ރާނީ އެލިޒަބަތަކީ މިހާރު ދުނިޔޭގައި ތިއްބެވި ލީޑަރުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ލީޑަރެވެ. އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް މިއަދު އަވަހާރަވުމާއިއެކު ދެކަނބަލުންގެ ލޯބީގެ ވާހަކަތައް މިވަނީ މީޑިއާގެ ސަމާލުކަން އަނެއްކާވެސް ހޯދާފައެވެ.

ފިލިޕް އާއި ރާނީ އެލިޒަބަތު ފުރަތަމަ ބައްދަލުވީ 1934 ވަނަ އަހަރު އެވެ. އެއީ އެލިޒަބަތުގެ ބޮޑުބޭބެ ޑުކް އޮފް ކެންޓްގެ ކައިވެނި ޕާޓީންނެވެ. ކެންޓަކީ ފިލިޕް އާއި ދެބެންދެދަރި ބޭފުޅެކެވެ. އެބައްދަލުވުމަށް ފަހު ދެން ފިލިޕް އާއި އެލިޒަބަތު ބައްދަލުވީ 1939 ވަނަ އަހަރުއެވެ. ފިލިޕް ނޭވަލް ކެޑޭޓެއްގެ ގޮތުގައި ޑޯޓްމައުތު ކޮލެޖްގައި އުޅުއްވި ދުވަސްވަރު ބައްދަލުވެ ދެބޭފުޅުންގެ ގުޅުން ބަދަހިވާން ފެށިއިރު ފިލިޕްގެ އުމުރުން 18 އަހަރެވެ. އޭރު އެލިޒަބަތަށް އެންމެ 13 އަހަރެވެ.

އަސްކަރިއްޔާގައި ފިލިޕް ރަސްމީކޮށް މަސައްކަތް ފެއްޓެވިއިރު ދެބޭފުޅުންގެ ގުޅުން ވަނީ ލޯތްބަށް ބަދަލުވެފައެވެ. ސިޓީގެ ޒަރީއާއިން ދެބޭފުޅުންގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވެމުން ދިޔަ ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ފިލިޕްގެ ހާލަތާއި މެދު އޭރު އެލިޒަބަތު ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

1943 ވަނަ އަހަރުގެ ކްރިމަސް ޗުއްޓީވީ ފިލިޕް އާއި އެލިޒަބަތަށް ވަރަށް ހާއްސަ ޗުއްޓީއަކަށެވެ. އެއީ ފިލިޕް ފުރަތަމަ ފަހަރަށް އެލިޒަބަތުގެ އާއިލާއާއިއެކު ފާހަގަ ކުރި ކްރިސްމަސް ޗުއްޓީއެވެ. ނަމަވެސް ޝާހީ އާއިލާ މެންބަރުން ފިލިޕް އާއިމެދު ދެކެމުން އައީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ސަބަބަކީ އޭނާ އާއި ގްރީސްގެ ޝާހީ އާއިލާ އާއި ގުޅިފައި އޮތުމުންނާއި ޖަރުމަނާއި ވެސް ހާއްސަ ގާތް ގުޅުމެއް ފިލިޕް ބާއްވަމުން ގެންދިއުމުންނެވެ.

ރަސްގެފާން ޖޯޖްގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ދޮށީ ދަރިކަނބަލުން އެންމެ ފުރަތަމަ ލޯބިވެރިޔާ އާއި ކައިވެނި ކުރައްވަން އުޅުއްވާތީއެވެ. އަވަސް އަރުވާލައިގެން ކުރައްވާ ކައިވެންޏަކުން ރާނީ އެލިޒަބަތަށް ދެރަގޮތެއް މެދުވެރިވެދާނެ ކަމުގެ ކަންބޮޑުވުން ރަސްގެފާން ޖޯޖްގެ ހިތްޕުޅުގައި ވަރަށް ބޮޑަށް އޮތެވެ.

ކޮންމެއަކަސް ރާނީ އެލިޒަބަތާއި ފިލިޕްގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުން އައިސް 1947 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހު އެންގޭޖްވެ ވަޑައިގަތެވެ. އަދި އެއަހަރުގެ ފަހުކޮޅު ދެކަނބަލުން ކައިވެނި ބައްލަވައިގެންނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި 2000 މެހެމާނުން ބައިވެރިވިއެވެ.

1952 ވަނަ އަހަރު ރަސްގެފާން ޖޯޖް އަވަހާރަވުމުން އިނގިރޭސިވިލާތުގެ ތަހުތައް ރާނީ އެލިޒަބަތު ވަޑައިގެންނެވިއެވެ. އެލިޒަބަތާއި ފިލިޕް އަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެތެރެއިން ތިން ބޭފުޅުންގެ ކައިވެނި ރޫޅިގެން ދިޔަ ނަމަވެސް މަންމަ އާއި ބައްޕަގެ ގޮތުގައި އެލިޒަބަތު އާއި ފިލިޕް ދަރިންނަށް ދެއްކެވި ނަމޫނާ ވަރަށް ރީއްޗެވެ. 73 އަހަރު ވެގެން ދިޔަ ކައިވެނި ފެނުނީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ ގޮތުގައެވެ.

ރާނީ އެލިޒަބަތު އެތައް ފަހަރަކު ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ރާނީގެ ގޮތުގައި އިނގިރޭސިވިލާތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި ނަމަވެސް އާއިލާގެ އިސްވެރިޔަކީ އަބަދުވެސް ފިލިޕް އެވެ.