މިދިޔަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވެފައިވާ ސުޝާންތު ސިންގް ރާޖުޕޫތުގެ ދިރިއުޅުމާއި އޭނާގެ މަރުގެ ހާދިސާތައް ދައްކުވައިދޭ ފިލުމެއް ތައްޔާރު ކުރާނެ ކަމަށް ޑައިރެކްޓަރ ރާމް ގޯޕާލް ވަރުމާ ބުނެފިއެވެ.

ޓްވިޓާގައި ހަރަކާތްތެރި ރާމް ގޯޕާލް ވަނީ ރިއާ ޗަކްރަބޯތީއަށް ތާޢީދުކޮށް އެތައް ޓްވީޓެއް ކޮށްފައެވެ. އަދި އިންޑަސްޓްރީގައި ރިއާއާއި މެދު ދެކެމުންދާ ގޮތާއި އޭނާއާއި މެދު މީހުން ކަންތައް ކުރާ ގޮތުގެ ވާހަކަތައް ވެސް އެތައް ޓްވީޓެއްގައިވެއެވެ.

ސުޝާންތު ސިންގްގެ މަރުގެ ތަހުގީގަށް ވީގޮތެއް ނޭނގޭ ކަމަށާއި ރިއާ ޗަކްރަބޯތީއަށް ވީ ގޮތެއް މިހާރު ނޭނގޭ ކަމަށާއި މީސް މީޑިއާއަކީ ދެ ދުވަހަކު އެކަމަކާއި ގުޅިގެން ވާހަކަ ދައްކާލުމަށްފަހު އެކަމެއްގެ މަތިން ހަނދާން ނެތިގެންދާ ޕްލެޓް ފޯމެއް ކަމަށް ވެސް ރާމް ގޯޕާލް ބުނެފައިވެއެވެ.

ސުޝާންތު ސިންގްގު ރާޖުޕޫތުގެ ދިރިއުޅުމާއި އޭނާގެ މަރާއި ގުޅޭގޮތުން ފިލުމެއް ތައްޔާރު ކުރުމަށް ވިސްނާފައިވޭތޯ ރާމް ގޯޕާލަށް ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ ފަހަރެއްގައި އެކަމާއި ގުޅިގެން ފިލުމެއް ހެދިދާނެ ކަމަށާއި ނުވަތަ ނުހެދިދާނެ ކަމަށެވެ. ނަމަވެސް އޭނާއަށް ބޮޑަށް ހީވަނީ އެކަމާއި ގުޅިގެން އޭނާ ފިލުމެއް ތައްޔާރު ކުރާނެހެން ކަމަށް ވެސް ރާމް ގޯޕާލް ވަރުމާ ބުނެފައިވެއެވެ.

މި ފިލުމު ތައްޔާރު ކުރުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށާއި އާއިލާގެ ފަރާތުން ވެސް ހޯދަންޖެހޭ އެތައް މަޢުލޫމާތެއް ހުރި ކަމަށް ވެސް ރާމް ގޯޕާލް ވަރުމާ ބުނެފައިވެއެވެ.