ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ ފިލުމު ސޫރިޔަވަންޝީ ރިލީޒް ކުރާ ތާރީޚް އަނެއްކާ ވެސް ފަސްކުރެވި ފިލުމުގެ ރިލީޒް ކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެއެވެ. ކެތުރީނާ ކެއިފްއާއި އަކްޝޭ ކުމާރުގެ އެންމެ ގިނަ މީހުން އެ ފިލުމަކަށް އިންތިޒާރު ކުރަމުންދާ މި ފިލުމު މިހާރު ވަނީ ތިން ފަހަރަށް ތާރީޚް ބަަދަލުކުރެވި ފަސްކޮށްފައެވެ.

އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކޮށް މިދިޔަ އަހަރުގެ މާރޗް 30 އަށް ރިލީޒް ކުރަން ތާވަލު ކުރެވުމަށް ފަހު ކޮރޯނާ ވައިރަސްގެ ސަބަބުން ފިލުމު އެޅުވުން ފަސްކުރެވުނެވެ. އެއަށްފަހު ފިލުމުތައް އޯޓީޓީ ޕްލެޓް ފޯމުގައި އަޅުވަމުން ދިޔަ ދުވަސްވަރު މި ފިލުމު އޯޓީޓީ ޕްލެޓް ފޯމުގައި އެޅުވުމާއި މެދު މަޝްވަރާ ކުރެވުނެވެ. ނަމަވެސް ޑައިރެކްޓަރ ރޯހިތު ޝެޓީ ބޭނުންވީ މި ފިލުމު ސިނަމާތަކުގައި އެޅުވުމަށެވެ.

ފިލުމު ރިލީޒް ކުރާނެ ވަކި ތާރީޚެއް ނެތި އޮއްވައި އިންޑިޔާގެ ސިނަމާތައް ހުޅުވުމާއި އެކު މި ފިލުމު އެޅުވުމުގެ ތާރީޚް މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރެވުނެވެ. އަދި އަކްޝޭ ކުމާރު ވެސް ވަނީ މި ފިލުމު ރިލީޒް ކުރާ ތާރީޚް ފައިނަލް ވެއްޖެ ކަމަށް ބުނެ ޓްވީޓް ވެސް ކޮށްފައެވެ.

މި ފިލުމު ރިލީޒް ކުރުމާއި ބެހޭގޮތުން މަހަރާޝްތުރާގެ ޗީފް މިނިސްޓަރާއި އެކު މަޝްވަރާ ކުރުމަށް ފަހު ފިލުމު ރިލީޒް ކުރުން އަނެއްކާ ވެސް ފަސް ކުރެވިއްޖެއެވެ. މި ފަހަރު ފިލުމު ފަސްކުރެވިފައިވަނީ އިންޑިޔާއަށް އައިސްފައިވާ ކޯވިޑުގެ ދެވަނަ ރާޅާއި ގުޅިގެންނެވެ.