ޕެރެލައިޒް ވެފައިވާ މީހުންނަށް ކޮމްޕިއުޓާ ސްކްރީނުގައި ޓައިޕް ކުރެވޭނެ ގޮތަކަށް ވަޔާލެސް ބްރެއިން ކޮމްޕިއުޓަރެއް އުފައްދައިފިއެވެ.

އެމެރިކާގެ ބްރައުން ޔުނިވާސިޓީން އުފައްދާފައިވާ މި ސިސްޓަމް ބޭނުން ކުރަނީ އެ ބޭނުން ކުރާ މީހާގެ ބޮލުގައި ވަޔަލެސް ސިސްޓަމް ބައިންދައިގެންނެވެ. އެމީހެއްގެ ވިސްނުމުގައި އެ އިންނަ ކަމެއް އެ ވަގުތު ކޮމްޕިއުޓަރުގައި ޓައިޕް ކުރެވޭނެ ކަމަށް ބުނެފައިވެެއެވެ.

ބިއޯމެޑިކަލް އިންޖިނިއަރުން ކޮށްފައިވާ ދިރާސާ މި ސިސްޓަމް ދެ މީހަކަށް ޓެސްޓު ކޮށްފައިވެއެވެ. އެއީ އުމުރުން 35 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ. މި ދެ ފިރިހެނުންނަކީ ވެސް މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ޕެރެލައިޒް ވެފައިވާ ދެމީހުންނެވެ. މި ޓެސްޓު ކޮށްފައިވަނީ ސިކުނޑީގެ މޮޓޯކޯޓެކްސް އާއި އިލެކްޓްރޮކޯޑް އެރޭ ކަނެކްޓް ކޮށްގެންނެވެ.

މި ދެމީހުންނަށް ވެސް ސިސްޓަމް ބޭނުން ކޮށްގެން ބޭނުން ޓެބްލެޓްތަކަށް ފިއްތާ ކޮމްޕިއުޓަރުގައި ލިޔެވުނެވެ. ދެމީހުން ވެސް ޓެސްޓު ކޮށްފައިވަނީ ގޭގައެވެ. އެއްވެސް ވަޔަރަކާއި ނުލައި 24 ގަޑިއިރު ވަންދެން ދެމީހުންނަށް ވެސް މި ސިސްޓަމް ބޭނުން ކުރެވިފައިވެއެވެ. ނިދާފައި އޮންނަ އިރުވެސް މި ސިސްޓަމް މަސައްކަތް ކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަހަރުތަކެއް ވަންދެން އިންޖިނިއަރުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީއެވެ. ވަޔާލެސް ކޮމްޕިއުޓަާ ސިސްޓަމެއް އުފެދި، ސިކުނޑި މަސައްކަތް ކުރާ ގޮތް ގިނަ އިރުތަކެއް ވަންދެން މޮނިޓާ ކުރުުމުގެ ފުރުސަތު ވެސް ދިރާސާ ކުރާ މީހުންނަށް ފުޅާވެގެން ދިޔައީއެވެ. މިއީ މީގެ ކުރިން ދިރާސާ ޓީމު ތަކަށް ލިބިފައިނުވާ ފުރުސަތެއް ކަމަށް މި ޓްރިއަލްގައި އިސްވެ މަސައްކަތް ކޮށްފައިވާ ޕްރޮފެސަރު ބުންޏެވެ.

މި ލިބުނު ޓެކްނޮލޮޖީ ކުރިއެރުމުގެ ސަބަބުން ދިރާސާ ކުރާ މީހުންނަށް ސިކުނޑި މަސައްކަތް ކުރާ ގޮތާއި ނާރުތަކުން ސިގްނަލް ދޭ ގޮތް އިތުރަށް ދެނެގަތުމަށް މަގުފަހިވީ ކަމުގައި ބިއޯ މެޑިކަލް އިންޖިނިއަރުން ބުނެފައިވެއެވެ.