ދިއްލީގެ ސާ ގަންގާ ރަމް ހޮސްޕިޓަލުގައި ބާރަ އަހަރުގެ އަންހެން ކުއްޖަކު އޮޕަރޭޝަންކޮށް 5 ކިލޯގްރާމްގެ ޓިއުމަރެއް ނަގައިފިއެވެ.

ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ ކޮންމެވެސް ވަރަކަށް ބަނޑުގައި ރިހުމާއި އެކު ބަނޑު ފުފޭތީއެވެ. އަންހެން ކުއްޖާގެ ބަނޑު ފުރިފައި ހުންނަ ގޮތް ވެފައި، މަޑު މަޑުން ބަނޑު ފުފެން ފެށުނީ މީގެ 5-4 އަހަރު ކުރިންނެވެ.

މިދިޔަ އަހަރުން ފެށިގެން ބަނޑު މާ ބޮޑަށް ފުފެމުން ދާތީ އުނދަގޫވާ ކަމަށާއި، ނޭވާ ލާން އުނދަގޫވެ ބަނޑުގައި ރިއްސާ ކަމަށް މި ކުއްޖާ ބުނެފައިވެއެވެ. އެވަގުތު ޑޮކްޓަރަށް ދައްކަން ގޮސްފައި ނުވަނީ ކޮރޯނާވައިރަހުގެ ބިރަށް ކަމުގައި އާއިލާއިން ބުނެފައިވެއެވެ.

މިދިޔަ މަހު ބާރަ އަހަރުގެ ކުއްޖާ ވަނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރަކަށް ދައްކާފައެވެ. ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ ބަނޑު ފުފިފައި ވާލެއް ބޮޑު ކަމުން ހައިރާންވި ކަމަށެވެ. ވަގުތުން ސްކޭން ކޮށް ބެލި އިރުގައި ބޮޑު ޓިއުމަރެއްް އުފެދިފައި ވާކަން ފާހަގަ ވިކަމަށެވެ.

އާއިލާ އާއި މަޝްވަރާ ކުރުމަށް ފަހު އޮޕަރޭޝަން ކުރެވިފައިވަނީ މާރޗް 3 ވަނަ ދުވަހުއެވެ. ބަނޑުގައި ޓިއުމަރު އުފެދިފައި ވާލެއް ބޮޑުކަމުން ލޭ ހޮޅިތަކާއި ގޮހޮރު ފިތިފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ. ދެތިން ގަޑި އިރުގެ މި އޮޕަރޭޝަން ކުރުމުގެ ތެރެއިން ގޮހޮރަށާއި ލޭ ހޮޅިތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޑޮކްޓަރު ބުންޏެވެ.

ޓިއުމަރުގައި 22*32 ސެންޓިމީޓަރު ހުރި އިރު ބަރުދަނުގައި 5 ކިލޯ ހުއްޓެވެ. ޓިއުމަރުގެ އިތުރު ތަހުލީލް ތަކެއް މިހާރު ދަނީ ކުރަމުންނެވެ. ޑޮކްޓަރު މައުލޫމާތު ދީފައިވަނީ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމާއި މިހާރު ހޮސްޕިޓަލުން ދޫކޮށްލެވިފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު