ފިލުމު ''ހީރޯޕަންތީ'' އިން ބޮލީވުޑަށް ތަޢާރަފްވި ޖެކީ ޝްރޯފުގެ ދަރިފުޅު ޓައިގަރ ޝްރޯފް ބޮލީވުޑުގައި 7 އަހަރު ފުރުނީއެވެ. 7 އަހަރު ފުރުމުން އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ އަދި ވެސް ކުރީގެ އެ ލަދުރަކިކަން ހުރި މީހެއް ކަމަށެވެ.

އެކްޓް ކުރުމުގެ އިތުރުން ނެށުމާއި ލަވަކިޔުމުގައި ވެސް ފާހަގަ ކޮށްލެވޭ ޓައިގަރ ޝްރޯފްއަކީ އޭނާގެ މީސް މީޑިޔާ އެކައުންޓު ތަކުގައި ނެށުމާއި ޖިމްގެ ވީޑިއޯތަކާއި ފޮޓޯތައް ޕޯސްޓު ކުރާ ފަންނާނެކެވެ. އިންޑަސްޓްރީގައި ހަތް އަހަރު ފުރުމުން އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އިންސްޓަގުރާމުގައި ޓައިގަރ ސައިކަލެއްގެ މަތީގައި އޮށޯވެލައިގެން ބޮލުގައި ތޮތްޕެއް އަޅައިގެން އޮތް ފޮޓޯއެއް ހިއްސާ ކޮށްފައިވެއެވެ.

''ހަތް އަހަރު. ނަމަވެސް އަދި ވެސް ތޮފިން މޫނު ފޮރުގައި ހުންނަ ލަދުރަކި ކުއްޖާ. އަހަރެން މިކުރާ މަސައްކަތް ގަބޫލު ކުރާ ކަމަށްޓަކައި އެންމެންނަށް ޝުކުރިއްޔާ'' އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި ޓައިގަރ ލިޔެފައިވެއެވެ.

ޓައިގަރ ޝްރޯފް އިންޑަސްޓްރީއަށް ތަޢާރަފްވެފައިވާ ފިލުމު ''ހީރޯޕަންތީ'' ޑައިރެކްޓް ކޮށްފައިވަނީ ސަބީރު ޚާންއެވެ. މި ފިލުމު ރިލީޒް ކުރެވިފައިވަނީ 2014 ވަނަ އަހަރުގެ މާރޗް 23 ވަނަ ދުވަހުއެވެ. މި ފިލުމަކީ ބޮލީވުޑުގައި ހިޓް ފިލުމެކެވެ. އަދި ބެލުންތެރިންގެ ފަރާތުން ތަފާތު އެކި ކޮމެންޓްތައް ޓައިގަރއަށް ލިބިގެން ދިޔަ ފިލުމެކެވެ.

ޓައިގަރގެ ކުރިއަށް ހުރި ފިލުމުތަކަށް ބަލާއިރު ވިކާޝް ބާލް ޑައިރެކްޓް ކުރާ ''ގަންޕަތު'' ހިމެނެއެވެ. މި ފިލުމުގައި ޓައިގަރއާއި އެކު ފެނިގެންދާނީ ކްރިތީއެވެ. މީގެ އިތުރުން ބާޣީީ 4 އާއި ހީރޯޕަންތީ 2 ގެ މަސައްކަތް ވެސް އޮތީ ތާވަލު ވެފައެވެ.