އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް ދިރިއުޅުއްވަމުން ގެންދަވާ އެމެރިކާގެ ކެލިފޯނިއާގެ ގެއިން ޖުލައި މަހުން ފެށިގެން މިހާތަނަށް ނުވަ ފަހަރަށް ފުލުހުންނަށް ފޯން ކޯލްތައް އައިސްގެން ފުލުހުން އެގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ޕްރިންސް ހެރީގެ ގެއަށް ދިޔަ އަދަދުތައް ހާމަކޮށްފައި ވަނީ މައުލޫމާތު ހޯދުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މީޑިއާއަކުން އެމައުލޫމާތު ހޯދަން އެދުމުންނެވެ.

ފުލުހުން ބުނީ ޖުލައި މަހު ހަތަރު ފަހަރަށް ފުލުހުން ޕްރިންސް ހެރީގެ ގެއަށް ދާން ޖެހުނު ކަމަށެވެ. އޭގެތެރެއިން އެއްފަހަރު ދިޔައީ އެެގެއަށް ފުލުހުން އައުމަށް އެދުމުން ކަމަށް ފުލުހުން އާއްމުކުރި ލިޔުމުގައި ބުނެފައި ވެއެވެ. ޖުލައި މަހު ދެން ތިން ފަހަރަށް ފުލުހުން އެގެއަށް ދިޔައީ "އެލާމް އެކްޓިވޭޓް" ވުމުން ކަމަށް ފުލުހުން އާއްމުކުރި ލިޔުމުގައި ބުނެފައި ވެއެވެ.

ޖުލައި މަހުން ފެށިގެން މިހާތަނަށް ޕްރިންސް ހެރީގެ ގެއަށް ވަންނަން އުޅުނު މައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ލިޔުުން ދައްކައެވެ.

ޕްރިންސް ހެރީގެ ސަލާމަތީ ކަންކަން ކުރިން ބަލަހައްޓަމުން ގެންދިޔައީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިންނެވެ. ނަމަވެސް ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލުމަށްފަހު އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރުމުން ޝާހީ އާއިލާ އިން ޕްރިންސް ހެރީ އަށް މިހާރު ސެކިއުރިޓީއެއް ނުދެއެވެ.

ޕްރިންސް ހެރީ އާއި މޭގަން މިހާރު ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އަމިއްލައަށް އެކަމަށް މުވައްޒަފުން ނަގައިގެންނެވެ.