ޔަމަނަށް މިދިޔަ ހަފްތާގައި ކުރި ވިއްސާރައެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ތާށިވެ ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތިފައި ހުރި އަންހެނަކަށް އެހީތެރިކަން ފޯރުކޮށްދީ އޭނާ ސަލާމަތް ކުރުމުގައި މެދުވެރިޔަކަށްވި ޒުވާނަކަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.

ފަރީދު އޮތަމަން އަލީ ޖައްބާރު ނަމަކަށް ކިޔާ ޒުވާނާ އަކީ ސައިކަލްގައި ޓެކްސީ ކުރުމުގެ ޚިދުމަތް ދެމުން އަންނަ މީހެކެވެ. މިދިޔަ ހަފްތާގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި އޮތް އިރު ވެސް އަލީ އުޅުނީ އެމަސައްކަތުގައެވެ.

އަލީ އަށް ކުއްލިއަކަށް ފެނުނީ ގަދައަށް އޮއެ ދެމެމުން ދިޔަ ސަރަހައްދެއްގައި އަންހެނަކު ހުރި މަންޒަރެވެ. އަންހެން މީހާ ސަލާމަތް ކުރެވޭނެ ގޮތެއް ހޯދަން އިމާރާތުގެ މަތީގައި ތިބި މީހުން އެވަގުތު މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުންގެ އަތުގައި ވަލެއް ވެސް އޮތެވެ.

އިމާރާތުގެ މަތީގައި ތިބި މީހުންގެ އަތުގައި އޮތް ވަލުގެ އެއްކޮޅު ތިރިއަށް ވައްޓާލުމުން އަލީ ވަނީ އަންހެން މީހާ އަށް ވަލުގައި ރަނގަޅަށް ހިފަހައްޓައިގެން ކުރެވޭނެ ގޮތް ހަދާ ވަލުގެ އެއްކޮޅުގައި އެއްޗެއް އައްސާފައެވެ. އޭގެ މަތީގައި އަންހެން މީހާ އަށް ފަސޭހައިން ހުރެވޭނެ ގޮތް އަލީ ހަދައިދިނެވެ.

ލަސްތަކެއް ނުވެ މަތީގައި ތިބި މީހުން ވަނީ ވަލަށް ދަމައިގެން އަންހެން މީހާ ސަލާމަތް ކޮށްފައެވެ.

އަލީ އޭނާގެ އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި އަންހެން މީހާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ފާހަގަ ކޮށް ވަރަށް ގިނަ ބަޔަކު ދަނީ އޭނާ އަށް ޝުކުރު އަދާކުރަމުންނެވެ.