ފްރެންޗައިޒް އުސޫލުން އުފައްދާ ރޭސްގެ އެންމެ ފަހުގެ ސީކުއަލް، "ރޭސް 3"ގެ ޝޫޓިންގ ތެރެއިން ފިލްމުގެ އެންމެ މުޙިންމު އެއް ރޯލުން ފެނިގެންދާ ޖެކްލީން ފެނާންޑޭޒްއަށް އަނިޔާވެއްޖެއެވެ.

ޖެކްލީން އޭނާއަށް އަނިޔާވެފައިވާކަން ހާމަކޮށްފައިވާއިރު، އޭނާ ބުނެފައިވަނި އަނިޔާ ލިބުނީ އޭނާގެ ލޮލަށް ކަމަށެވެ. އެގޮތުން އޭނާގެ ލޮލުގެ ކަޅިއަށް ދާއިމީ ގެއްލުުމެއް ލިބި، "ދެން ދުވަހަކުވެސް ކުރިން ކަޅި ހުރިހައި ފުރިހަމަކޮށް ނުހުންނާނެ" ކަމުގައި ބުނެފައިވެއެވެ.

ޖެކްލީންގެ ލޮލަށް އަނިޔާ ލިބުނީ ކީއްވެކަމެއް އޭނާ ހާމަކޮށްފައިނުވާއިރު، އޭނާ ބުނެފައިވަނީ ލޮލަށް އަނިޔާވިނަމަވެސް ލޮލުުގެ ފެނުން ރަނގަޅު ކަމަށެވެ. ޖެކްލިން ވަނީ މިކަން ހާމަކޮށް ލޮލަށް ލިބިފައިވާ ގެއްލުން ފެންނަ ފޮޓޮއެއްވެސް ޢާންމުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭސް 3 ގެ ޝޫޓިންގ ޔޫއޭއީގެ ވެރިކަންކުރާ އަބޫދާބީގައި ކުރިއަށްދިޔައިރު ކަމަށް ނޫސްތަކުން ބުނެއެވެ. ހާދިސާ ހިނގުމާއި އެކު ޖެކްލީން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ރޭސް 3 ނެރެންް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ރޭސް 3 ގައި ޖެކްލީންގެ އިތުރުން ބޮލީވުޑްގެ ތަރި، ސަލްމާން ޚާން އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ސާރާ އަލީ ޚާން ފަދަ މަޝްހޫރު ފަންނާނުން ފެނިގެންދާނެއެވެ. 120 ކުރޯޑްގެ ބަޖެޓެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި ބޮބީ ޑިއޯލ އާއި ސަލްމާންވެސް ފެނިގެންދާނީ "ނެގެޓިވް" ރޯލަކުން ކަމަށް ވެއެވެ.