ބޮލީވުޑްގެ ތަރި ދިއާ މިރުޒާ ރާއްޖެއަށް ކުރި ހަނީމޫން ދަތުރަށް ފަހު ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ޚަބަރު ފެތުރިގެން އުފެދިފައިވާ ބަހުސް އާއިއެކު އޭނާގެ ޚަބަރެއް ކޮންމެ ދުވަހަކު މީޑިއަ އިން ފެނެއެވެ. މިއަދު މިއޮތީ ރާއްޖެއަށް ކުރި ހަނީމޫން ދަތުރު ނިންމުމަށްފަހު ދިއާ ދޮންދަރީގެ އުފަންދުވަސް ފާހަގަކުރުން ފިރިމީހާގެ ކުރީގެ އަނބިމީހާއާއިއެކު ޕާޓީއެއް ބޭއްވި ޚަބަރެވެ.

ދިއާގެ ދޮންދަރި ކަމަށްވާ އުމުރުން 12 އަހަރުގެ ސަމައިރާގެ އުފަންދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީގައި ދިއާ ބައިވެރިވި މަންޒަރު ވީޑިއޯކޮށް ވީޑިއޯ އާއްމު ކޮށްފައި ވަނީ ވެސް ސަމައިރާގެ މަންމަ ސުނައިނާ ރެކީއެވެ. ސުނައިނާ އާއި ވައިބަބް ރިކީގެ ކައިވެނި ރޫޅުނުތާ އަހަރެއް ވީތަނުން ދިއާ އާއި ވައިބަބް ކައިވެނި ކުރި ނަމަވެސް ސުނައިނާ އާއި ދިއާގެ ގުޅުން ފެންނަ ފެނުމަށް ވަރަށް ރަނގަޅެވެ.

ދިއާ ހަނީމޫނަށް ރާއްޖެ އައީވެސް ދޮންދަރި ކަމަށްވާ ސަމައިރާއާއި އެކުއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ވެސް ދިއާ ވަނީ ސަމައިރާގެ ބައެއް ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

ދިއާ އާއި ވައިބަބް ކައިވެނި ކުރީ ވައިބަބްގެ ދަރިއަކަށް ދިއާ ބަލިވެ އިނުމުން ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ދިއާ ބުނީ އޭނާ އާއި ލޯބިވެރިޔާ ވައިބަބް ކައިވެނި ކުރަން ނިންމީ އޭނާ ބަލިވެ އިނުމުން ނޫން ކަމަށެވެ. "އަހަރެމެން ކައިވެނި ކުރަން ޕްލޭން ކުރަމުން ދަނިކޮށް އެނގުނީ އަހަރެން ބަލިވެއިންކަން. އަހަރެމެން ކައިވެނި ކުރީ އަހަރެން ބަލިވެ އިނުމަކުން ނޫން. ބަލިވެ އިންކަން އަހަރެމެން އިއުލާން ނުކޮށް ތިބީ ސިއްހީ ސަބަބުތަކަށްޓަކައި. ބަލިއިނުމަކީ އަހަރެންނަށް ލިބުނު އެންމެ އުފާވެރި ޚަބަރު. މިއީ އެތައް އަހަރެއް ވަންދެން އަހަރެން އިންތިޒާރު ކުރި ޚަބަރެއް. ސިއްހީ ސަބަބެއް ފިޔަވައި މިކަން އަހަރެން ސިއްރު ކުރަން ބޭނުންވާ އިތުރު އެއްވެސް ސަބަބެއް ނެތް." ދިއާ ބުންޏެވެ.