ޝާހިދު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގެ ގެ މަސައްކަތްތައް، ބާރަށް ކުރިއަށް ދާއިރު، ލޮކޭޝަނަކަށް ގޮސް، ފަސް ތަރީގެ ހޮޓަލެއްގައި ތިބުމުގެ ބަދަލުގައި، އެ ދެތަރިން އާދައިގެ ކުޑަކުޑަ ޖިފުޓިގަނޑެއްގައި ތިބޭގޮތަށް ހަމަޖެހިއްޖެއެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ "މިޑް ޑޭ" އިން ބުނެފައިވާގޮތުގައި، މި ދެ ތަރިން އާދައިގެ ޖިފުޓިގަނޑެއްގައި ތިބޭގޮތަށް ހަމަޖެހިފައިވާއިރު، އެމީހުން ތިބޭ ސަރަޙައްދަކީ ވަރަށް ފިނި ސަރަޙައްދެއްވެސްމެއެވެ.

އެނޫހުން އިތުރަށް ބުނެފައިވާގޮތުގައި، ފިލްމުގެ ޕްރޮޑިއުސަރުން އެންމެ ފުރަތަމަ ބޭނުންވީ ފަސް ތަރީގެ ފެންވަރުގެ ހޮޓަލެއްގައި ދެ ތަރިން ބޭއްތިއްބުމަށެވެ. އެހެންނަމަވެސް، އެފަދަ ހޮޓަލެއް އެންމެ ކައިރީގައި ހުންނަނީވެސް، ތިން ގަޑިއިރުގެ ދަތުރަކަށްފަހު ދެވޭހާ ދުރުގައެވެ.

އެހެންކަމުން، ދެ ތަރިންގެ ގާތުގައި، ތިބޭ ތަނަކާމެދު ސުވާލުކުރުމުން، ޖިފުޓިގަނޑެއްގައި ތިބުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާކަމަށްވެސް އެނޫހުގައިވެއެވެ. އެކަމަށް އެންމެ ފުރަތަމަ އެއްބަސްވީވެސް ޝްރައްދާކަމަށްވެސް ބުނެފައިވެއެވެ.

މި ދެތަރިން މިހާރު އެކުގައި ކުރަމުންދަނީ "ބައްޓީ ގުލް މީޓަރ ޗަލޯ" ގެ މަސައްކަތެވެ.