1997 ވަނަ އަހަރު ފިލުމު ''ޕަރްދޭސް'' އިން ބޮލީވުޑަށް ތަޢާރަފްވި މަހިމާ ޗައުދަރީ މީގެ ކުރިން ދުވަހަކު ވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ނުދައްކާ ހުރި ބައެއް ވާހަކަތައް ހިއްސާ ކޮށްފިއެވެ.

މި ވާހަކަތައް ހިއްސާ ކުރަމުން މަހިމާ ބުނެފައިވަނީ އޭނާގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެއް ނޫން ކަމަށެވެ. އަދި އޭނާއަށް ދިމާވާ ދަތިތަކާއި ހިތްދަތި ވަގުތު ތަކުގައި ދުވަހަކު ވެސް އޭނާގެ ފިރިމީހާގެ އެހީތެރިކަމާއި ލޯބި ލިބިފައި ނުވާ ކަމަށެވެ.

ހިތްދަތި ކައިވެނީގެ ވާހަކަތައް ހިއްސާ ކުރަމުން މަހިމާ ބުނެފައިވަނީ އޭނާ ދެ ފަހަރަށް ބަލިވެ އިނދެ ބައިގެން ދިޔަ ކަމަށެވެ. މި ދެފަހަރު ވެސް ބައިގެން ގޮސްފައިވަނީ އޭނާ ކުރަން ޖެހުނު ހިތާމަ ތަކާއި ވިސްނަން ޖެހުނު ވިސްނުން ތަކުގެ ސަބަބުން ކަމަށް ވެސް މަހިމާ ބުނެފައިވެއެވެ.

ދެ ފަހަރަށް ބައިގެން ދިޔަ ނަމަވެސް އާއިލާއާއި އަދި ރަހުމަތްތެރިންނަށް އެކަން ސިއްރު ކޮށްފައިވާނެ ކަމަށާއި އެއީ އެމީހުން އަބަދު އެކަމާ ވިސްނާނެތީ ކަމަށް ވެސް މަހިމާ ބުނެފައިވެއެވެ.

2006 ވަނަ އަހަރު ކުރެވުނު މި ކައިވެނި ރޫޅިފައި ވަނީ 2013 ވަނަ އަހަރު ކަމަށާއި އެ ކައިވެނިން އޭނާއަށް ދަރިއަކު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މަހިމާއަށް ލިބިފައިވާ އަންހެން ދަރިއަށް ކިޔާފައިވާ ނަމަކީ އެރިއާނާއެވެ.

ދަރިއަކު ލިބި ވަރިވުމުގެ ކުރިން ގިނަ ވަގުތު ހޭދަ ކޮށްފައިވަނީ ދަރިފުޅާއި އެކު މަހިމާގެ މަންމަގެ ގޭގައި ކަމަށާއި އެ ގޭގައި ހުންނައިރު އޭނާއަށް ވަރަށް ހިތްހަމަ ޖެހުން ލިބޭ ކަމަށް ވެސް މަހިމާ ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު