުމަށްފަހު އެމަންޖެއަށް ކާންދޭން ފެށިއެވެ. ކާންދީ ނިމުމުން ބަދިގެއަށްވަދެ އާމީއަށް ކާންދޭން ނެގި ތަށި ސިންކަށް ލުމަށްފަހު އަތް ދޮވެލައިގެން ތާހިރާ ވަނީ ކޮޓަރިއަށެވެ. އޭރު ޔުނީފޯމް އަތަށް ލައިގެން އާމީ އުޅެއެވެ.

"ހޫނ ދެން ތީގަ ރޫ ޖައްސާލާ އިނގޭ. ހާދަ ދެކަންފަތް ބީރޭ އާމީގެ"

މިހެން ބުނެ އާމީ އަތުން ޔުނީފޯމް ޖަހައިގަތުމަށްފަހު އޢތި ލެއްވިއެވެ. އަދި ބޮލުގައި ފުނާ އެޅުވުމަށްފަހު ސްޓާކީނަށް ލައްވައި ބޫޓަށް އެރުވިއެވެ. ގަޑި ބަލާލިއިރު ގަޑިޖެހެން ފަނަރަ މިނެޓްއަށް ވެއްޖެއެވެ.

"ލަދުން ބޯ ހަލާކުވެދާނެ އާމީ އުޅޭ ގޮތަކުން. އެ ރިބަން ލީ ކޮންތާކަށްހޭ؟" އެކި ތަންތަން ކޮންނަމުން ކޮންނަމުން ތާހިރާ ހަޅޭއްލަވައިގަތެވެ. ކުޑަ ކުޑަ އާމީ އަކަށްވެސް އެރިބަން ކޮޅު ލެވުނު ތަނެއް ނޭނގުނެވެ. މަންމަ އެއްޗެހި ގޮވާވަރުން ދެރަވެފައި އިނދެވުނީ އެހެންވެގެންނެވެ. އާމީ އިންގޮތް ފެނި ތާހިރާވެސް ދެރަވެއްޖެއެވެ. ވަގުތު ބޭކާރުނުކޮށް އަލަމާރި ހުޅުވުމަށްފަހު އައު ރިބަންކޮޅެއް ނަގައި އާމީގެ ބޮލުގައި އައްސާލިއެވެ. އަދި ދަބަސް ނަގައިގެން އައިސް އާމީ ގޮވައިގެން ގެއިން ނުކުތެވެ.

"ދަރިފުޅާ. މަންމަ ބުނަމެއްނު ރިބަން ކަހަލަ އެއްޗެހި އެއްތާކު ބަހައްޓާށޭ. މަންމަ ހޯދަން ބަލާއިރު ނުފެންނަންޏާ ރުޅި އަންނާނެނު. އެކަމެއް ކޮށްފަ މިކަމެއް ކޮށްފަ މަންމަ މިއުޅެނީ. ދަރިފުޅު ވާނެނު އެވަރު ވިސްނަން. މިހާރު ތީ އެވަރު ނޭނގޭހާ ކުޑަ ކުއްޖެއް ނޫނެއްނު" ދެރަވެފައި ހުރި އާމީއާ ދިމާލަށް ބަލާލަމުން ތާހިރާ ބުންޏެވެ. އާމީ ހަމައެކަނި ބޯޖަހާލީއެވެ.

އެރޭގެ ވަގުތެވެ. ހަގޑި ބައި ހާއިރު ތާހިރާ ކޮޓަރިއަށް ވަނީ އާމީއަށް ފިލާވަޅު ހަދައިދިނުމަށް އެހީވާށެވެ. ފޮތްތައް ބަލާލިއިރު އެދުވަހު ދިން އެއްވެސް ފިލާވަޅެއްގެ ކައިރީގައި ދުވަހުގެ ތާރީޚް ޖަހާފައި ނެތެވެ.

"މަންމަ ނުބުނަންތަ ކޮންމެ ދުވަހެއްގެ ފިލާވަޅު ކައިރީގައި ޑޭޓް ޖަހާށޭ" ފޮތް ދައްކާލަމުން ތާހިރާ ސުވާލުކޮށްލިއެވެ.

"ނޫން. ބުނޭ. ކޮއްކޮ ހަނދާން ނެތުނީ" އާމީ އޭނަގެ ތުއްތު އަޑުން ބުންޏެވެ.

"ދެންވެސް އަވަހަށް ޖަހާ"

ފިލާވަޅެއް ހަދަން ނެތުމުން ތާހިރާ ބުނީ އާމީ ކައިރީގައި ޤްރްޢާން ކިޔަވަން ފެށުމަށެވެ.

"މަންމަ ޖެހޭނެ ކޮއްކޮއަށް ކާޓޫން ދައްކަން އޭރުން" އާމީ ބުނެލިއެވެ.

"އާމީ ކައިރީގައި ޤްރްޢާން ކިޔަވާ ވާހަކަ ބުނެފިއްޔާ ތިޔަވަނީ ކިހިނެއްތަ؟ މިސޫރަތް މިރޭ ހިތު ދަސްކޮށްފަ މަންމައަށް ކިޔައިދީ. އޭރުން ދައްކާނަން. އެހެންނޫނަސް މިއީ އާމީ ފަރިތަކޮށްފައި އިން ސޫރަތެއް. ހަތްގަޑި ފަނަރަ ވަންދެން ކިޔަވަން ވާނެ"

"މިހާރު ކިހާއިރެއް؟" ޝައުގުވެރިކަމާއެކު އާމީ ބުންޏެވެ.

"މިހާރު އިނީ ތާރޓީ މިނިޓްސް" މިހެން ބުނެ ތާހިރާ ވަނީ ފާޚާނައަށެވެ.

އާމީ ކިޔަވަން ފެށިތާ އަދި ފަސްމިނެޓްވެސް ނުވާނެއެވެ. ދުވެފައި އައިސް އެނދުގައި އިން ތާހިރާއަތަށް ފޮތް ދިނުމަށްފަހު ހިތު ދަސްވެއްޖެކަމަށް ބުންޏެވެ.

"އުނހު. އަދި ނުކިޔެވޭނެ ތިން ފަހަރުވެސް ހަމައަށް. ނުވާނެ ދަހެއް. އަދި ކިޔަވާ"

"ދެން ނޫނޭ މަންމާ. ބަލާބަ. ދަސްވެއްޖެޔޭ" އާމީ ކުރުނުކޮށް މިހެން ކިޔަން ފެށުމުން ނުބަލައި އެސޫރަތް ކިޔައިދިނުމަށް ތާހިރާ އެދުނެވެ.

ކަންތައްވީވެސް ތާހިރާ ހީކުރި ގޮތަށެވެ. ހަމައެއްވެސް ވަރަކަށް ނުބަލައި ކިޔޭ ވަރެއް އާމީއަކަށް ނުވިއެވެ. މިހެންގޮސް އިރުއިރުކޮޅާ އިރުއިރުކޮޅާ ފޮތް ހިފައިގެން އާމީ އަންނަން ފެށިއެވެ. ކޮންމެ ފަހަރަކުވެސް ދަސްވެއްޖެކަމަށް ބުނެފައި އަންނައިރު ހީވަނީ ހަމަ އަސްލަށްވެސް ދަސްވެގެން އުޅޭ ހެންނެވެ. ގިނައިން ކިޔެވުމަށްފަހު އަންނަން ބުނުމުންވެސް އާމީއަކަށް އަޑެއް ނީވުނެވެ. ޓީވީ ނުބެލިގެން އެންމެ ފަހުން އާމީ ބޮޑާހާކަން ފެށުމުން ތާހިރާމެން ކުޑައިރު މަންމަމެން ހަދާހެން ކޮޓަރިން ބޭރަށް ނެރެފައި އާމީ ބަހައްޓަން ތާހިރާ ހިތަށް އެރިއެވެ. ބިރުން ދެވަނަ ފަހަރަކަށް އެހެން އުޅޭކަށް އޭރުން ނުކެރޭނެތާއެވެ. ތާހިރާމެންގެ ކޮޓަރި ހުންނަނީ ގޭގެ ބޮޑު ދޮރު ކައިރީގައި ކަމުން އާމީ ބަސްނާހާތީ މިރޭ އަދަބެއް ދޭނަމޭ ބުނެ އާމީގެ އަތުގައި ހިފާލުމަށްފަހު ގެއިން ބޭރުގައި ބެހެއްޓިއެވެ. އާމީ ވަގުތުން ރޯން ފެށިއެވެ. ދޮރުގައި ތަޅަމުން ރޮމުން ދިޔައެވެ.

"މަންމާ ދެން އާމީ އެހެނެއް ނޫޅޭނަމޭ. ހަމަ ޕްރޮމިސް. ވަރަށް ބިރުގަނޭ. ވަރަށް އަނދިރި.. މަންމާ ހެޔޮނުވާނެ. ޕްލީސް ވަށްދަބަލަ" އާމީ ބިރުން ދޮރުގައި ތަޅަމުން ދިޔައެވެ. ނަމަވެސް ފަސްމިނެޓް ވަންދެން އާމީ ބަހައްޓަން ނިންމައިގެން ތާހިރާ ހުއްޓެވެ. އޭރުން އޭނަ ބުނާ ބަސް އަހައިގެން އުޅެން އާމީއަށް ދަސްވާނެޔޭ ތާހިރާގެ ހިތަށް އެރިއެވެ. އެގޭގެ ގޯތިތެރެއަކީ ބޮޑު ގަހެއްވެސް ހުންނަ ގެއެކެވެ. އެހެންކަމުން މުޅި މަގުމައްޗަށާއެކު އެގަސް ވަނީ ފެތުރިފައެވެ. ކުލަ މަޑު އޮރެންޖު ބޮތްކެއް ގަހުގެ ދަށުގައި ހަރުކޮށްފައި ހުއްޓަސް އެބޮކިން މާކަ ބޮޑު އަލިކަމެއް އެހިސާބަކަށް ނުފޯރައެވެ. ރޮއި ރޮއި ހުރި އާމީގެ އަޑު ކެނޑުމުން ތާހިރާ ބިރުންގޮސް ހަލާކުވާވަރުވިއެވެ. ދުވެފައި އައިސް ދޮރު ހުޅުވާލިއިރު އާމީ އޮތީ ބިންމަތީގައި ހޭނެތިގެން ވެށްޓިފައެވެ.

އާމީގެ ބައްޕަ ފުއާދަށް މިކަން އެނގުމުން ތާހިރާދެކެ ވަރަށް ރުޅިއައެވެ. ބިރުންގޮސް އާމީ ހޭނެތުނުއިރު އެހިތަށް އަރާ ފައިބާނެ އިހްސާސްތައް އެކަކަށްވެސް ނޭނގޭނެއެވެ. އެއީ ކުޑަކުދިންނެވެ. އެފަދަ އަނދިރި ތަންތަނުގައި ތިބެން އަހަރެމެން ކަހަލަ ބޮޑެތި މީހުންވެސް ޖެހިލުންވާއިރު ކުޑަކުދިންނަށް ކިހާ ވަރެއްވާނެ ހެއްޔޭ ބުނެ ފުއާދު ހަޅޭއްލެވިއެވެ. އާމީއަށް ހޭވެރިކަންވީ ވީ އެރޭ އެމަންޖެ ގަޔަށް ޤްރްއާން ކިޔެވުމަށްފަހު ފެން ޖެހުމުންނެވެ. ހޭއަރާއިރަށް ބިރުން ރޯން ފެށިއެވެ. އާމީ އުޅުނު ގޮތްފެނި ތާހިރާއަށްވެސް ރޮވުނެވެ. ދަރިފުޅާ ކައިރިއަށްޖެހި މަންމައަށް މަޢާފުކޮށްދިނުމަށް އެދެވުނު އަދަދެއްވެސް ނޭނގުނެވެ.

"މަންމަ ކޮއްކޮ އެކަނިކޮށްލީ. އެއްލާލީ" މިހެން ބުނަމުން އާމީ ރޮމުން ދިޔައެވެ.

"މަންމައަށް މަޢާފުކުރޭ. ދެން އެހެނެއް ނަހަދާނަމޭ.. ދަރިފުޅު މަންމަގެ ބަސްއަހާނަމަ" ތާހިރާ ރޮމުން ރޮމުން ބުންޏެވެ.

"އެކަމަކު ބުނީމެއްނު ބަސްއަހާނަމޭ. ދެން ބަސްވެސް އަހާނަމޭ. އެކަމަކު އެހެން ނަހަދާތި ދެން" ތާހިރާގެ ގައިގައި ބައްދާލަމުން އާމީ ބުންޏެވެ.

އެހާދިޡާއަށް އަހަރުތަކެއް ފާއިތުވެގެން ގޮސްސިއެވެ. އާމީވެސް ބޮޑުވެ ފުރާވަރަށް އަރައިފިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އަނދިރި ތަނެއްގައި މީހަކާ އެކުވެސް ހުންނާކަށް އާމީއަކަށް ނުކެރެއެވެ. އެކަނި ހުންނަން ޖެހިއްޖެނަމަ ބިރުގަނެއެވެ. މިކަމާހެދީ ތާހިރާގެ ހިތުގައި ނުފިލާ ރިހުމެއް ވަނީ އުފެދިފައެވެ. ކޮންމެ ގޮތެއްވިޔަސް ދަރިފުޅަށް އަދަބު ދޭންކަމަށް ހިތައި ތާހިރާއަށް ކުރެވުނު ކަމަކުން އާމީއަށް އެކަމުން ވަނީ ނަފްސާނީގޮތުން އެތައް އަސަރެއްކޮށްފައެވެ.

 

މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ކުރީ ޒަމާނުންފެށިގެންވެސް ހިނގަމުންދާ ކަމެކެވެ. ކުދިން ބަސްނޭހުމުން ގެއިން ބޭރުގައި ރޭގަނޑު ވަގުތުތަކުގައި އެކުދިން ބަހައްޓާ ވާހަކަތަކަކީ މިހާރުވެސް އަޑުއިވޭ ވާހަކަތަކެވެ. އަދި ހާއްސަކޮށް މިކަންތައް ދިމާވަނީ ދެނަމާދު ދޭތެރޭގައިކަންވެސް ފާހަނގަވެއެވެ. ކުދިން ބަސްނޭހުމުން އަދަބުދޭނެ އެހެން ގޮތްތައްވެސް ހުންނާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ. ނަމަވެސް މިފަދަ ކަންތައްތަކަކީ ކުއްޖާއަށް ނަފްސާނީގޮތުން އެތައް ގެއްލުމެއް ލިއްބައިދޭފަދަ ކަންތައްތަކެވެ.

 

ނިމުނީ