މަންމައިންނަކީް ދަރިންނަށް ހެޔޮ ގޮތްތައް ވުމަށް އެދޭނެ މީހުންނެވެ. ދުވަހަކު ވެސް ދަރިއަކަށް ދެރައެއް ލިބުމަށް މަންމަ ނޭދޭނެއެވެ. ދަރިއަކަށް ދެރައެއް ލިބިއްޖެނަމަ އެންމެ ގާތުގައި ހުންނަނީ ވެސް މަންމަ އެވެ. މިއީ ގިނަ ފަހަރު ކަންތައް ވާގޮތެވެ. ނަމަވެސް ބައެއް ފަހަރު މަންމައިންގެ ފަރާތުން ވެސް ބުއްދި ގަބޫލު ކުރަން ދަތި އަނިޔާވެރި މަންޒަރުތައް ފެނިފައި އެބަހުއްޓެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ހާދިސާއެކެވެ.

އެމެރިކާގެ ޑަލަސްގައި އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށްވާ ޑެމިސަން މެކްޑޮނަލްޑް މިވަނީ އޭނާގެ ދެއަންހެން ދަރިން މަރާލާފައެވެ. އުމުރުން ހައަހަރުގެ އަންހެން ކުއްޖަކާއި އެއްއަހަރުގެ އަންހެން ކުއްޖަކު މަރާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ޑެމިސަން އޭނާގެ ދެދަރިން މަރާލުމަށްފަހު ފުލުހަށް ހާޒިރު ވީވެސް އަމިއްލައަށެވެ. އޭނާ ވަނީ ދެދަރިން މަރާލުމަށް ފަހު އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ޕޮލިސް ސްޓޭޝަންގެ ލޮބީގައި އިނދެ 911 އަށް ގުޅާ އޭނާ ހިންގި ޖަރީމާ ކިޔައި ދީފައެވެ.

ފުލުހުން ބުނާ ގޮތުގައި ޑެމިސަން އޭނާގެ ދެދަރިން މަރާލާފައި ވަނީ ދެދަރިންގެ ވެސް ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވެއެވެ. ނަމަވެސް ދެކުދިން މަރުވި އަސްލު ސަބަބު އެނގޭނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން ކަމަށް ފުލުހުން ބުނެއެވެ.

ޑެމިސަންގެ އާއިލާގެ މެންބަރެއް ކަމަށްވާ ޖެނީ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޑެމިސަންގެ ކިބައިން މިފަދަ އަނިޔާވެރި އަމަލެއް ފެނިގެން ހިނގައިދާނެ ކަމަކަށް އޭނާ ދަންނަ އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ. "އަހަރެމެން އެންމެން ވެސް ހީކުރަނީ އެއީ ވަރަށް ހެޔޮލަފާ މަންމައެއް ކަމަށް. އެކަމަކު އޭނާގެ ފުރަގަހުގައި ސިއްރުވެފައި މިއޮތީ އަނިޔާވެރިކަން. އަހަރެންނަށް އޭނާ ސިފަވަނީ މަންމައެއްގެ ސިފައިގައި ހުރި ފުރޭތައެއްގެ ގޮތުގައި." ޖެނީ ބުންޏެވެ.

ޑެމިސަން ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިއުމުން ވަނީ ކަފާލާތުގެ ފުރުސަތު ނުލިބޭ ގޮތައް ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ތީތަ އެމެރިކާ ބުނާ އަމިއްލަ މިނިވަންކަން؟

  2. Anonymous

    ބޮޑަށް ބެލެވެނީ ނަފްސާނީ ބަލީގެ ސަބަބުން ވީ ކަމެއްކަމަށް