(ވިހިވަނަ ބައި)

"އައްސަލާމް ޢަލައިކުމް!" އަލީފަށް އައި ކޯލަކަށް އޭނާ ޖަވާބުދިނީ ޒާހީ ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދު ނުދީވޭތޯއެވެ.

"ވައިލައިކުމް ސަލާމް!" އެކޮޅުން ވާހަކަދެއްކީ އަންހެން ކުއްޖެކެވެ. "އަލީފްތޯ؟"

"ލައްބަ! އަލީފް ވާހަކަދައްކަނީ؟"

"މިއީ ނަފާޒާ! އަހްލާމްގެ ބެސްޓް ފްރެންޑް!" ނަފާޒާ އަލީފަށް ތައަރަފްވިއެވެ.

"ޔޭސް! ކީކޭ ނަފާޒާ!" ނަފާޒާ ބުނަން އުޅޭ ވާހަކައެއް އަޑު އެހުމަށްޓަކައި، އަލީފްގެ ހިތް ނެގިނެގިފައި މޭގައި ޖެހެމުން ދިޔައީ ނިކަން ބާރަށެވެ.

"އަހްލާމް ދެކުނިންތަ؟" ނަފާޒާގެ އަޑު ކުރަކިވެގެން ދިޔައީ ކުއްލިއަކަށެވެ. "އަހްލާމްއާއި ކޮންޓެކްޓް ކުރެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން."

"އަލީފް! އަހަރެމެންގެ ޑާޓާ ބޭސްގައި އަހްލާމާ ބެހޭގޮތުން އެއްވެސް ކަމަކަށް ރިޕޯޓްކޮށް، ފައިލްކުރެވިފައެއް ނުވޭ!" ޒާހީ ވައި އަޑަކުން އަލީފް ގާތުގައި ބުންޏެވެ.

"އަލީފް! ހަލޯ!" އަލީފް އެއްޗެއް ނުބުނެ އިނުމުން ނަފާޒާ އަލީފަށް ގޮވައިލިއެވެ.

"އާނ! ހަލޯ! އަހްލާމާ ކޮންޓެކްޓް ކުރެވުނުތޯ؟" އަލީފްގެ ހިތުގައި އޮތް ސުވާލު ނަފާޒާއަށް އިއްވިއެވެ.

"އަދިވެސް ނުކުރެވިގެން މިއުޅެނީ! އަޅުގަނޑު އެގެއަށްވެސް ދިޔައިން އެކަމަކު ގެޔަކުވެސް ނޫޅޭ!" ނަފާޒާގެ އަޑު ވަރަށް ބޮޑަށް ކުރަކިވެގެން ދިޔައެވެ. "ފަހަރެއްގައި އަޅުގަނޑު ކަންތައް ކުރިގޮތުން އަޅުގަނޑާއި އަހްލާމް ގުޅުން ކަނޑައިލީ ކަމަށް ވެދާނެ!"

"އަސްލު ތިއީ ވަރަސް ހައްސާސް ކަމެއް ނަފާޒާ ތިހުރި ތަނުގެ އެޑްރެސް އަހަރެންނަށް ފޮނުވާލަބަލަ! އަހަރެން އެބަ ދާން ފުލުސް އޮފީހުގެ އިސްވެރިޔަކާއެކު." އަލީފް ބޭނުންވީ ނަފާޒާއާ ދިމާކޮށް އޭނާގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ކުރާށެވެ. "އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިހާރު ކަންތައް އޮތް ނެތް ގޮތް ފުލުހުންނަށް އަންގަންޖެހޭ!"

"އެންމެ ރަނގަޅު!" ނަފާޒާ އެހެން ބުނެފައި ފޯން ބޭއްވިއެވެ.

އަލީފް އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ. އޭނާ ނަފާޒާ ފޮނުވި މެސެޖްގައިވާ ގެއާ ދިމާއަށް މިސްރާބުޖެހީ މޭޒުމަތީގައި އޮތް ބިލަށް ފައިސާ ދެއްކުމަށްފަހުއެވެ. އޭނާގެ ހިތުގެ ތެޅުން ހުރީ އަވަސް ވެފައެވެ. މީހާ ހުރީ ހާސްވާ ގޮތްވެފައެވެ. އެކަން އޭނާގެ ސާއްބަ މޫނުމަތިން ވަރަށް ހާމަކޮށް ފެންނަން ހުއްޓެވެ.

ސައިކަލުގައި އަލީފާއި ޒާހީ އައިސް މަޑުކޮށްލިއިރު ނަފާޒާ ހުރީ ދޮރުމަތީގައެވެ. އެ މީހުންގެ އިންތިޒާރުގައެވެ. ނަފާޒާގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެހާ ފުރިހަމަ ސިއްހަތެއްގައި ހުރި މީހާ، އެންމެ ހަފްތާއެއްގެ ތެރޭގައި ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. ދެ ލޯ ހުރީ ވަޅު ވަދެފައެވެ. ލޯ ކައިރި ހުރީ ކަޅު ވެފައެވެ. ތުންފަތް ހުރީ ހިކިފައެވެ. މޫނު މަތިން ހުރީ ފެން ދަމާލައިފައެވެ. އެކަންކަމުން ދޭހަވަނީ އަހްލާމްގެ ޚަބަރެއް ނުވުމުން އޭނާ އުޅެމުންދާ ފުން ހިތްދަތިކަމެވެ.

"އަލީފް!" ނަފާޒާއަށް އަލީފް ފެނުމާއެކު ގޮވައިލިއެވެ.

"ނަފާޒާ! ވެގެން އުޅޭ ގޮތް އަހަރެންނަށް ކިޔައިދީބަލަ!" އަލީފް ހާސްވެފައި ހުރިވަރުން ބުނެވުނު އެއްޗެއްވެސް އޭނާއަށް ރަނގަޅަކަށް ނޭނގުނެވެ.

"ގޭ ތެރެއަށް އަންނަންވީނުންތޯ!" ކޮޅަށް ހުރެގެން އެ ވާހަކަ ދެއްކޭނެ ހިތްވަރެއް ނަފާޒާގެ ފަޔަކު ނެތެވެ. "އަޅުގަނޑު އަހްލާމްގެ މައިންބަފައިންނަށް ވެސް ގުޅިން އެކަމަކު އެމީހުންވެސް ބުނީ އަހްލާމް ފޯނެއް ނުނަގައޭ!"

"އެހެންތަ!" އަލީފަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "އެންމެ ފަހުން އަހްލާމާ ބައްދަލުވީ ކޮން ދުވަހަކު؟"

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ އަޅުގަނޑުގެ ކުށެއް! އަދި މިކަމަށް ސަމާލުވާން މާ ބޮޑަށްވެސް ލަސްވެއްޖެކަން!" ނަފާޒާ އަލީފާ ދިމާއަށް ބަލައިލިއެވެ. " މިދިޔަ ހޮނިހިރު ދުވަހު އަޅުގަނޑުމެން ދެ މީހުން ޤައުމީ ކުތުބުހާނާގައި ފޮތް ކިޔަން ތިބެފައި ނުކުތީ ރަސްރަނި ބަގީޗާއަށް. އެތަނުގައި ވާހަކަ ދައްކަން ތިބެފައި އަހްލާމް ބުނި އެއްޗަކުން އަޅުގަނޑު ހިތްހަމަނުޖެހިގެން ގެއަށް އައީ އެކަނި."

"ދެން ކިހިނެއްތޯވީ؟" ޒާހީ އޭނާގެ ޖީބުން ނޯޓްފޮތެއް ނަގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔެލިއެވެ.

"އަޅުގަނޑަށް އަހްލާމް ވަރަށް ގިނައިން ގުޅި! މެސެޖްވެސް ކުރި! އަޅުގަނޑުގެ ފޯން ސައިލެންޓްގަ އޮތީމަ އޭނާ ގުޅިކަމެއް މެސެޖްކުރިކަމެއްވެސް ނޭނގެ!" ނާފާޒާގެ ލޯ ފޭދިގެން ކަރުނަ އަންނަން ފެށިއެވެ. "އަހަރެންނަށް ގުޅައިފަ އޮތް ތަން ފެނުމުން އަހަރެންވެސް އަހްލާމަށް ގުޅިން!"

"ހުމް!" އަލީފް ނަފާޒާގެ ވާހަކަތަކަށް ވިސްނުންތެރިކަމާއެކު ބޯ ޖަހައިލިއެވެ.

"ވަރަށް މެސެޖްވެސް ކުރިން. އެކަމަކު... އެކަމަކު... އެކަމަކު ގުޅާ ކޮންމެ ފަހަރަކު... އަހްލާމްގެ ފޯން އޮންނަނީ... ނިއްވާލާފަ!" ނަފާޒާއަށް ރޮވެން ފެށުމުން ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

"ދެރަނުވޭ! އަދި އަހްލާމް ފެންނާނެ!" އަލީފް ނަފާޒާއަށް ހިތްވަރު ދިނެވެ.

"އަހަރެން އެދެން އަލީފް ގާތުގައި އަހްލާމް އުޅޭ ނޫޅޭ ތަނެއް ހޯދައިދޭން!" ނަފާޒާ ލޯ ފޮހެލިއެވެ.

"އަހަރެން ތިކަމުގައި އެންމެ ފުރިހަމަ އެއްބާރުލުން ދޭނަން!" އެއީ އަލީފްގެ އެދުމަކަށް ވާތީވެ، ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ. "ޒާހީއަށް މިކަމުގައި ފެންނަ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟"

"ތި ދެއްވެވި މައުލޫމާތަށް ބަލައި އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަހްލާމް އެވަނީ ކިޑްނެޕްކޮށްފައި." ޒާހީ ފަރުވާތެރިކަމާއެކު އޭނާގެ ނޯޓް ފޮތް ޖީބަށް ލިއެވެ. "މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑަށް ފެންނަނީ ގެއްލިފައިވާ ކުއްޖެއްގެ ގޮތުގައި ރިޕޯޓްކުރަން. އޭރުން ފުލުހުންގެ އެހީތެރިކަމާއެކު އަހްލާމް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ."

"އަޅުގަނޑު އަހްލާމްގެ މަންމަމެންގެ ގާތުގައި މި ވާހަކަތައް ކިޔައިދީ، އެމީހުންގެ އިޒުނަޔާއެކު ތިގޮތަށް ކަންތައް ކުރިއަށް ގެންދާނަން." ނަފާޒާ ހުރީ އަހްލާމް ހޯދުމަށްޓަކައި ކަރުތާފެނަށް އެރެން ޖެހުނަސް ވަރިހަމަކޮށްލައިގެންނެވެ.

"ވަރަށް ރަނގަޅު! ޒާހީއާއި އަޅުގަނޑާ މަޝްވަރާކޮށް ނަފާޒާއަށް ވަރަށް އަވަހަށް ޚަބަރެއް ވާނަން." އަލީފް ގޮނޑިން ތެދުވިއެވެ. "ޒާހީ ވިދާޅުވި ގޮތަށް ރިޕޯޓްކޮށްފައި އަޅުގަނޑަށް މެސެޖެއް ފޮނުވާލަ!"

"ލައްބަ!" ނަފާޒާ މަޑުމަޑުން ގޮނޑިން ތެދުވިއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަގަ

    ވަރަށް ތަފާތު ވާހަކަ އަކަށް ވާނެ ކަމަށް އުއްމީދު ކުރަން. ދެން އޮތް ބައި ތަންކޮޅެއް ދިގު ކޮށްލުމަށް ފެނޭ! ވަރަށް ރީތި މިބައިވެސް! 🙂