ފޭސްބުކް ބޭނުންކުރާ 500 މިލިއަނަށްވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތުތައް ލީކްވުމުން އެކަމުގެ ކަންބޮޑުވުމުގައި އެތައް ބަޔަކު ތިއްބާ އަނެއްކާ ވެސް މިވަނީ 500 މިލިއަން މީހުންގެ އިތުރު ޒާތީ މައުލޫމާތުތަކެއް ލީކް ކޮށްލާފައެވެ. މިފަހަރު ލީކް ކޮށްލާފައި ވަނީ ލިންކްޑްއިން ބޭނުންކުރާ މީހުންގެ މައުލޫމާތެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މައިކްރޯސޮފްޓް އިން ހިންގާ މީސްމީޑިއާ ވެބްސައިޓް ކަމަށްވާ ލިންކްޑްގެ ގިނަ މައުލޫމާތުތަކެއް ވިއްކަން މިހާރު އިންޓަނެޓްގައި އެބަހުއްޓެވެ. ލިންކްޑްގެ އިން ބޭނުންކުރާ މީހުންގެ ނަމާއި އީމެއިލް އެޑްރެހާއި ފޯން ނަމްބަރުގެ އިތުރުން އިތުރު ބައެއް ޒާތީ މައުލޫމާތުތައް ވެސް ވަނީ ލީކް ކޮށްލާފައެވެ.

އާއްމު ގޮތެއްގައި ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުންގެ މެދުގައި މަގުބޫލް ވެބްސައިޓް ލިންކްޑް އިން ވެސް ވަނީ މައުލޫމާތުތަކެއް ލީކްވިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ލީކްވި މައުލޫމާތުތަކުގެ ތެރޭގައި ޕްރައިވެޓް އެކައުންޓްތަކުގެ މައުލޫމާތު ނުހިމެނޭ ކަމަށް ލިންކްޑް އިން ބުނެއެވެ. ލީކްވެފައިވާ ފޯން ނަމްބަރުތަކަކީ ވެސް ވެބްސައިޓްގައި އާއްމުކޮށް ފެންނަން ހުރި މައުލޫމާތެވެ.

ބްލޫމްބާގް އިން ބުނާ ގޮތުގައި ލިންކްޑްއިންގެ މައުލޫމާތުތައް ލީކްވި މައްސަލަ އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ތަހްގީގު ކުރަމުންނެވެ.

މައުލޫމާތު ލީކްވި މީހުންނަށް އެކަން އަންގައި އީމެއިލްއެއް ކުރާނެ ކަމަށް ލިންކްޑްއިން ވަނީ ބުނެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް ލިންކްޑްގެ އިން އެފަދަ އެންގުމެއް އަންގާފައެއް ނުވެއެވެ.

އިންޓަނެޓް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ލީކް ވަމުން ދާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.