އުމުރުން 10 އަހަރުގައި ރުޅި އައިސްގެން ގެއިން ނިކުމުގެން ދިޔަ ދަރިފުޅާއި 10 އަހަރު ފަހުން އާއިލާއިން ބައްދަލުވެއްޖެއެވެ.

އިންޑިއާ އުއްތަރް ޕްރަދޭޝްގައި ދިރިއުޅެމުންދިޔަ އެ ކުއްޖާ ގެއިން ފިލައިގެން ދިޔައިރު، އޭނާއަށް މިހާރު އޭނާގެ ބައްޕައާ ވަނީ ބައްދަލުވެފައެވެ.

ވިޝާލް ސައިނީ ނަމަކަށް ކިޔާ އެ ކުއްޖާއަށް މިހާރު ވަނީ 20 އަހަރުވެފައެވެ. ވިޝާލް އޭނާ ދިރިއުޅޭ ގެއިން އެއިރު ނިކުމެގެން ދިޔައީ ބައްޕަ އޭނާއާ ދިމާލަށް ހަޅޭލެވުމުން އެކަމާއި ރުޅި އައިސްގެންކަމަށް ސޯޝަލް ސެކިޔުރިޓީ ޑިޕާޓްމެންޓުން ބުނެއެވެ.

އެ ކުއްޖާ އެއިރު ގެއިން ފިލައިގެން ރޭލެއްގައި ދިޔައީ ޖަމްނަގަރް އަށެވެ. އެތަނުން އޭނާ ރާޖްކޮޓްގައި ފިރިހެން ކުދިން ބަލަހައްޓާ ތަނަކަށް ވަނީ ގެންގޮސްފައެވެ.

ވިޝާލް އޭރު އައިސްފައި ހުރި ރުޅީގައި އޭނާ ވަނީ އޭނާ ދިރިއުުނު ގޭގެ މައުލޫމާތާއި ބެލެނެވެރިންގެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. ނަމަވެސް އޭނާއާ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވާހަކަދައްކަމުން ގޮސް އޭނާ ދިރިއުޅޭ ގޭގެ އެޑްރެސް އެ މީހުންނަށް ވަނީ ލިބިފައެވެ. އެ އެޑްރެސް އޭނާ ދިނީ އޭނާއަށް އިނގޭ ގޮތަކަށެވެ. އެއިރު ކަމާ ބެހޭ ފަރާތްތަކަށް އޭނާ ދިން މައުލޫމާތަށް ބިނާކޮށް އެއްވެސް ގޮތަކަށް އޭނާ ހޯދޭނެ ގޮތެއް ނުވިއެވެ.

ނަމަވެސް މީގެ 10 ވަރަކަށް ދުވަސް ކުރިން ވިޝާލް ވަނީ އޭނާއަކީ އުއްތަރް ޕްރަދޭޝްގެ އެތްވާހްއަށް ނިސްބަތްވާ ކުއްޖެއް ކަމަށް ބުނެފައެވެ. އަދި ވިޝާލް ފަހުން ދިން މައުލޫމާތުގެ އަލީގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ވިޝާލްގެ ބައްޕައަށް އޭނާގެ ދަރިފުޅު ހުރިތަނުގެ މައުލޫމާތު ދީފައެވެ.

އަދި މިދިޔަ އާދީއްތަ ދުވަހު ވިޝާލްއަށް ވަނީ އޭނާގެ ބައްޕައާއި ބައްދަލުކުރެވިފައެވެ. ވިޝާލްގެ ބައްޕަ ބުނިގޮތުގައި، އޭނާ އަބަދުވެސް ގެއްލުނު އެ ދަރިފުޅު ފެނިދާނެކަމަށް އުއްމީދު ކުރިއެވެ. އޭނާ ވަނީ އުއްތަރްޕްރަދޭޝް އާއި ގުޖްރާތްގެ ޑިޕާޓްމެންޓްތަކަށް ޝުކުރުވެރިވެފައެވެ.