ދާދިފަހުން، އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ދިން ޓެރަރިސްޓު ޙަމަލާއެއްގައި، ވިހި ކުދިން ހިމެނޭ ކުލާހެއްގެ ކުދިންގެ ސަލާމަތް ކުރަނިކޮށް ގަޔަށް ފަސް ވަޒަން އެރި ކުއްޖަކަށް އެތައް ބަޔަކަށް ތަޢުރީފު ކުރަމުން އެބަދެއެވެ.

އިނގިރޭސިވިލާތުގެ "އިންޑިޕެންޑެންޓް" ނޫހުން ބުނެފައިވާގޮތުގައި، މި ހިތްވަރުގަދަ ކުއްޖާގެ ނަމަކީ އެންތަނީ އެވެ. އަދި، އޭނާގެ އުމުރަކީ 15 އަހަރެވެ. އޭގެ އިތުރަށް، އެނޫހުން ބުނެފައިވަނީ އޭނާގެ ގަޔަށް ވަޒަން އަރާފައިވަނީ، ޓެރަރިސްޓުންނާ ފިލަންވެގެން، ކުލާސްރޫމެއްގެ ތެރެއަށް 20 ކުދިން ވައްދާ، ރައްކާތެރިކަމަށް ރޫމުގެ ދޮރު ތަޅުލަނިކޮށްކަމަށެވެ.

ދޮރު ތަޅުލަނިކޮށް ގަޔަށް އެތައް ވަޒަނެއް އެރިކަމުގައިވިޔަސް، އޮތް ތަނުން އެހެން ތަނަކަށް ދާން އޭނާ މަސައްކަތް ކޮށްފައި ނުވާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، އެންތަނީގެ ހާލު ރަނގަޅުވަމުން އަންނަކަމަށާއި އެހެންނަމަވެސް، އަދި އޭނާ އޮތީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިކަމަށެވެ. އަދި، އޭނާގެ އެތައް އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ފްލޮރިޑާގެ ސްކޫލެއްގައި މި ޙަމަލާ ދީފައިވާއިރު، ފާއިތުވި އަހަރުގެ ތެރޭގައިވެސް އެމެރިކާގެ ބައެއް ސްކޫލުތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާތައް ދީފައިވެއެވެ. ހަމައެހެންމެ، ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގައި އެމެރިކާގެ ސަރުކާރަށާއި ޤާނޫނު ހަދާ މަޖިލީހަށް އެދެވޭ ކަންތައްތަކެއް ކުރެވެމުން ނުދާތީ، އެތައް ފާޑުކިޔުމެއްވެސްވަނީ އަމާޒުވެފައެވެ.

އެމެރިކާގައި ބަޑި ގެންގުޅުން މަނާ ނުކުރަނީސް ސްކޫލަށް ނުދާންވެސް، ބައެއް ކުދިންވަނީ ނިންމާފައެވެ.