ދުއްވާފައި ދިޔަ ބޮޑު ޓްރަކެއްގެ ދަށުވި މީހަކު، ހައިރާން ކުރަނިވި ގޮތަކަށް ސަލާމަތްވެއްޖެއެވެ. ފިލިޕީންސްގެ ސިޓީއެއްގެ ބާރުބޮޑު މަގެއްގެ މަތިން، ޓްރަކެއްގެ ދަށުވެފައިވަނީ ސައިކަލުގައި ދުއްވާފައި ދިޔަ މީހެކެވެ.

މި މީހާ ޓްރަކުގެ ދަށުވާ މަންޒަރު ފެންނަ ފޮޓޯތައް މީސް މިޑިޔާގެ އެކި މަންސަ (ޕްލެޓްފޯމް) ތަކުގައި އާއްމުވެފައިވެއެވެ.

އާއްމުވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި ސައިކަލު ދުއްވާފައި ދިޔަ މީހާ، ޓްރަކުގެ ދަށުވެފައިވަނީ ކަނާތް ފަޅިން އޯވާޓޭކް ކުރުމަށް އުޅުމުގެ ތެރޭގައެވެ. އަދި، ޓްރަކު ދަށުވުމާއެކު އެމީހާވަނީ މަގުމައްޗަށް ވެއްޓިފައެޗެ.

ވީޑިޔޯ އިން ދެންނަ ފެންނަ ގޮތުގައި ޓްރަކުގެ ފުރޮޅުވަނީ އެމީހާގެ ބޮލުގެ ބަޔަކަށް އަރާފައެވެ. އެހެންނަމަވެސް، އެމީހާ ހެލްމެޓު އަޅައިގެން ހުރުމުގެ ސަބަބުން ބޮލަށް އެއްވެސް ހާނީއްކައެއްވެފައި ނުވެއެވެ. އަދި، ހުރިހާ ގެއްލުމެއް ލިބިފައިވަނީ އަޅައިގެން ހުރި ހެލްމެޓަށެވެ.

މީގެއިތުރުންވެސް، އާއްމުވެފައިވާ ވީޑިޔޯ އިން ފެންނަ ގޮތުގައި ބޮޑު އުޅަނދު ދަށުވުމަށްފަހު، އެމީހާ ތެދުވުމަށް މަސައްކަތް ކުރެއެވެ. އެގޮތަށް ދެތިން ފަހަރަކު ތެދުވުމަށް މަސައްކަތްކުރިއިރު، ފަހުން ތެދުވުމަށްފަހު، ކަކޫ ޖައްސައިގެން، ސައިކަލު ކައިރީގައި އިށީނދެގެން އިން މަންޒަރު ފެނެއެވެ.

މިފަދަ ބައެއް ކަންކަން، މީގެކުރިންވެސް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު