އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ދެވަނަ ރާޅުގައި އެތައް ބޮލީވުޑުގެ ފަންނާނުންނެއް ކޮވިޑަށް ފައްސިވަމުންދާ އިރު މި ލިސްޓަށް އެންމެ ފަހުން އެއްކޮށްލަން ޖެހެނީ އެކްޓަރ ވިކީ ކޯޝަލްއެވެ.

މިއަދު ހެނދުނު މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވިކީ ބުނެފައިވަނީ އޭނާ ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި އަދި ގޭގައި ކަރަންޓީނުގައި ހުރި ކަމަށެވެ.

''ދަ ސާޖަރިކަލް ސްޓްރައިކް'' ގެ އެކްޓަރ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން އުޅުމުން ވެސް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. ގަވާއިދުގެ މަތިން މިހާރު ވިކީ ހުރީ ގޭގައި ކަރަންޓީނުގައި ކަމަށާއި ޑޮކްޓަރ ދީފައިވާ ބޭސްތައް ވެސް ބަރާބަރަށް ކައި ހަދަމުންދާ ކަމަށް ވެސް ވިކީގެ އިންސްޓަގުރާމުގައި ލިޔެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ވިކީއާއި ދިމާވެފައިވާ އެންމެން ވެސް ވީއެންމެ އަވަހަކަށް ކޮވިޑް ޓެސްޓް ހެދުމަށާއި ރައްކާތެރިވެ އުޅުމަށް ވެސް ވިކީގެ އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ.

ވިކީގެ މި ޕޯސްޓާއި އެކު އޭނާގެ ސަޕޯޓަރުންގެ އަވަސް ޝިފާއަށް އެދި ކޮށްފައިވާ ކޮމެންޓްތައް އަންނަން ފެށިއެވެ. މީގެތެރޭގައި ބައެއް ފަންނާނުން ވެސް ހިމެނެއެވެ. ސޯފީ ޗައިދަރީ، ފާތިމަތު ސަނާ ޝެއިޚް، މުކޭޝް ޗާބްރާ ފަދަ ފަންނާނުން ހިމެނެއެވެ.

ވިކީ ކޯޝަލްގެ އިތުރުން މިއަދު ހެދުނު ބަތަލާ ބޫމީ ޕެނޭކަރު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުން ބޫމީ ފައްސިވެފައިވާ ޚަބަރާއި އެކު އޭނާގެ ސަޕޯޓަރުން ވެސް އަވަސް ޝިފާއަކަށް އެދި ކޮމެންޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު