ބޮލީވުޑުގެ އެކްޓަރު ސައިފް ޢަލީ ޚާނާއި ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ދެ ވަނަ ދަރިފުޅު ވިހެއުމަށް ފަހު ދަރިފުޅުގެ ފޮޓޯ މީސް މީޑިއާގައި ހާމަ ކުރަން ދެ މީހުން ބޭނުމެއް ނުވެއެވެ. މިހާތަނަށް އެ ދަރިފުޅުގެ މޫނު ފެންނަ އެއްވެސް ފޮޓޯއެއް މީސް މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ކަރީނާ ކަޕޫރުގެ ބައްޕަ ރަންދީރު ކަޕޫރުގެ އިންސްޓަގުރާމު އެކައުންޓުގައި އޭނާގެ ކާފަދަ ދެ ދަރިންގެ ކުޑަ އިރުގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާ ކުރި ފަހުން ފޮޓޯ ވަނީ ޑިލީޓް ކޮށްފައެވެ.

މި ފޮޓޯ ޑިލީޓް ކޮށްފައިވަނީ ޕޯސްޓު ކުރިތާ ކުޑަ ހިނދުކޮޅެއް ފަހުންނެވެ. ދެ ކާފަ ދަރިންގެ ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވަނީ ރަންދީރަށް އޮޅުމަކުން ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ފަހުން އެ ފޮޓޯ ޑިލީޓް ކޮށްލުމުންނެވެ.

މި ފޮޓޯގައި ކަރީނާ އާއި ސައިފުގެ ފުރަތަމަ ދަރިފުޅު ތައިމޫރުގެ ކުޑައިރުގެ ފޮޓޯއަކާއި ދެވަނަ ދަރިފުޅުގެ ފޮޓޯއެއްވެއެވެ. ދެވަނަ ދަރިފުޅު އޮތީ މަޑުނޫކުލައިގެ ޓީޝާޓެއް ލައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު މުށި ކުލައިގައިވާއިރު އެ ތުއްތު ކުއްޖާ ބޮޑަށް ވައްތަރީ ކަރީނާ އާއި ސައިފުގެ ދޮށީ ދަރިފުޅު ތައިމޫރާއެެވެ.

ކަރީނާ ދެ ވަނަ ދަރިފުޅު ވިހެއުމުން އުފަލުން ހުރި ރަންދީރު ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ތައިމޫރާއި ދެވަނަ ދަރިފުޅުގެ ވައްތަރު ކަމުގެ ވާހަކަ ދައްކާފައެވެ. އަދި ރަންދީރުގެ ދަރިފުޅު ކަރީނާއާއި ދަނބިދަރި ސައިފުއަށް ވަރަށް އުފާވާ ކަމަށް ވެސް މި އިންޓަވިއުގައި ރަންދީރު ބުނެފައިވެއެވެ.

ކަރީނާ އާއި ސައިފުގެ ދެވަނަ ދަރިފުޅަށް އެއް މަސް ފުރުމުން ކަރީނާ ވަނީ އޭނާގެ ފިލުމީ މަސައްކަތްތައް ފަށައިފައެވެ.