ހިތަކީ އެއްވެސް މީހަކަށް ބާރުފޯރުވޭ އެއްޗެއް ކަމަކަށް ނުވެއެވެ. އެހެންކަމުން ހިތް އެދޭގޮތް ހަދާއިރު ބައެއް ފަހަރު ކުރިމަތިލާން ޖެހޭ ކަންތައްތައް ވަރަށް ތަފާތު ވެއެވެ. ހާއްސަކޮށް ލޯބިވެރިޔަކު ހޯދަން އުޅޭއިރު، ނުވަތަ މީހަކު ދެކެ ލޯބި ވެވޭއިރު ދެން ކުރިމަތިލާން ޖެހޭ ކަންތައްތައް ވަރަށް ތަފާތު ވެއެވެ. މީހެއްގެ ލޯބިވެރިޔަކު ދެކެ ވެސް ލޯބި ވެވިދާނެއެވެ. އެހެން ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ "ތެޔޮ ނާށި" ޖަހައިގަންނާނީ ކިހިނެއް ހެއްޔެވެ؟

ހުރިހާ ކަމެއް އަހަރެންނަކަށް ކިޔައެއް ނުދެވޭނެއެވެ. ނަމަވެސް ބައެއް ކަންކަން ކިޔައި ދޭނަމެވެ.

ފުރަތަމަ ކަމަކަށް އޭނާ އާއި ރަހުމަތްތެރިކަން އުފައްދާށެވެ. ހާލު އަހުވާލު ބަލާ، އެކުވެރިޔަކަށް ވާށެވެ. އޭނާ ގަޔާވާ ކަންތައްތަކާއި އޭނާ ޝައުގުވެރިވާ ކަންތައްތައް ހޯދާށެވެ. ހުސްވަގުތު އޭނާ ކުރަން ބޭނުންވާ ކަންތައްތަކާއި، އޭނާ ހަފްތާ ބަންދު ހޭދަކުރަން ބޭނުންވާ ގޮތެއް ވެސް ހޯދާށެވެ. އެއަށްފަހު އެކަންކަން ކުރުމުގައި އޭނާ އަށް އެހީތެރިވާށެވެ.

އޭނާގެ ލޯބިވެރިޔާ އާއި ވެސް "ރަހުމަތްތެރިކަން" އުފައްދާށެވެ. އެމީހެއްގެ ބަލިފައި ހޯދާށެވެ. އޭނާ ލޯބިވެރިޔާ އާއި މެދު އަމަލު ކުރާގޮތް ދަސްކުރާށެވެ. އެއަށްފަހު އޭނާ އަށް ވުރެ މާބޮޑަށް ރަނގަޅަށް އަންހެނުންނާއި މެދު ކަންތައް ކުރާ މީހަކަށް ތިބާ ވާށެވެ.

އަންހެނެއްގެ ލޯބި ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. އޭނާ ކަމަކަށް އެދި ގޮވާލާ ކޮންމެ ފަހަރަކު އެކަމަށް އިޖާބަދީ، އޭނާ ބުނާ ކޮންމެ ކަމެއް ކޮށްދީ، އޭނާ ބޭނުންވާ ކޮންމެ ވަގުތަކު އޭނާ އަށް ވަގުތު ހުސްކުރާނަމަ އޭނާގެ ހިތް އަތުލުން އެއީ ފެންތައްޓެއް ބޯލުން ފަދަ ކަމެކެވެ.

ލޯބިވެރިޔާ ކައިރީ ބުނެގެން ކަމެއް ނުވާ ކޮންމެ ފަހަރަކު އެކަން ކޮށްދޭ މީހަކަށް ތިބާ ވާށެވެ. އެއީ ތިބާގެ އޮފީސް ކަޓުވާލާފައި އޭނާ ފެރީ ޓާމިނަލް އާއި ހަމައަށް ގެންގޮސް ދިނުން ކަމަށް ވީނަމަވެސް ނުވަތަ ތިބާގެ އޮފީސް ކަޓުވާލާފައި އޭނާ އާއި އެކު ކޮފީއަކަށް ދިއުން ކަމަށް ވީނަމަވެސް މައްސަލައެއް ނެތެވެ.

ކަމެއް ހާސިލް ވާނީ ގުރުބާނީއެއް ވެގެންނެވެ. އެކަން އަބަދުވެސް ހަނދާން ކުރާށެވެ.

އެންމެ މުހިންމު ކަމަކީ އޭނާގެ ލޯބިވެރިޔާ ނެތް ކޮންމެ ހާލަތެއްގައި ތިބާ އޭނާގެ ފަހަތުގައި ހުންނާނެކަން ޔަގީންކޮށްދިނުމެވެ. ނަމަވެސް ހަނދާން ކުރާށެވެ. ފްރެންޑް ޒޯންގެ ޖަލުގައި ތިބާ ހައްޔަރު ނުވާށެވެ. ތިބާ އަކީ އޭނާ ފައިދާ ނަގަން ގެންގުޅޭ މީހަކަށް ނުވާށެވެ. އޭނާގެ ހިތުން ޖާގައެއް ލިބުމުން އަވަހަށް ލޯބި ހުށަހަޅާށެވެ. ނޫނީ ލަނޑެއް ލިބިދާނެއެވެ.

މިކިޔައިދިނީ މީހެއްގެ "ތެޔޮ ނާށި ކާޅު ގެންދާނެ ގޮތެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންސާނާ

    ސާބަސް..! މިއީ ކުރަން އެންމެ ރަނގަޅުކަމަކީ.. މީހުނަށް ރަނގަޅު ކަންކަމުގެ މައުލޫމާތު ގެނެސް ނުދެވެންޏާ ރީތިކޮއް މަޱުން ހުރުން ރަނގަޅީ.. މިވަރުންދާން ވެއްޖެޔާ މާދަމާ ލިޔާ ރިޕޯޓުގަ އޮންނާނީ " މީހެއްގެ އެކައުންޓުން ފައިސާ އަތުލައިގަންނާނެގޮތް" މި ޓޮޕިކް އާ ވައްތަރު.. އިސްލާމްދީނުގައި ވެސް މިއީ ހުއްދަ ކަމެއްނޫން.. މީހަކު ރަންކިޔާފަ ހުރި މީހަކާ އެއެހެން ފިރިހެނަކު ގާތްވުން ހުއްދައެތް ނޫން.. އެއީ އަހާގެ ހައްގަކަށް އަރައިގަތުން.. އެހެންވީމަ މަންޖެ ނޭނގި ނޫނީ އެނގިގެންވެސް ތިލިއުނު ރިޕޯޓަކީ ވ. ދަށުދަރަޖައިގެ އެއްޗެއް.. އަމިއްލަ މީހެއްގެ ތެޔޮނާށި ކާޅުޖަހައިގަންނަ ދުވަހަކުން އިޙްސާސް ކުރެވޭނީ..

    27
    1
  2. ޚޚކކ

    މިއީ ވަރަށް. ދަށުދަރަޖައިގެ ލިޔުމެއް. މީ ހަކަށް ގެއްލުމެއްދޭނެ ގޮތް ތިކިޔައިދިނީ

    21