ފިލުމު ''ގަންގާ ކާ ވަޗަން'' ފަދަ ފިލުމު ތަކުން ފާހަގަ ކޮށްލެވުނު އެކްޓަރ ތޯރިގް ޝާހު އުމުރުން 58 އަހަރުގައި މަރުވެއްޖެއެވެ.

ތޯރިގް މަރުވެފައިވަނީ ދެ ފުއްޕާމެއަށް ނިއުމޯނިއާ ޖެހިގެންނާއި ކިޑްނީީގައި މައްސަލަ ތަކެއް ހުރުމުން ކަމަށް ވެސް ރިޕޯޓް ތަކުގައި ވެއެވެ. ތޯރިގް މަރުވީ މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތޯރިގް ކައިވެނި ކޮށްފައިވަނީ ބޮލީވުޑުގެ ބަތަލާ ޝޯމާ އާނަންދުއާއިއެވެ. އެ ދެމީހުންގެ ސާރާ ނަމަކަށް ކިޔާ އަންހެން ދަރިއަކު ހުރެއެވެެ.

ތާރިގުއަކީ ޓެލެވިޜަން އިންޑަސްޓްރީއާއި ރޭޑިޔޯ އިންޑަސްޓްރީގެ އިތުރަށް ފިލުމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކޮށްފައިވާ ހުނަރުވެރި ފަންނާނެނެކެވެ.

މީގެ 40 އަހަރު ކުރިން ތޯރިގް މުމްބާއީއަށް ބަދަލުވެފައިވަނީ އޭނާގެ ކެރިއަރގެ ހުވަފެންތަކާއި އެކުގައެވެ. އަދި ފިލުމު އިންޑަސްޓްރީގައި ވަނީ އޭނާގެ ނަން ފާހަގަ ކޮށްލާ މޮޅު އެކްޓަރެއްގެ އިތުރަށް ޑައިރެކްޓަރަކަށް ވެސް ވެފައެެވެ.

ތޯރިގުގެ ގާތް އެކުވެރިއެއް ކަމުގައިވާ ޑައިރެކްޓަރ މުސްތާގު އަލީ އަހުމަދު ޚާން ބުނެފައިވަނީ ތޯރިގަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން ރަނގަޅު އިންސާނެއް ކަމަށާއި އެހާމެ ހިތްހެޔޮ މިތުރެއް ކަމަށެވެ.

ތޯރިގް ކުޅެފައިވާ ފިލުމު ތަކުގެ ތެރޭގައި 1990 ގެ އަހަރު ނިކުތް ފިލުމު ''ބާހަރު އާނޭ ތަކް''، 1997 ގައި ނިކުތް ފިލުމު ''މަހާންތާ: ދަ ފިލުމު''، 1983 ވަނަ އަހަރު ނިކުތް ފިލުމު ''ލާލް ޗުނަރިޔާ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު