ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލުމު ހެރީ ޕޮޓާގައި ވިޒާޑް އެލްޑްރެޑްގެ ރޯލު އަދާކޮށްފައިވާ ޕައުލް ރިޓާ އުމުރުން 54 އަހަރުގައި މަރުވެއްޖެއެވެ. ޕައުލް މަރުވެފައިވަނީ ސިކުނޑީގައި ޓިއުމަރެއް އުފެދިގެންނެވެ.

ޕައުލް މަރުވެފައިވަނީ އޭނާގެ ގޭގައި އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިފުޅު ގާތުގައި ހުރެ ޓިއުމަރާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.

އެންބީސީއަށް ދިން ބަޔާނެއްގައި ޕައުލްގެ ރެޕްރެޒެންޓަރ ބުނެފައިވަނީ ރޭގެ ވަގުތެއްގައި ޕައުލް މަރުވެފައިވާ ކަމަށެވެ. ''އޭނާ މަރުވެފައިވަނީ އަމިއްލަ ގޭގައި އަންހެނުން ޕޮލީއާއި ދެ ދަރިން ކަމަށްވާ ފްރޭންކްއާއި ނޯހްގެ ކައިރީގައި. ޕައުލްގެ އުމުރުން 54 އަހަރު. އޭނާއަށް ސިކުނޑީގައި ޓިއުމަރެއް އުފެދުނު. ޕައުލްއަކީ ތަފާތު ރޯލުތައް ކުޅެފައިވާ ހުނަރުވެރި އެކްޓަރެއް. ސްކްރީން ތަކުގައާއި ސްޓޭޖު ތަކުގައި ވެސް. ޕައުލް އަކީ ވިސްނުންތޫނު، އޯގާތެރި އަދި އެހާމެ މަޖާ މީހެއް. ވަރަށް ހަނދާންވާނެ ޕައުލް މަތިން'' ޕައުލްގެ ރިޕްރެޒެންޓަރ ބުނެފައިވެއެވެ.

ހެރީ ޕޮޓޯގެ އިތުރަށް ޕައުލް އަދާ ކޮށްފައިވާ ރޯލުތަކަކީ ''ހާފް ބްލަޑް ޕްރިންސް'' އާއި، ޗާނޯބިލްގައި އެނަޓޮލީ ޑިއަޓްލޮވްގެ ރޯލުތައް ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުގެ ޖޭމްސް ބޮންޑް ފިލުމު ''ކުއޭންޓަމް އޮފް ސޮލެސް'' އާއި 2011 ވަނަ އަހަރުގެ ޓީވީ ސީރީސްގައި ގުޑް މޭންގެ ރޯލު އަދާ ކޮށްފައިވާ ''ފްރައިޑޭ ނައިޓް ޑިނާ'' ފަދަ ފިލުމުތައް ވެސް ފާހަގަ ކޮށްލެވެ.

ޕައުލް ރިޓާ މަރުވުމުން ''ފްރައިޑޭ ނައިޓް ޑިނާ'' ސީރީސްގެ ޑައިރެކްޓަރ ރޮބާޓް ޕޮޕާ ވަނީ ތަޢުޒިޔާ ކިޔާފައެވެ.