އާއްމުކޮށް ނުދެކެވޭ ވާހަކައެކެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާއިރު ބަރަހަނާ މަންޒަރު ބެލުން އެއީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ވެބްސައިޓްތަކުގެ ތެރޭގައި ވަރަށް ގިނަ ބަރަހަނާ ވެބްސައިޓްތައް ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަރަހަނާ މަންޒަރު ބެލުން އެއީ އެޑިކްޓްވާ ކަމެކެވެ. ކޮންމެ އެޑިކްޝަނަކުން ސަލާމަތްވުން ވެސް އެއީ އުނދަގޫ ކަމެކެވެ. އެހެންކަމުން ބަރަހަނާ ފިލްމު ބެލުން ހުއްޓާލުން ވެސް އެއީ ބުނާހާ ފަސޭހައިން ބައެއް މީހުންނަށް ކުރެވޭ ކަމަކަށް ނުވެއެވެ.

އަހަރެން މިކިޔައިދެނީ ބަރަހަނާ މަންޒަރު ބެލުން ހުއްޓާލުމަށް ކުރެވިދާނެ ކަންތައްތަކެވެ.

01.އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބޯލެނބުން

ބަރަހަނާ މަންޒަރު ބެލުން އެއީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަން ކޮންމެ މީހަކަށް ވެސް އެނގެއެވެ. އެފަދަ މަންޒަރު ބެލުން އެއީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން ވެސް އެނގެއެވެ. އެހެންކަމުން ބަރަހަނާ މަންޒަރު ބެލުން ހުއްޓާލުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ މިފަދަ ކަމެއް ކުރާ މީހަކަށް ލިބޭނެ އަޒާބު މަތިން ހަނދާންކޮށް އެކަމަށް ބިރުވެތިވުމެވެ. އަދި އިސްލާމްދީނުގެ އެހެން ވާޖިބުތަކާއި ފަރުޟުތަކަށް ތަބާވެ ދީނީ ކަންކަމަށް ފަރުވާތެރިވުން ވަރަށް މުހިއްމެވެ. ދީނީ ކަންކަމަށް ފަރުވާތެރިވުން އިތުރުވާވަރަކަށް ޝައިތޯނާގެ ވަސްވާސްތަކުން ދުރަށް ދެވޭނެއެވެ.

02.އެހެން މީހުންގެ އެހީ ހޯދުން

ދައްކަން ލަދުވެތި ވާހަކައެއް ކަމަށް ވީނަމަވެސް ފުރަތަމަ ކުރަން ޖެހޭ އަނެއް ކަމަކީ ބަރަހަނާ މަންޒަރު ބެލުން ހުއްޓާލުމަށް އަޒުމު ކަނޑައެޅިކަން އެވާހަކަ ބުނަން ކެރޭވަރުގެ ގާތް މީހުން ކައިރީ ބުނާށެވެ. އަދި އެއަޒުމުގައި ދެމިހުރުމަށް އެމީހުންގެ އެހީއަށް އެދޭށެވެ.

03.ހުރިހާ އެއްޗެއް ޑިލީޓް ކޮށްލާ

ފޯނާއި ލެޕްޓޮޕް އަދި އެހެން ވެސް އެއްޗެއްގައި ރައްކާކޮށްފައި ހުރި ހުރިހާ ބަރަހަނާ މަންޒަރުތަކެއް ޑިލީޓް ކޮށްލާށެވެ.

04.ބަރަހަނާ މަންޒަރުތައް ބްލޮކް ކުރާ އެޕްލިކޭޝަނެއް ބޭނުންކުރޭ

ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓްތައް ބްލޮކް ކުރާ ވަރަށް ގިނަ އެޕްލިކޭޝަންތައް އެބަހުއްޓެވެ. އޭގެތެރޭގައި ފޯނުގައި ބޭނުން ކުރެވޭނެ އެޕްލިކޭޝަންތަކާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރުގައި ބޭނުން ކުރެވޭނެ އެޕްލިކޭޝަންތައް ވެސް އެބަހުއްޓެވެ. މީގެ ތެރޭގައި ކިއުސްޓޯޑިއޯ، މައިކްރޯސޮފްޓް ފެމެލީ ސޭފްޓީ، ނޮޓޮން ފެމިލީ އޮންލައިން، ކޮވެނަންޓް އައިސް އަކީ ބަރަހަނާ މަންޒަރުތައް ބްލޮކް ކުރުމަށް ބޭނުން ކުރެވިދާނެ އެޕްލިކޭޝަންތަކެވެ. މި އެޕްލިކޭޝަންތަކުގައި ބޭނުން ކުރާ ޕާސްވޯޑަކީ ތިބާ އަށް ވެސް ނޭނގޭ ޕާސްވޯޑެއް ކަމަށް ހަދާށެވެ. ޕާސްވޯޑް ރަހުމަތްތެރިކު ލައްވާ ސެޓް ކުރާށެވެ.

05.ހުސްވަގުތު ކުރާނެކަމެއް ހޯދުން

ބައެއް މީހުން ބަރަހަނާ ފިލްމު ބަލަނީ މާގިނައިން ހުސްވަގުތު ލިބޭތީއެވެ. އެހެންކަމުން ހުސްވަގުތު ފުރާލުމަށް ކޮންމެވެސް އެހެން ކަމެއް ކުރާށެވެ. ގޭމެއް ކުޅުން ނުވަތަ ފިލްމެއް ބެލުން ފަދަ ކަމެއް ވެސް ކުރެވިދާނެއެވެ.

06.ނޭދެވޭ އަސަރުތައް އަމިއްލައަށް ގަބޫލު ކުރުން

ބަރަހަނާ މަންޒަރުތައް ބެލުމަށް އަމިއްލަ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތައް ގަބޫލު ކުރުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ކައިވެނި ކޮށްގެން އުޅޭ މީހަކު މިފަދަ ކަންތައް ކުރާނަމަ ދެމަފިރިންގެ ގުޅުމަށް ވެސް އަސަރު ކުރެއެވެ. އެހެންކަމުން މިފަދަ ކަންކަމާ ފުންކޮށް ވިސްނާ މިކަމުން ދުރުވުމުގެ އަޒުމު ވަރުގަދަ ކުރަން ޖެހެއެވެ.

އެއްވެސް އެޑިކްޝަނަކުން ސަލާމަތްވުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ގަދައަޅައި ކުރާ ބުރަ މަސައްކަތުން އެޑިގްޝަނުން ސަލާމަތްވުމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ބިރުހުރި ނުރައްކާެރިކަމެވެ. ބަރަހަނާ މަންޒަރުތައް ބަލާ ދިވެހިން ވަރަށް ގިނައެވެ. މާތްﷲ ގެ ކޯފާއެއް ނުލައްވަނީސް އަވަހަށް މިކަންކަން ހުއްޓާލަން ގޮވާލަމެވެ. އަދި ސަރުކާރުންވެސް މިކަންކަމަށް މަގުފަހިވާކަންކަމުން މީސްތަކުން ސަލާމަތްކުރަން ގޮވާލަމެވެ. މިފަދަ ސައިޓުތައް ބަންދުކޮށް މިފަދަ ކަންކަން ކުރާމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ.

  2. ައަންނިބެ

    ވަރަށް މަސައްކަތް ކުރިން ތިކަން ހުއްޓާލެވޭތޯ.